ދުނިޔޭގައި އެއް ދުވަހެއްގައި ބޭއްވި އެންމެ ބޮޑު އިންތިޚާބު މީގެ 11 ދުވަސް ކުރިން ބޭއްވީ އިންޑޮނޭޝިޔާގައެވެ. މިއީ، އެގައުމުގައި ރިޔާސީ އިންތިޚާބާއި އާއްމު އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުނު ފުރަތަމަ ފަހަރެވެ. މި އިންތިޚާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ 193 މިލިއަން މީހުންގެ ތެރެއިން %80 މީހުން 8 ލައްކައަށް ވުރެ ގިނަ ވޯޓުލާ މަރުކަޒަށް ވޯޓުލާފައި ވެއެވެ.
ވޯޓުލުމަށް ފަހު ވޯޓު ގުނުމާއި އެކަން ހިނގާ ނުހިނގާ ގޮތް ބެލުމުގައި ގާތް ގަނޑަކަށް ހަތް މިލިއަން މީހުން ހަރަކާތްތެރިވެފައި ވެއެވެ.
އިންޑޮނޭޝިޔާގެ ޖެނެރަލް އިލެކްޝަންސް ކޮމިޝަން (ކޭޕީޔޫ) ގެ ތަރުޖަމާނު އަރީފު ޕްރިޔޯ ސުސާންޓޯ ވިދާޅުވި ގޮތުގައި ގުނުމުގައި މަސައްކަތުގައި އަރާމެއްނެތި ގިނަ ވަގުތު މަސައްކަތްކުރުމުގެ ސަބަބުން 1878 މީހުން ބަލިވެފައި ވެއެވެ. އޭނާ ވިދާޅުވިގޮތުގައި ހޮނިހިރު ދުވަހާ ހަމައަށް އައިއިރު އޭގެތެރެއިން 272 މީހުން ވަނީ މާ ބޮޑަށް ވަރުބަލިވެ ލޮޑުވުމުގެ ސަބަބުން މަރުވެފައެވެ.
5000 ކިލޯމީޓަރަށް ފެތުރިފައިވާ އެތައް ހާސް ރަށްތަކެއްގެ މައްޗަށް އެކުލެވޭ ބޮޑު ގައިމެއްގައި އެންމެ 8 ގަޑިއިރުގެ ތެރޭގައި ދެ އިންތިޚާބެއްގައި ވޯޓުލައި އެ ވޯޓު އަތުން ގުނުންވީ ގިނަ ބަޔަކު ލޮޑުވާވަރުގެ ބިޔަ މަސައްކަތަކަށެވެ.
ވޯޓުގުނުމުގެ މަސައްކަތުގައި ހަރަކާތްތެރިވާ މީހުންގެ ތެރެއިން ބަލިވެގެން ފަރުވާހޯދަން ދާ މީހުންނަށް އިސްކަންދީގެން ޚިދުމަތް ދިނުން އެދި ސިއްހީ ޚިދުމަތްދޭ ހުރިހާ ތަނަކަށް 23 އެޕްރީލުގައި އިންޑޮނޭޝިޔާގެ ސިއްހީ ވުޒާރާއިން ސާކިއުލާއެއް ފޮނުވާފައިވާ ކަމުގައިވެސް ސުސާންޓޯ ވިދާޅުވިއެވެ. އޭނާ އިތުރަށް ވިދާޅުވިގޮތުގައި މާލީ ވުޒާރާއިން މިހާދު ދަނީ މަރުވި މީހުންގެ އާއިލާތަކަށް ބަދަލު ދިނުމުގެ މަސައްކަތްކުރަމުންނެވެ.
ވޯޓުލުމާއި ގުނުމުގެ މަސައްކަތްކަށް އިންތިޒާމުކޮށްފައިވާ ގޮތާމެދު ކޭޕީޔޫއަށް ވަރަށް ބޮޑަށް އަމާޒުވެފައި ވާއިރު، ވޯޓު ގުނައި ނިމިގެން ރަސްމީ ނަތީޖާ އިއުލާންކުރުން އޮތީ އަންނަ މޭ މަހުގެ 22 ވަނަ ދުވަހުއެވެ.