މިއަހަރުގެ ރެހެންދި އެވޯޑު ނުވަ ބޭފުޅަކަށާއި، ޖަމްޢިއްޔާއަކަށް

އެވޯޑު ލިބިވަޑައިގެންނެވި ބޭފުޅަކަށް ރައީސް އެވޯޑު ޙަވާލުކޮށް ދެއްވަނީ: ފޮޓޯ ޖެންޑަރ މިނިސްޓްރީ

މިއަހަރުގެ ރެހެންދި އެވޯޑު 10 ފަރާތަކަށް މިއަދު ދެއްވައިފިއެވެ. ރެހެންދި އެވޯޑު ލިބިވަޑައިގެންނެވި ފަރާތްތަކަށް އެވޯޑާއި އިނާމް ޙަވާލު ކޮށްދެއްވީ ބައިނަލްއަޤުވާމީ އަންހެނުންގެ ދުވަސް ފާހަގަ ކުރުމަށް ކ. ހިންމަފުށީގައި މިއަދު ބޭއްވި ރަސްމީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙެވެ. މި އެވޯޑަކީ އަންހެނުން ކުރާ މަސައްކަތުގެ އަގު ވަޒަން ކުރުމުގެ ގޮތުން ދެއްވާ އެވޯޑެކެވެ.

ރެހެންދި އެވޯޑު ލިބިވަޑައިގެންނެވީ ބޭފުޅުން

އާމިނަތު މުޙައްމަދު: ދަފްތަރު ނަންބަރު 3204

އެވޯޑު ލިބުނު ދާއިރާ:  (އަދާކުރާ ވަޒިފާގެ ގޮތުން އޮފީހަށް/ ދާއިރާއަށް ކޮށްދީފައިވާ ޚިދުމަތް (އެކްސެޕްޝަނަލް އިންސްޓިޓިޔުޝަނަލް ސަރވިސް)

އާމިނަތު މުޙައްމަދަކީ އިޖުތިމާޢީ ގޮތުން ކުރެވިފައިވާ ބޮޑެތި މަސައްކަތްތަކުގެ ތެރޭގައި ރާއްޖޭގެ ރަށްރަށުގައި ކަތީބުކަން ކުރުމަށް އަންހެނުންނަށް ހުޅުވާލި ފުރުޞަތުގައި ބައިވެރިވެ، ދިވެހިރާއްޖޭގައި އެންމެ ފުރަތަމަ އަންހެން ކަތީބުގެ މަޤާމު އަދާކޮށް، ރަށްރަށް ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކޮށްދެއްވާފައިވާ ފަރާތެއް. އެ ގޮތުން އަތޮޅު އޮފީސްތައް ހިންގުމާއި، ކޮމިޓީތައް ބެލެހެއްޓުމާއި އިޖުތިމާޢީ ގޮތުން އެހެން އަންހެނުން ކުރިއެރުވުމަށް އަތްތެރި މަސައްކަތްތައް ދަސްކޮށްދިނުން ހިމެނޭ. އާމިނަތު މުޙައްމަދު މެދުކެޑުމެއްނެތި ސަރުކާރަށް 36 އަހަރު ދުވަހު ޚިދުމަތް ކުރައްވާފައިވާއިރު، ކ.ހިންމަފުށި ކަތީބުގެ މަޤާމާއި، އދ.އަތޮޅާއި ށ.އަތޮޅު އޮފީސް ވަގުތީ ގޮތުން ހިންގުމާއި ނ.އަތޮޅު އޮފީސް އަދި މަތި އުތުރު ޕްރޮވިންސް އޮފީސް ހިންގުން ހިމެނޭ. މިހާރު ހުންނެވީ މިނިސްޓްރީ އޮފް ޖެންޑަރ ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ ޑެޕިއުޓީ ޑިރެކްޓަރގެ މަޤާމުގައި.

