ހަތިޔާރުއެޅި ބަޔަކު އަފްޣާނިސްތާނުގެ ޓެލެކޮމިޔުނިކޭޝަންސް މިނިސްޓްރީއަށް ހަމަލާދީފި

އަފްޣާނިސްތާނުގެ މިނިސްޓްރީ އޮފް ކޮމިޔުނިކޭޝަންސް އެންޑް އިންފޯމޭޝަން ހުންނަ އިމާރާތް: ހަތިޔާރުއެޅި ބަޔަކު ވަނީ މިއަދު އެތަނަށް ހަމަލާ ދީފައި

އަފްޣާނިސްތާނުގެ ވެރިރަށް ކާބުލްގެ މެދުތެރޭގައި އެއްޗެއް ގޮވި އަޑު އިވިފައިވާއިރު، ހަތިޔާރު އެޅި ބަޔަކު ޓެލެކޮމިޔުނިކޭޝަންސް މިނިސްޓްރީ ހުންނަ އިމާރާތުގެ ތެރެއަށް ވަދެ ސަލާމަތީ ބާރުތަކާ ހަމަލާ ބަދަލުކުރަމުން އެބަދެއެވެ.

އިމާރާތް ހުރި ސަހަރައްދުން ބަޑިޖަހާ އަޑު ސާފުކޮށް އިވުނަސް ސަލާމަތީ ބާރުތަކުން އެ ސަރަހައްދު ބަންދުކޮށްފައި ވާތީ ތަފްސީލު އެނގޭ ގޮތެއް ނުވެއެވެ.

"މައުލޫމާތު ލިބޭ ގޮތުގައި ހަތަރު ހަނގުރާމެވެރިއަކު ދަނީ ކޮމިއުނިކޭޝަންސް މިނިސްޓްރީ ކައިރީގައި ތިބޭ ސަލާމަތީ ބާރުތަކަށް ހަމަލާދެމުން." އަމަން ބެލެއްޓުމާ ބެހޭ އޮފިޝަލަކު ކަމުގައިވާ އަމާނުއްދީން ޝަރީއަތީ އޭއެފްޕީއަށް މައުލޫމާތުދެމުން ބުނެފައި ވެއެވެ.

މިނިސްޓްރީ އޮފް ކޮމިޔުނިކޭޝަންސް އެންޑް އިންފޯމޭޝަން ހުރި އިމާރާތަށް ބަޔަކު ހަމަލާދެމުންދާކަން ދާޚިލީ ވުޒާރާގެ ތަރުޖަމާނު ނަސްރަތު ރަހީމީ ކަށަވަރުކޮށްދިން ނަމަވެސް އޭނާވެސް އިތުރު ތަފްސީލެއް ނުދެއެވެ.

ޓެލެކޮމިޔުނިކޭޝަންސް މިނިސްޓްރީ ހުންނަނީ ކާބުލްގެ ވިޔަފާރި ސަހައްދުގައި ގްރީން ޒޯނާ ދެ ކިލޯމީޓަރު ދުރުގައެވެ.

"ގާތްގަނޑަކަށް ހެނދުނު 11:40 ގައި (ރާއްޖޭ ގަޑިން މެންދުރު 12:10 ގައި) ކޮމިޔުނިކޭޝަންސް މިނިސްޓްރީ ކައިރީގައި އެއްޗެއް ގޮވި އަޑު އިވުނު. ދެން އެ ސަރަހައްދުން ދޭތެރެ ދޭތެރެއިން ބަޑި ޖަހާއަޑު އިވިފައިވޭ." ނަސްރަތު ރަހީމީ ބުނެފައި ވެއެވެ.

ކޮމިއުނިކޭޝަންސް މިނިސްރީގެ އޮފިޝަލަކާ ހަވާލާދީ އެންމެ ފަހުގެ ޚަބަރުތައް ބުނާގޮތުން، ހަމަލާދިނީ ތިން މީހެކެވެ. އެތަނުން އެކަކު ވަނީ މިނިސްޓްރީގެ އިމާރާތުގެ  ތެރެއަށް ވަދެގެންފައެވެ. އަނެކަކު ވަނީ މިނިސްޓްރީގެ ބޭރު ފާރު ކައިރީގައި އޭނާ އަތުގައި ހުރި ގޮވާތަކެތި ގޮއްވާލާފައެވެ. ތިންވަނަ މީހާ ވަނީ ފުލުހުން ދިން ރައްދު ހަމަލާގައި މަރުވެފައެވެ.

ހަމަލާދިނީ ހަތަރު މީހުން ކަމަށާއި، އޭގެތެރޭން ދެ މީހަކު މަރާލެވިފައިވާ ކަމަށްވެސް ބައެއް ޚަބަރުތަކުގައި ބުނެފައި ވެއެވެ.

އެއްވެސް ފަރާތަކުން ހަމަލާގެ ޒިންމާ އުފުލާފައި ނުވާއިރު، ހަނގުރާމަވެރި ޖަމާއަތް ޠާލިބާނުންނާއި އަފްޣާން ސަރުކާރާ ދެމެދު އެންމެ ފަހުން ބާއްވަން އުޅުނު ސުލްހައިގެ ވާހަކަތައް ކެންސަލްކުރެވިފައިވާކަން ފާހަގަކޮށްލަން ޖެހެއެވެ.

މިނިސްޓްރީ އޮފް ކޮމިޔުނިކޭޝަންސް ހުންނަ 18 ފަންގިފިލާގެ އިމާރާތަކީ ކާބުލް އެންމެ އުސް އެއް އިމާރާތުގައެވެ. ބޭރުގެ ގިނަ އަދަދެއްގެ ބަޔަކު ތިބޭ ސެރީނާ ހޮޓެލް ހުންނަނީ އެ އިމާރާތާ މާ ދުރުނޫން ހިސާބެއްގައެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.