ކީރިތިރަސޫލާ عليه الصلاة والسلام ޙަދީޘްކުރައްވަނީ لَيْسَ الصِّيَامُ مِنَ الأَكْلِ وَالشَّرْبِ فَقَطْ. إِنَّمَا الصِّيَامُ مِنَ اللَّغْوِ وَالرَّفَثِ. فَإِنْ سَابَّكَ أَحَدٌ أَوْ جَهِلَ عَلَيْكَ فَقُلْ : إِنِّى صَائِمٌ [1] - "ރޯދަހިފުމަކީ ހަމައެކަނި ނުކައި ނުބޮއި ހުރުމެއްނޫނެވެ. އެހެނެއްކަމަކު ރޯދަހިފުމަކީ ހަޑިހުތުރު ބަސްތަކާއި ހަޑިހުތުރު ފާޙިޝް ޢަމަލުތަކާ ދުރުހެލިވެ ހުރުމެވެ. ފަހެ، މީހަކު ތިބާއާ އަރާރުންވާން އުޅެފިނަމަ ، ނުވަތަ ތިބާއަށް ފުރައްސާރަކޮށްފިނަމަ ބުނާށެވެ! ހަމަކަށަވަރުން އަހުރެން މި ހުރީ ރޯދައަށެވެ."
ކީރިތިރަސޫލާގެ މިބަސްފުޅުތަކުން އެގޭގޮތުގައި ރޯދަޔަށް އަދަބުތަކެއް ލިބިގެންވެއެވެ. ރޯދަޔަކީ މަތިވެރި ޙިކްމަތްތަކެއް ހިމެނޭ އަޅުކަމެކެވެ. އެއީ ފުރހަމަ ނިޒާމެއްގެ އަސާސު އޭގައި ހިމެނޭ އަޅުކަމެކެވެ.
ރޯދައަކީ ހުރިހާ މާތް ކަންތައްތަކަކަށް ގޮވައިލާ އަޅުކަމެކެވެ. ހުރިހާ ނުބައިކަންތައްތަކަކާ ދުރުހެލިކުރުވާ އެއްޗެކެވެ. ކޮންމެ އުރެދުމަކުން ރައްކައުތެރިކޮށްދޭ އެއްޗެކެވެ.
ރޯދަވެރިއާއަކީ ޒުވާބުކުރާނެ މީހެއް ނޫނެވެ. އަރާރުންވާނެ މީހެއް ނޫނެވެ. ރުޅިއައިސްގެން އުޅޭނެ މީހެއް ނޫނެވެ. އޭނާއާ ޒުވާބުކުރަން އުޅޭމީހަކަށް އެ ފުރްޞަތެއް ނުދޭނެއެވެ.އެމީހާގެ ުރިމަތީގައި ޒުވާބު ކުރުމުގެ ދޮރު ބަންދު ކުރާނެއެވެ.
ހަމަ އެފަދައިން ރޯދަވެރިންނަކީ ދޮގުހަދާނެ ބައެއްނޫނެވެ. އެމީހުން އެހެންމީހުންގެ އަބުރަކާ ނުބެހޭނެއެވެ. އެހެން މީހުންނަށް ޣީބަބުނެ ފުރައްސާރަކޮށެއް ނަހަދާނެއެވެ. އޭނަ އެހެން މީހުންގެ މުޅަމަހެއް ނުކާނެއެވެ.
ރޯދަވެރިންނަކީ ލޮލާއި ބޮލާއި ކަންފަތާއި ހަށިގަނޑުގެ އެންމެހާ ގުނަވަންތަކުން ރޯދަހިފާ ބަޔެކެވެ. އެހެންކަމުން ރޯދަވެރިންނަކީ ނަމޫނާ ޙަޔާތެއްގެ ވެރި ބަޔެކެވެ. އެމީހުންގެ އެދުމަކީ ﷲގެ ރުއްސެވުމާއި ފުއްސެވުމެވެ. އެހެންވެ، އެމީހުން މާތްﷲ އެންގެވި ފަދައިން ރަމަޟާންމަސް އިޙްޔާކޮށް ދިރުވުމަށް މަސައްކަތްކުރާނެތެވެ. އެމީހުން ވަގުތުތައް ހޭދަ ކުރާނީ ފަރްޟު ފަސްނަމާދާއި ، ތަރާވީޙުނަމާދާއި ،ކީރިތިޤުރްއާން ކިޔެވުމާއި، ކީރިތިޤުރްއާނާ މެދު ވިސްނުން ފަދަ ޢިބާދާތުތަކުގައެވެ. އެމީހުން ވަގުތުތައް ހޭދަކުރާނީ އެހެންމީހުންނަށާއި އޭނާގެ ނަފްސަށް ފައިދާ ހުރި ކަންކަމުގައެވެ.
ދުނިޔޭގެ އެދުންތަކަކީ އެމީހުންގެ ކުރިމަތީގައި ވަރަށް އަގެއްނެތް މުދަލެކެވެ. އެމީހުންގެ ގާތުގައި ދުނިޔެއަކީ މީރު ސުވައެކެވެ. ފިނި ފެންފޮދެކެވެ. ނުވަތަ ވަގުތީ ޝަހްވަތެކެވެ. ނަމަވެސް ﷲގެ ޙަޟްރަތުގައިވާ ނިޢުމަތް މާބޮޑެވެ. އެއީ މީހެއްގެ ލޮލަށް ދުވަހަކުވެސް ފެނިފައިނުވާ، މީހެއްގެ ކަންފަތަށް ދުވަހަކުވެސް އިވިފައިނުވާ، މީހެއްގެ ހިތަށް ދުވަހަކުވެސް ތަޞައްވުރު ނުކުރެވޭނެ މަތިވެރި ނިޢުމަތްތަކެކެވެ. މި ނިޢުމަތްތައް ލިބެންއޮތީ މި ދުނިޔޭގައި އެކަމަށްޓަކައި މަސައްކަތް ކޮށްގެންނެވެ. މި ދުނިޔެއަކީ މަސައްކަތުގެ ގޮވައްޗެވެ. އެކަމަކު އެ ދުނިޔެއަކީ މަސައްކަތުގެ ގޮވައްޗެއް ނޫނެވެ. އެއީ ޖަޒާގެ ދުނިޔެއެވެ. ތިމާކުރި ޢަމަލެއްގެ ހިސާބު ބެލެވޭ ދުނިޔެއެވެ. އެމަސައްކަތަށް އިނާމު ލިބޭ ދުނިޔެއެވެ. އެ ދުނިޔެ އާރާސްތު ކުރުމަށްޓަކައި މި ދުނިޔޭގައި ގަދައަޅައި މަސައްކަތްކުރަން ޖެހޭނެއެވެ.
[1]- رواه البيهقى والحاكم وابن خزيمة