ޢާއިޝަތު ނާޡިމާ: ހ.ކޮޔަރ/ މާލެ

އެވޯޑު ލިބުނު ދާއިރާ: އިޖުތިމާޢީ

އާއިޝަތު ނާޡިމާއަކީ އެހެން މީހުނަށް ކުޅިވަރު ދަސްކޮށްދިނުމާއި، ކުޅިވަރުގެ ދާއިރާއިން ރާއްޖެއަށް ރީތިނަން ހޯދައިފައިވާ ފަރާތެއް. އެ ގޮތުން ޒުވާނުންނާއި އަންހެނުން ޝާމިލްކޮށް ކުޅިވަރުގެ ރޮގުން ކުރިއަށް ދިއުމަށްޓަކައި ބޭނުންވާ ފަންނީ ހުނަރުތައް ތަރައްޤީ ކުރުމުގެ އެކިއެކި ޕްރޮގްރާމްތައް ހިންގާފައިވޭ. އެ ކަމުގެ އަގުވަޒަންކޮށް 2013ވަނަ އަހަރު ޤައުމީ އިނާމާއި 2007ވަނަ އަހަރު ޒުވާނުންގެ ޤައުމީ އިނާމު ހާސިލުކުރައްވާފައިވޭ. މީގެ އިތުރުން ބައިނަލްއަޤުވާމީ ގޮތުން ހޯދާފައިވާ ކާމިޔާބީތަކުގެ ތެރޭގައި އޭޝިއާ ރޭންކިން ޕްލޭޔަރ ސެންޓަރބޯލް ވޮލީބޯލް ޓޯނެމެންޓްގެ 11ވަނަ ރޭންކުގައި ހިމެނިފައިވޭ. ކުޅިވަރުގެ ދާއިރާގައި 27 އަހަރު ޚިދުމަތްކުރައްވާފައިވާއިރު، އާއިޝަތު ނާޡިމާ މިހާރު ވެސް ގެންދަވަނީ ފުޓުބޯލް އެސޯސިއޭޝަން އޮފް ދަ މޯލްޑިވްސްގެ ވައިސް ޕްރެޒިޑެންޓްގެ މަޤާމު ފުރުއްވަމުން.

މަރިޔަމް ޝިފްޒާން: މ.ހިޔަލީގުލްޝަން/ މާލެ

އެވޯޑު ލިބުނު ދާއިރާ: އަންހެނުން އާންމުކޮށް ކޮށްނޫޅޭ މަސައްކަތްތައް ނުވަތަ "ނޮން ޓްރެޑިޝަނަލް ރޯލްސް"

މަރިޔަމް ޝިފްޒާން ވަނީ އައިލެންޑް އޭވިއޭޝަން ސަރވިސަސްގެ ސިވިލް އޭޝިއޭޝަން ޑިޕާޓްމެންޓާއި ޓްރާންސް މޯލްޑިވިއަންގެ އެއަރ ކްރާފްޓް އިންޖިނިއަރިންގ ދާއިރާގައި ޚިދުމަތްކުރައްވާފައި. އެ ގޮތުން 2017ވަނަ އަހަރު އަންހެނުން އާންމުކޮށް ކޮށްނޫޅޭ މަސައްކަތުގެ ދާއިރާއިން ހިތްވަރު ދިނުމުގެ އިނާމު ވަނީ ހާސިލުކުރައްވާފައި. މީގެ އިތުރުން މަރިޔަމް ޝިފްޒާނަކީ މި ވަގުތު ރާއްޖޭގައި ހަމައެކަނި ހުރި އަންހެން އެއަރވޯތިނަސް ޓެކްނީޝަން. އަދި ދިވެހިރާއްޖޭގެ އޭވިއޭޝަން ސޭފްޓީ ޤަވާއިދުތައް ހަދައި ފާސްކުރުމުގައި ބައިވެރިވާ ފަރާތެއް ވެސްމެ. މަރިޔަމް ޝިފްޒާން މި ދާއިރާގައި މެދުކެނޑުމެއް ނެތި ޚިދުމަތް ކުރައްވަމުން ގެންދަވާތާ މިއީ 17ވަނަ އަހަރު.

