އެފްރިކާގެ ދެކުނު ސަރަހައްދަށް ޠޫފާން 'އިދާއީ' އަރައި ކާރިސާއެއް ކުރިމަތިވެއްޖެ

ޠޫފާން 'އިދާއީ' އަރައި، މޮޒަންބީކުގެ ބެއިރާ ފެނު އަޑީގައި

ގަދަ ވަޔާ، ބޯ ވާރެއާއެކު އިރު ދެކުނު އެފްރިކާގެ ސަރަހައްދަށް އެރި ޠޫފާން 'އިދާއީ' ގެ ސަބަބުން 2.6 މިލިއަން މީހުން ހާލުގައި ޖެހިއްޖެއެވެ. އދ. ން ބުނާ ގޮތުގައި މިއީ ދުނިޔޭގެ ދެކުނުގެ ސަރަހައްދަށް ކުރިމަތިވި އެންމެ ބޮޑު ކާރިސާއަށް ވެދާނެއެވެ.

ޠޫފާނުގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވާ މޮޒަންބީކާއި، ޒިންބާބުވޭގައި މަރުވި މީހުންގެ އަދަދު 300 އަށް އަރާފައި ވާއިރު، އދ. ގެ ބެލުމުގެ ދަށުން އެހީތެރިކަން ފޯރުކޮށްދެމުދާ ފަރާތްތަކުން ބުނަނީ މަރުވާ މީހުންގެ އަދަދު އިތުރުވުން ގާތްކަމުގައެވެ. މަލާވީއަށް ވެސް ވަނީ ޠާފާނުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ވެފައެވެ.

"އަހަރުމެންގެ ތެރެއިން 200 މީހުން މިވަނީ މަރުވެފައި. 3 ލައްކަ 50 ހާސް މީހުން ތިނީ ނުރައްކަލުގައި." ޠޫފާނުން ލިބުނު ގެއްލުމާ ބެހޭގޮތުން ވާހަކަފުޅުދައްކަވަމުން މޮޒަންބީކުގެ ރައީސު ފިލިޕޭ ނުޔޫސީ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ "ބޮޑުވެގެންވާ ކާރިސާއެއް" ގައުމަށް ކުރިމަތި ވެފައިވާ ކަމަށާއި، މަރުވި މީހުންގެ އަދަދު އެއް ހާހަށްވުރެ މައްޗަށް އެރުން އެކަށީގެންވާ ކަމުގައެވެ. އޭނާ ވިދާޅުވީ މަރުވި މީހުން ރަސްމީ އަދަދުތައް އަދި ދަށްކޮށް ދެއްކި ކަމުގައި ވިޔަސް "ފެންނަ ގޮތުން އަހަރުމެންނަށް 1000 އަށްވުރެ ގިނަ މަރުވެފައިވާ މީހުން ގުނޭނެ" ކަމުގައެވެ. ފެންގަނގެ ތެރޭގައި ބެހެމުންދާ ހަށިތައް ފެންނަމުންދާކަންވެސް އޭނާ ފާހަގަކުރެއްވިއެވެ.

'އިދާއީ' ޠޫފާނުން އެންމެ ބޮޑު ގެއްލުމުއް ލިބިފައިވަނީ މޮޒަންބީކުގެ ބަނދަރު ރަށެއް ކަމުގައިވާ ބެއިރާއަށެވެ. އެ ސަރަހައްދުގެ އޮފިޝަލުން ލަފާކުރާގޮތުގައި ބިއެރާގެ %90 ސައްތަވަނީ ހަލާކުވެފައެވެ. އެރަށުގެ 5 ލައްކައެއް މީހުން ތިބީ ހާލުގައި ޖެހިފައެވެ. މަގުތައް ހަލާކުވެ ރަށް އެކަހެރިވެފައި ވާއިރު، އެރަށުގެ މޯބައިލް ފޯނު ވިއުގަވެސް މަސައްކަތް ނުކުރެއެވެ.

މޮޒަންބީކާ ޖެހިގެން ހުޅަނގަށް އޮތް ޒިންބާބުވޭގައި ވަނީ ބޮޑު ސަރަހައްދެއްގައި ފެންބޮޑުވެފައެވެ. އެގައުމުގެ އިންފޯމޭޝަން މިނިސްޓްރީގެ ޓުވީޓެއްގައި ބުނެފައި ވަނީ މަރުވި މީހުންގެ އަދަދު 98 އަށް އަރާފައިވާ ކަމުގައެވެ. އަދި 100 އަށްވުރެ ގިނަ މީހުން ޒަޚަމްވެފައިވާ ކަމުގައެވެ. ރައީސު އެމަސަން މުނަންގަގްވާ ވަނީ ފެންބޮޑުވެފައިވާ ސަރަހައްދުގައި ކުއްލި ހާލަތު އިއުލާންކުރައްވާފައެވެ.

މޮޒަންބީކުގެ ހުށަނގަށް އޮތް މަލާވީގައިވެސް ވަނީ އާދަޔާއި ޚިލާފަށް ފެންބޮޑުވެފައެވެ. ކޯރުތައް ފުރިގެން ބަންޑުންވުމުގެ ސަބަބުން 11 ހާސް މީހުން ގެދޮރު ދޫކޮށް ދާންޖެހިފައި ވާއިރު، 57 މީހުން ވަނީ މަރުވެފައެވެ.

އދ. ން ވަނީ ހާލުގައި ޖެހިފައިވާ މީހުންނަށް ބޭނުންވާ އެހީގެ ތަކެތި ފޮނުވުމަށް މެންބަރު ގައުމުތަކަށް އިލްތިމާސްކޮށްފައެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.