އޮޅިގެން ނުބައި ޕާޓީއަށް ވޯޓުލެވުމުން އިނގިލި ބުރިކޮށްލައިފި

އޮޅިގެން ނުބައި ޕާޓީއަށް ވޯޓުލެވުމުން އިނގިލި ބުރިކޮށްލި ޕަވަން ކުމާރު

އިންޑިޔާގެ ގާނޫނުހަދާ މަޖިލީހުގެ ތިރީގެ، ލޯކް ސަބާއަށް މެންބަރުން ހޮވުމަށް ބާއްވާ އާއްމު އިންތިޚާބުގައި އިއްޔެ ވޯޓުލީ މީހަކަށް އޮޅިގެން އޭނާ ތާއީދުކުރާ ޕާޓީ ނޫން އެހެން ޕާޓީއަކަށް ވޯޓުލެވުމުން އެކަމަށް 'ތައުބާވުމުގެ' ގޮތުން އޭނާގެ ޝަހާދަތް އިނގިލީގެ އެއްބަދަ ބުރިކޮށްލައިފިއެވެ. އިންޑިޔާގައި ވޯޓުލުމަށް ފަހު އެކަން ކަށަވަރުކުރުމަށް ކުރާ ކަމަކީ އިނގިލީގެ ފުރަތަމަ ބަދަ ދެލި ފުޅިއަކަށް ކޮށްޕާލުމެވެ.

އުއްތަރު ޕްރަދޭޝްގެ އެންމެ ވަރުގަދަ ސަރަހައްދީ ސިޔާސީ ޕާޓީ ކަމުގައިވާ ބަހޫޖަން ސަމާޖް ޕާޓީ (ބީއެސްޕީ) އަށް ތާއީދުކުރާ، އުމުރުން 25 އަހަރުގެ، ޕަވަން ކުމާރަށް އޮޅިގެން ވޯޓުލެވުނީ މިހާރު އިންޑިޔާގައި ވެރިކަންކުރާ ބާރަތިޔާ ޖަނަތާ ޕާޓީއަށެވެ. އޭނާ ވޯޓުލީ އުއްތަރު ޕްރަދޭޝްގެ އިންތިޚާބީ ދާއީރާއެއް ކަމުގައިވާ ބުލްންދްޝަހްރުގެ ޝިކާރްޕޫރުގައި ހުރި ވޯޓު ފޮށްޓަކަށެވެ.

ޕަވަން ކުމާރަކީ ހިންދޫ ދީނުގެ ދަރަޖަތަކަށް ބަލާއިރު އެންމެ ދަށް ދަރަޖައިގެ މީހުން ކަމުގައި ބެލެވޭ ދަލިތުންގެ ތެރޭގައި ހިމެނޭ މީހެކެވެ. ދަލިތުންގެ ގިނަ ބަޔަކު ތާއީދުކުރަނި ބީއެސްޕީއަށެވެ.

ނުބައިކޮށް ވޯޓުލެވުމުން ގެއަށް އައިސް އޭނާގެ ވައަތު ޝަހާދަތް އިނގިލި ބުރިކޮށްލުމަށް ފަހު އެކަން އެންގުމަށް އޭނާ މީސް މީޑިޔާގައި އާއްމުކުރި ވޯޑިޔޯއެއްގައި ބުނެފައިވާ ގޮތުން އޭނާ ބޭންންވީ އެތަށް ވޯޓުލާށެވެ. އެހެންނަމަވެސް ވޯޓުލާ މެޝިނުން އޭނާއަށް ފިއްތާލެވުނީ މަލާ ދިމާއަށް އިން ފިތަށެވެ.

އިންޑިޔާގެ އިންތިޚާބުގައި ބޭނުންކުރާ ވޯޓުލާ މެޝިން

އިންޑިޔާގެ އިންތިޚާބުގައި ބޭނުންކުރަނީ ވޯޓުލާ މެޝިނެކެވެ. ރަށްފުށު މީހުންގެ ތެރޭގައި ލިޔަންކިޔަން ނުދަންނަ މީހުން ގިނަވުމުގެ ސަބަބުން އިންތިޚާބުތަކުގައި ވާދަކުރާ ޕާޓީތަކުން ބޭނުންކުރަނީ މީހުންނަށް ފަސޭހައިން އެނގޭ ކަހަލަ ނިޝާންތަކެވެ. އެގޮތުން ބީޖޭޕީން އިންތިޚާބީ ނިޝާނަކަށް ބޭނުންކުރަނީ ލޮޓަސް މަލެކެވެ. ބީއެސްޕީން ބޭނުންކުރަނީ އެތެކެވެ. އެހެންކަމުން، މަލާ ދިމާއަށް ފިއްތާލެވުމުން ޕަވަން ކުމާރަށް ވޯޓުލެވުނީ އޭނާ ވޯޓުދޭން ބޭނުންނުވާ ޕާޓީއަށެވެ. އޭނާއަށް ބީއެސްޕީއަށް މަރުދޭ އެ ޕާޓިގެ ހަރަކާތްތެރިއެކެވެ. އޭނާ ދުށީ ބީޖޭޕީއަށް ވޯޓުދީގެން އޭނާއަށް ކުރެވުނީ ތައުބާވާންޖެހޭ ވަރުގެ ކުށެއް ކަމަށެވެ. އެހެންވެ އެކުރެވުނު ކުށުގެ ބަދަލުގައި އިނގިލި ބުރިކޮށްލީއެވެ.

ހޮސްޕިޓަލަށް ގެންގޮސް ފަރުވާދިނުމަށް ފަހު އޭނާ މިހާރު ވަނީ ހޮސްޕިޓަލުން ދޫކޮށްލާފައެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.