ސައޫދީ ދާޚިލީ ވުޒާރާގެ އިމާރާތަކަށް ދޭން އުޅުނު ހަމަލާއެއް ނާކާމިޔާބުކޮށްލައިފި

ސައޫދީ އަރަބިއްޔާގެ ވެރިރަށް ރިޔާޟުގެ މަންޒަރެއް

ސައުދީ އަރަބިއްޔާގެ ވެރިރަށް ރިޔާޟުގެ އުތުރުން 250 ކިލޯމީޓަރު ދުރުގައި އޮންނަ ޒުލްފީ އަވަށުގައި ހުންނަ ދާޚިލީ ވުޒާރާގެ އިމާރާތަކަށް ދޭން އުޅުނު ހަތިޔާރު އެޅި 4 މީހަކު މަރާލެވިފައިވާ ކަމަށް ސައޫދީ ސަރުކާރުން ހާމަކޮށްފިއެވެ.

ޕްރެޒިޑެންސީ އޮފް ސްޓޭޓް ސެކިއުރިޓީން ބުނެފައިވާ ގޮތުގައި، ކާރެއްގައި ތިބި ހަތިޔާރު އެޅި ހަތަރު މީހުން ވަނީ ޒުލްފީގައި ހުރި ޖެނެރަލް ޑިރެކްޓަރެޓް އޮފް އިންވެސްޓިގޭޝަންސްއަށް ކާރެއްގައި ވަދެގަންނަން މަސައްކަތްކޮށްފައެވެ. އެހެންނަމަވެސް، އެތަން ބަލަހައްޓަމުން ދިޔަ ސަލާމަތީ ބާރުތަކުގެ މީހުން ވަނީ އެކާރު ހުއްޓުވާފައެވެ.

ލަންޑަނުގައި އަރަބި ބަހުން ނެރޭ އައްޝަރްޤު އަލްއައުސަޠު ނޫހުން ބުނެފައިވާ ގޮތުގައި އެ ހަތަރު މީހުންގެ ތެރެއިން ދެ މީހަކު މަރުވެފައި ވަނީ ފުލުހުންނާއެކު ބަދަލުކުރެވުނު ބަޑީގެ ހަމަލާތަކުގައެވެ. ތިންވަނަ މީހާ މަރުވެފައި ވަނީ ފިލަން އުޅެނިކޮށެވެ. އަދި ހަތަރުވަނަ މީހާ މަރުވެފައިވަނީ ގޮވާތަކެތި ހުރި ބެލްޓެއް ގޮއްވާލަން އުޅުމުގެ ތެރޭގައެވެ.

އެއްވެސް ފަރާތަކުން މި ހަމަލާގެ ޒިންމާ އުފުލާފައި ނުވާއިރު، ސައޫދީ ސަރުކާރުންވެސް އެއީ ކޮން ބައެއްކަން ހާމަކޮށްފައި ނުވެއެވެ. އެހެންނަމަވެސް، ސައޫދީ ސަރުކާރަށް ތާއީދުކުރާ އަމިއްލަ ޓީވީ ޗެނަލް އަލްއަރަބިއްޔާއިން ބުނެފައި ވަނީ ހަމަލާދިނީ އިސްލާމިކް ސްޓޭޓުގެ ހަނގުރާމަވެރިން ކަމުގައެވެ.

ސައޫދީ ރަސްމީ ނިއުސް އެޖެންސީ އެސްޕީއޭ އިން ބުނި ގޮތުގައި މި ހަމަލާގައި ފުލުހުންގެ ތިން މީހަކުވެސް ވަނީ ޒަޚަމްވެފައެވެ.  

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.