ސޮލަވާކިއާގެ ފުރަތަމަ އަންހެން ރައީސަކަށް ވުމުގެ ޝަރަފު ޒުޒާނާ ކެޕްޗުވާ ހޯއްދަވައިފިއެވެ.
ހޮނިހިރު ދުވަހު ނިމުނު އިންތިޚާބުގެ ވޯޓުގެ 58 ޕަސެންޓު އޭނާއަށް ލިބިވަޑައިގެންނެވިއިރު އޭނާއާ ވާދަކުރެއްވި ސެފްކޮވިޗަށް ލިބިވަޑައިގަތީ ވޯޓުގެ 42 ޕަސެންޓެވެ.
ސިޔާސީ އެއްވެސް ތަޖުރިބާއެއް ނެތް ޒުޒާނާ ސޮލަވާކިޔާގެ ރައްޔިތުންގެ މެދުގައި މަގުބޫލުވެގެން ދިޔައީ މިދިޔައަހަރު އެގައުމުގެ ނޫސްވެރިޔަކާއި އޭނާގެ ލޯބިވެރިޔާ މަރާލި ހާދިސާގެ އިންސާފު ހޯދުމަށް ކުރި މަސައްކަތްތަކާ ގުޅިގެންނެވެ. ގައުމުގެ އެތައް މިލިއަން ބަޔަކު ގަބޫލުކުރި ގޮތުގައި އެހާދިސާއަކީ ސިޔާސީ ބަޔަކު އަޑީގައި ތިބެ، ރާވައިގެން ހިންގި ވަރަށް ބޮޑު ޖަރީމާއެކެވެ.
ބުރުސޫރަ ރީތި އުމުރުން 45 އަހަރުވީ ޒުޒާނާއަކީ ދެ ބޭފުޅުންގެ މަންމައަކަށް ވިޔަސް މިވަގުތު ހުއްސަށިބައި ބޭކަނބަލެކެވެ.
އޭނާ ވަނީ ފާއިތުވި 14 އަހަރުގެތެރޭގައި ގާނޫނީ ވަކީލެއްގެ ގޮތުން މުހިއްމު މަސައްކަތްތަކެއް ކުރައްވާފައެވެ.
ސޮލަވާކިއާގެ އަވަށްޓެރި ގައުމުތަކުގައި ދަރިވެއްޓުމާއި އެއްޖިންސްގެ މީހުން ކައިވެނި ކުރުން ހުއްދަކަމުގައި ވިޔަސް ސޮލަވާކިއާގައި އެއީ ގާނޫނާ ޚިލާފުކަމެކެވެ. ނަމަވެސް އޭނާގެ ވެރިކަމުގައި ޕާލަމެންޓުގެ ރުހުން ލިބިއްޖެނަމަ އެކަން ހުއްދަކުރެވޭނެއެވެ.
އޭނާއަކީ ލިބަރަލް ޕްރޮގްރެސިވް ޕާޓީގެ މެންބަރެކެވެ. އެ ޕާޓީއަށް މަޖިލީހުގެ ގޮނޑިއެއް ލިބިފައެއް ނުވެއެވެ.
އޭނާ ވަނީ ރިޔާސީ ކެމްޕޭނުގައި އެންޓިކޮރަޕްޝަނާ ދެކޮޅަށް ވަރަށް ވަރުގަދައަށް އަޑުއުފުލާފައެވެ.
އޭނާއާ ދެކޮޅަށް ވާދަކޮށް ބަލިވި ސެފްކޮވިޗަކީ ގައުމީ އަދި ބައިނަލްއަގުވާމީ ސިޔާސީ ދާއިރާގެ ވަރަށް ބޮޑު ތަޖުރިބާކާރެކެވެ. ޔޫރަޕިއަން ކޮމިޝަންގެ ނައިބު ރައީސެވެ.
ޒުޒާނާ ކަޕްޗުވާ ރައީސް ކަމުގެ ހުވާކުރައްވާނީ މިހާރުގެ ރައީސްގެ ރިޔާސީ ދައުރު ހަމަވުމުން ޖޫންމަހުގެ 15 ވަނަ ދުވަހުގައެވެ.