އިސްތަންބޫލުގެ މޭޔަރު ހޮވަން އަލުން ވޯޓުލުމަށް ތުރުކީގެ އިލެކްޝަން ބޯޑުން ނިންމައިފި

ތުރުކީގެ އެންމެ ބޮޑު ރަށް އިސްތަންބޫލް

ތުރުކީގެ އެންމެ ބޮޑު ރަށް އަދި އިގްތިސާދީ މަރުކަޒު އިސްތަންބޫލުގެ މޭޔަރު ހޮވަން ނެގުނު ވޯޓު ބާޠިލުކޮށް އެ ވޯޓު އަލުން ލުމަށް އެގައުމުގެ އިލެކްޝަން ބޯޑުން ނިންމައިފިއެވެ. ދެން ވޯޓުލުން އޮންނާނީ އަންނަ ޖޫން މަހުގެ 23 ވަނަ ދުވަހުއެވެ.

މި ނިންމުން ނިންމާފައިވަނީ އިސްތަންބޫލުގެ ލޯކަން އިންތިޚާބުގައި ފާއިތުވި މާރިޗު މަހު ލީ ވޯޓު ބާޠިލުކޮށް އަލުން ވޯޓުލުން ބޭއްވުމަށް އެދި ވެރިކަންކުރާ ޖަސްޓިސް އެންޑް ޑިވެލޮޕްމަންޓް ޕާޓީ (އޭކޭ ޕާޓީ) އިން ހުށަހަޅާފައިވާ މައްސަލައާމެދު ގޮތެއް ނިންމުމަށް އިއްޔެ ބޭއްވި ސުޕްރީމް އިލެކްޝަން ބޯޑުގެ ބައްދަލުވުމުގައެވެ.  މި ނިންމުމާ އެއްކޮޅަށް އެ ބޯޑުގެ 7 މެންބަރުން ވޯޓުދެއްވި އިރު ދެކޮޅު ހައްދަވާފައި ވަނީ 4 މެންބަރުންނެވެ.

ފާއިތުވި މާރިޗު މަހުގެ 31 ވަނަ ދުވަހު ތުރުކީގައި ބޭއްވުނު ލޯކަލް އިންތިޚާބުގައި އިދިކޮޅު ބޭފުޅަކު އިސްތަންބޫލުގެ މޭޔަރުކަމަށް ވާދަކުރެއްވި ބޭފުޅަކު ކުރިހޯއްދުވުމާ ގުޅިގެން ވެރިކަން ކުރާ އޭކޭ ޕާޓީން ހުށަހަޅައިގެން އަލުން ވޯޓު ގުނުމަށް ފަހު އެޕްރީލް 17 ގައި އިއުލާންކުރި ނަތީޖާގައި ވާގޮތުން އެ މަގާމަށް ހޮވިވަޑައިގަތީ އިދިކޮޅު ރިޕަބްލިކަން ޕީޕަލްސް ޕާޓީ (ސީއެޗްޕީ) ގެ ކެންޑިޑޭޓް އަކްރަމް އިމާމޮގްލޫ އެވެ.

އިމާމޮގްލޫ ކުރިހޯއްދެވީ 9 މިލިއަނަށްވުރެ ގިނަ ވޯޓުގެ ތެރެއިން އެންމެ 13 ހާސް ވޯޓުގެ ތަފާތުންނެވެ.

ރައީސު ރަޖަބް ޠައްޔިބު އެރްދޮޣާނު ވެރިކަމަށް ވަޑައިގަތް ފަހުން މިހާތަނަށް ބޭއްވުނު އެންމެ ވާދަވެރި އިންތިޚާބުގައި އޭނާގެ ޕާޓީ އާއްމުގޮތެއްގައި ފަސޭހަކަމާއެކު ކުރިހޯއްދެވި ނަމަވެސް، ވެރިރަށް އަންކަރާއާއި އިސްތަންބޫލުގައި ކުރިހޯދާފައެވެ.

ވެރިކަންކުރާ އޭކޭ ޕާޓީން ބުނެފައި ވަނީ އިސްތަންބޫލުގެ ވޯޓުގައި "ގަވާއިދާއި ޚިލާފުވުމާއި ކޮރަޕްޝަން" ގެ އަމަލުތައް ހިނގާފައިވާތީ، އެރަށުގެ ވޯޓު އަލުން ލާންޖެހޭނެ ކަމުގައެވެ.

ރޭގެ ނިންމުމާ ގުޅިގެން މޭޔަރަކަށް ހޮވުނުކަމަށް މިހާރު ކަނޑައަޅާފައިވާ އިމާމޮގްލޫ ވަނީ އޭނާއަށް ތާއީދުކުރާ މީހުން މަޑުމައިތިރިކަމާއެކު ތިބުމަށް އެދިވަޑައިގެންފައެވެ. އޭނާ ވިދާޅުވީ "މާޔޫސްވުމުގެ ބޭނުމެއް ނެތް" ކަމުގައެވެ.

"އަހަރުމެން އެކަތިގަނޑެއް ހެން ތިބެމާ ހިނގާ. އަހަރުމެން މަޑުމައިތިރިކަމާއެކު ތިބެމާ ހިނގާ. އަހަރުމެން މޮޅުވާނެ. އަހަރުމެން އަދިވެސް މޮޅުވާނެ." އިމާމޮގްލޫއަށް ތާއީދުކުރާ މީހަކު މީސްމީޑިޔާގައި ބުނެފައި ވެއެވެ.  

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.