ނައިބު ރައީސުންނަށް 35،000 ރުފިޔާ ދޭން ނިންމުމާއެކު ރައްޔިތުން ރަތަށް އެރިއިރުވެސް މެމްބަރުންނަށް އޯކޭ

ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަން ކުރައްވާ ކޮންމެ ބޭފުޅަކަށް ގާނޫނެއްގެ ދަށުން މާލީ އިނާޔަތާއި، ހިމާޔަތާއި ރައްކާތެރިކަމާއި ކުރީގެ ރައީސްގެ އޮފީހުގެ ޚަރަދުތަކެއްވެސް ދިނުމަށް ރައްޔިތުންގެ މަޖިލީހުން ނިންމުމާއެކު ރައްޔިތުން އެދުވަހުވެސް ޝަކުވާތައް ބަންޑުން ކުރިއެވެ. ތިޔަހެން ނުހަދާށޭ ބުނެ އެމީހަކަށް ލިޔެވުނު ތަނަކުލިޔެ، ބުނެވުނު ގޮތަކަށް އަޑު ހަރުކޮށް ބުނަމުން ދިޔައެވެ. އެދުވަހުވެސް ފެނުނީ ތިޔަކިޔަނީ ތިމަންނާހޭވެސް އަހާނުލައި ގާނޫނު ފާސްކޮށް މެމްބަރުން އެކަން ނިންމާލައި އަތްފޮޅާލި މަންޒަރެވެ.

މީގެ ދުވަސްކޮޅެއް ކުރިން މަޖިލީހުގެ މެމްބަރަކު ކުއްލިއަކަށް އަނެއްކާ އަނެއް ބިލު މަޖިލީހަށް ވެއްދެވިއެވެ. މިފަހަރު މިވެއްދީ ރައީސުލްޖުމްހޫރިއްޔާގެ ނައިބުކަން ކުރައްވާ ބޭފުޅަކު  އެމަގާމުން ވަކިވެވަޑައިގަތުމާއެކު އެއިން ކޮންމެ ނައިބު ރައީސަކަށް  35،000 ރުފިޔާގެ މުސާރައެއް ދޭގޮތަށެވެ. ބިލް މަޖިލީހަށް ހުށަހަޅުއްވައި ބަހުސްގެ މަރުހަލާގައި ބަޔެއް މެމްބަރުން ވިދާޅުވީ ގައުމުގެ ނައިބު ރައީސްކަން ކުރައްވައި ގެޔަށް ވަޑައިގަންނަވާ ނައިބު ރައީސުން މުޖުތަމައުގައި ނަޒާހަތްތެރިކަމާއެކު ރީތި ދިރިއުޅުއްވުމެއް އުޅެވޭނެ ގޮތް ހައްދަވަންޖެހޭނެ ކަމަށާއި ނައިބު ރައީސްކަން ކުރެއްވުމަށް މަގުމަތި ވެފައިވާ ބޭފުޅަކަށް ނައިބު ރައީސްކަން ކުރެއްވި ބޭފުޅަކު ވެގެންނުވާނެ ކަމަށެވެ. ތެދެކެވެ. އެއްގޮތަކަށްވެސް އެއިން ބޭފުޅަކު މަގުމަތިވެވަޑައިގެން މަގުމަތީގައި އެހެން އުޅުއްވައިގެން ނުވާނެއެވެ. އެއީވެސް ދިވެހި ރައްޔިތެކެވެ. އެއްވެސް ދިވެހި ރައްޔިތަކު މަގުމަތި ވެގެން ނުވާނެތާއެވެ.

