ސްރީލަންކާގައި މި އަހަރު ފަހުކޮޅު އޮންނަ ރިޔާސީ އިންތިޚާބުގައި ވާދަކަރައްވާނެކަން ކުރީގެ ޑިފެންސް ސެކްރެޓަރީ ގޮތަބަޔާ ރާޖަޕަކްސާ އިއުލާންކުރައްވައިފިއެވެ.
އޭނާގެ ބޭބޭފުޅު، މަހިންދަ ރާޖަޕަކްސާ ރައީސުކަން ކުރެއްވި އިރު، އޭނާގެ ދިފާއީ ވަޒީރުކަމުގައި، ބާރުގަދަ ޑިފެންސް ސެކްރެޓަރީއަކަށް ހުންނެވި ގޮތަބަޔާއަކީ ތަމަޅަ ހަނގުރާމަވެރިން ބަލިކުރުމުގައި އެންމެ އިސް ދައުރެއް އަދާކުރެއްވި އެއް ބޭފުޅާއެވެ. އެހެންކަމުން، ތަމަޅައިންގެ ގިނަ ބަޔަކު އަނިޔާވެރިކޮށް މަރާލުމުގެ ތުހުމަތު އިންސާނީ ހައްގުތަކަށް ވަކާލާތަކުރާ ޖަމާއަތްތަކުން އޭނާގެ މައްޗަށް ކުރެއެވެ.
"އަހަރެން ވާދަކުރާނެކަމީ ކަށަވަރުކަމެއް." ބޭރުގެ ނޫހަކަށް ދެއްވި ބަސްދީގަތުމެއްގައި އޭނާ ވިދާޅުވިއެވެ. "ވަރަށް ކުރިއްސުރު އަހަރެން ހުރީ (ރައީސުކަމަށް ކުރިމަތިލާން) ނިންމައިގެން. އެހެން ނޫންނަމަ އެމެރިކާގެ ރައްޔިތަކަށް ހުރެފައި އަހަރެން އެކަން ދޫކޮށްލުމުގެ ބޭނުމެއް ނެތް." އޭނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވިގޮތުގައި އޭނާ ރައީސުކަމަށް ހޮވިވަޑައިގެންފިނަމަ، އެންމެ އިސްކަމެއް ދެއްވައިގެން ކުރައްވާނެ އެއްކަމަކީ، ޖާސޫސީ އިދާރާ ވަރުގަދަށް، މީހުން އުޅޭނުއުޅޭ ގޮތް ބަލައިގެން، އިސްލާމީ ހަރުކަށިކަން އެގައުމުން ނައްތާލުމެވެ.
އިސްލާމިކް ސްޓޭޓް (އައިއެސް) އިން ޒިންމާ އުފުލާފައިވާ، އީސްޓާ އާދިއްތަ ދުވަހުގެ ހަމަލާތަކަށް ފަހު، ގޮތަބަޔާ ފަދަ ހަރުކަށި އުސޫލުތައް ގެންގުޅުއްވާ ބޭފުޅުންނަށް ލިބިވަޑައިގަންނަވާ ތާއީދު އިތުރުވެފައިވާ ކަމަށް ގަބޫލުކުރެވެއެވެ. އެހެންކަމުން، 250 އަށްވުރެ ގިނަ މީހުން މަރުވި އެ ހަމަލާތަކަކީ އޭނާއަށް ހެޔޮ ފާލަކަށް ވުންވެސް ގާތެވެ.
ރައީސުކަމަށް ކުރިމަތިލައްވާނެކަމުގެ "%100 ޔަގީން"ކަން ދެއްވި ގޮތަބަޔާއާ ދެކޮޅަށް އެމެރިކާގެ ކޯޓެއްގައި ވަނި ދައުވާކޮށްފައެވެ. ތަމަޅައިންނާ ދެކޮޅަށް ކުރި ހަނގުރާމައިގައި އޭނާ ހިންގަވާފައިވާ ކަމަށް ބުނާ ޖަރީމާތަކުގެ ދައުވާ އޭނާގެ މައްޗަށް އުފުލާފައިވަނީ، ހަނގުރާމައިން ސަލާމަތްވެގެން އެމެރިކާއަށް ދިޔަ ތަމަޅަ މީހެކެވެ. އެމީހާގެ ފަރާތުން، އެމެރިކާގެ ލޯ ފާމް ހައުސްފެލްޑާ ގުޅިގެން، މި ދައުވާ އުފުލާފައިވަނީ ދެކުނު އެފްރިކާގެ ޖަމްއިއްޔާއެއް ކަމުގައިވާ، އިންޓަނޭޝަނަލް ޓްރުތު އެންޑް ޖަސްޓިސް ޕްރޮޖެކްޓެވެ.
ދިރާސާކުރާ ނޫސްވެރިއެއް ކަމުގައިވާ ލަސަންތާ ރުހުނަގޭ ދެކޭގޮތުގައި ގޮތަބަޔާ އަކީ 'ވަރުގަދަ މީހެއް' ކަމުގައި ގިނަ ބަޔަކު ދެކެއެވެ. އެހެންކަމުން އާއްމުންގެ ތެރެއިން ގިނަ ބައެއްގެ ތާއީދު އޭނާއަށް ލިބޭނެއެވެ.
އެމްނެސްޓީ އިންޓަނޭޝަނަލުން ބުނާ ގޮތުގައި ގޮތަބަޔާ ރާޖަޕަކްސާއާއި އޭނާގެ ބޭބޭފުޅު މަހިންދަ ރާޖަޕަކްސާ އިސްކޮށް ތިއްބަވައިގެން ތަމަޅަ ހަނގުރާމަވެރިން ބަލިކޮށް ނިންމެވިއިރު 1 ލައްކައަށްވުރެ ގިނަ ތަމަޅައިން ވީނުވީއެއް ނޭނގި ގެއްލިފައި ވެއެވެ.