ބިލު ވެއްދުމާއެކުވެސް އަދި ބިލުގެ ބަހުސް ކުރިޔަށް ދިޔައިރުވެސް މަޖިލީހުގެ ބަޔެއް މެމްބަރުންނާއި ހުރިހާ ރައްޔިތުން ކަހަލަ ގޮތަކަށް ބުނަމުން ދިޔައީ ބިލު ބޭރުކޮށްލުމަށެވެ. ސަލާމަތީ ޚިދުމަތެއް އެބޭފުޅުންނަށް ދެއްވިޔަސް އެންމެ ރަނގަޅޭ، ނަމަވެސް ދިވެހި ރައްޔިތުންގެ މާލިއްޔަތުން އަނެއްކާވެސް ރައްޔިތުންނަށް ބުރައެއް އައިސްގެން ނުވާނެއޭއެވެ. ނައިބު ރައީސްކަން ކުރައްވާ ކޮންމެ ބޭފުޅަކަށް މަހު މުސާރައެއް ދޭން ނިންމައިފިނަމަ އެއީ ފަހުން ގައުމަށް ނުތަކާވަރުގެ ކަމަކަށް ވެދާނެއޭއެވެ. ނަމަވެސް މަޖިލީހުގެ މިހާރު ތިއްބެވި މެމްބަރުންގެ ދައުރު ހަމަވުމުގެ ކުރިން އެބިލު ފާސްކުރާނެ ކަމުގެ ބިރު އޭރުވެސް އޮތެވެ. ބިލު އައިނައިގޮތެއް ނޭނގި ކުއްލިއަކަށް ވައްދާލި ބިލަކަށް ވުމުންނެވެ.

އެންމެ ފަހުން ފެނިގެން މިދިޔައީ މަޖިލީހުން އެބިލު ފާސްކޮށްލި މަންޒަރެވެ. ނައިބު ރައީސްކަން ކުރައްވާ ކޮންމެ ބޭފުޅަކަށް މަހަކު 35،000 ރުފިޔާ ދައުލަތުން ދޭންޖެހޭނެ ކަމަށެވެ. އެ މެމްބަރުން އެތަނަށް ފޮނުވި ރައްޔިތުން ނުކުމެ ހެޔޮނުވާނޭ، ތިޔަހެން ނުހަދާށޭ، ތިޔަގޮތަށް ފާސްނުކުރާށޭ ގޮވަގޮވާ އޮއްވައެވެ. ރައްޔިތުންގެ ފަރާތުން، ރައްޔިތުންގެ ވޯޓަކުން، ރައްޔިތުން ތަމްސީލު ކުރައްވާ މެމްބަރުންގެ ތެރެއިން ބިލަށް ވޯޓު ދެއްވި މެމްބަރުންނަށް ރައްޔިތުން އެއްޗެކޭ ކިޔާހެންވެސް ހީނުވިއެވެ. ފާސްކޮށް ނިންމާލައި އަތްފޮޅާލައްވައިފިއެވެ. ރައްޔިތުން ރުޅި އައިސް ރަތަށް އަރާފައެވެ. މެމްބަރުން ބާރަށް ފިތަށް ފިއްތަވައި ބިލު ފާސްކޮށްލީ ރައްޔިތުން ރުޅި އަޔަސް ތިމަންނާމެންނަށް އޯކޭއޭ ބުނާފަދަ ގޮތަކަށެވެ. ރައްޔިތުންނަށް އަނެއްކާވެސް އަނެއް ބުރަ ޖައްސާފައެވެ. ދައުރު ހަމަކޮށް މަޖިލީހުން ނުކުންނަވަމުންވެސް ރައްޔިތުން ރުޅި އަރުވާލީއެވެ.

ނައިބު ރައީސްކަން ކުރައްވާ ކޮންމެ ބޭފުޅަކަށް 35،000 ރުފިޔާ ދޭން ނިންމިއިރު މިވަގުތުވެސް ކުރީގެ ނައިބު ރައީސުންގެ ލިސްޓު ފަހަކަށް އަރައެވެ. މިހާރު ހުންނެވި ނައިބު ރައީސްގެ ދައުރު ނިމުމާއެކު ހަޔަކަށް އެރީއެވެ. ކުރީގެ ނައިބު ރައީސުންގެ ގޮތުގައި މިވަގުތު ތިއްބެވީ ޑރ މުޙަންމަދު ވަޙީދު ހަސަން، މުޙަންމަދު ވަޙީދުއްދީން (ޑީން) އަދި ޑރ މުހަންމަދު ޖަމީލް އަޙްމަދު، އަޙްމަދު އަދީބުގެ އިތުރުން ޖިހާދެވެ. މިހާރުގެ ނައިބު ރައީސް ފައިސަލް ނަސީމުވެސް ދައުރު ހަމަވުމާއެކު ނުވަތަ އެހެން ގޮތަކުން މަގާމު ގެއްލިވަޑައިގަތަސް 35،000 ރުފިޔާގެ ނައިބު ރައީސުންގެ ތެރެއަށް ވަދެވަޑައިގަންނަވާއިރު އެހިސާބުން ހުންނަވާނީ އެހެން ނައިބު ރައީސަކު އަނެއްކާވެސް ފެނިފައެވެ.

ރައްޔިތުންގެ ބަހެއް ރައްޔިތުންގެ މަޖިލީހަކު ނުހިނގައެވެ. ރައްޔިތުންގެ މަޖިލީހަކަށް އެމަޖިލިސް ވެފައި އޮންނަނީ ހަމައެކަނި މެމްބަރުން އިންތިޚާބު ކުރުމަށް ވޯޓުލާ ދުވަސްވަރު އެކަންޏެވެ. ކެމްޕޭނުގައި ކޮންމެ މެމްބަރަކު ވިދާޅުވަނީ ރައްޔިތުންގެ މަޖިލީހަށް އިންތިޚާބު ވުމަށްޓަކައި ރައްޔިތުން ތިމަންނާއަށް ވޯޓެއް ދޭށެވެ. ނަމަވެސް ވޯޓު ލިބި، އެ މަޖިލީހަށް އިންތިޚާބު ވުމާއެކު މަޖިލިސް ބަދަލު ވެގެންދަނީ މެމްބަރުންގެ މަޖިލީހަކަށެވެ. އެ ހިސާބުން އަނެއްކާވެސް 5 އަހަރު ވަންދެން ރައްޔިތުންގެ މަޖިލިސް ނިމުނީއެވެ. މަޖިލިސް އިދާރާގެ ދޮރު މަތީގައި ރައްޔިތުންގެ މަޖިލިސް ކިޔާފައި ބޯޑެއް ބައިންދާފައި ނެތެކޭނޫނެވެ.

މަޖިލީހުގެ ހުރިހާ މެމްބަރުން އެއްގޮތެއް ނޫނެވެ. މަދު މެމްބަރުން ކޮޅެއްގެ ފުށުން ރަނގަޅު ކަންތައްތަކެއް ފެނެއެވެ. ރައްޔިތުންގެ ބަސް އިއްވައެވެ. ރައްޔިތުން އެދޭ ގޮތަށް ވޯޓުވެސް ދެއްވައެވެ. ވީމާ ނައިބު ރައީސުންނަށް 35،000 ރުފިޔާ މަހަކު ދިނުމަށް ބިލު ފާސްކުރުމަށް ވޯޓު ނުދެއްވި މެމްބަރުންނަށް ހަމަ ޝުކުރިއްޔާއެވެ.

ޖަޢުފަރު ރަޝީދު
ޖަޢުފަރު ރަޝީދަކީ ކުޅިވަރުގެ ލިޔުންތަކާއި ޚަބަރުތައް ލިޔުމުގެ ދާއިރާއިން މަޝްހޫރުވީ ލިޔުންތެރިއެކެވެ. އާފަތިހުގައި ވަރަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި އަދި މިހާރުވެސް ޚަބަރާއި ރިޕޯޓު ލިޔުއްވަމުން ގެންދަވާ ލިޔުންތެރިއެކެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.