މުއުމިނާ އާދަމް: ގ.ހާފްސީ/ މާލެ

އެވޯޑު ލިބުނުދާއިރާ: އިޖުތިމާޢީ

މުއުމިނާ އާދަމަކީ ކުޅިވަރު ކުޅުމަށް އަންހެނުން ބާރުވެރިކުރުމުގެ ގޮތުން ތަފާތު އެކިއެކި ޓްރެއިނިންގ ޕްރޮގްރާމްތަކާއި ކުޅިވަރު ހަރަކާތްތައް ހިންގާ ފަރާތެއް. ވޭތުވެދިޔަ 20 އަހަރު ތެރޭގައި ކުޅިވަރުގެ ދާއިރާއިން ދެ ހާހަށްވުރެ ގިނަ ކުޅުންތެރިން ތަމްރީނުކޮށް ބައިނަލްއަޤުވާމީ މުބާރާތްތަކަށް ކުޅުންތެރިން ނެރެދީފައިވޭ. މުއުމިނާ އާދަމް ވަނީ އަންހެނުންގެ ދާއިރާއިން ކުޅިވަރު ކުޅުމާއި ކުޅިވަރަށް ޚިދުމަތް ކުރުމުގެ ރޮގުން ހިތްވަރު ދިނުމުގެ ޤައުމީ އިނާމު 2014ވަނަ އަހަރު ހާސިލުކުރައްވާފައި.

މުއުމިނާ އާދަމް މި ދާއިރާގައި 20 އަހަރަށް ވުރެ ގިނަ ދުވަހު ޚިދުމަތް ކުރައްވާފައިވާއިރު، މިހާރު ވެސް ގެންދަވަނީ މާލޭގެ ގިނަ ސްކޫލްތަކުގައި ހިންގޭ އިންޓަރ ކުލާސް އަދި އިންޓަރ އޮފީސް ނެޓްބޯޅަ އާއި ހޭންޑް ބޯލް މުބާރާތްތައް ހިލޭ ސާބަހަށް ހިންގައިދެމުން.

ޢާއިޝަތު ލޫބާ. 02-03-122/ ހުޅުމާލެ ފްލެޓް

އެވޯޑު ލިބުނު ދާއިރާ:  އިޖުތިމާޢީ

ޢާއިޝަތު ލޫބާއަކީ 2001ވަނަ އަހަރުން ފެށިގެން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ޙައްޤުތައް ހޯދައިދިނުމަށް  މަސައްކަތްކޮށް، ވަކާލާތުކުރަމުންދާ ފަރާތެއް. އެ ގޮތުން ސަރުކާރުގެ މުވައްޒަފުންނަށާއި، ރާއްޖޭގެ އެކި ސްކޫލްތަކުގެ ބެލެނިވެރިންނަށް ނުކުޅެދުންތެރިކަމާ ގުޅޭ ގޮތުން ހޭލުންތެރިކުރުވުމަށް ސެޝަންތަކާއި ވޯކްޝޮޕްތައް ހިންގާފައިވޭ. އޭގެ ތެރޭގައި މުޖުތަމައުގެ ތަފާތު އެކި އެކި ކަންކަމުގައި އަންހެނުން ބާރުވެރިކުރުވައި ޚާއްސަކޮށް ނުކުޅެދުންތެރިކަން ހުންނަ އަންހެނުންނަށް ފުރުސަތުތައް ފަހިކޮށް ދިނުމަށް ކޮށްދެއްވާފައިވާ މަސައްކަތްތައް ހިމެނޭ. އަދި ސްޕެޝަލް އެޑިއުކޭޝަންގެ ދާއިރާއިން ގިނަ އަދަދެއްގެ ޓީޗަރުން ތަމްރީނުކުރުމަށް އެކި ކޮލެޖް ޔުނިވަރސިޓީތަކާ ގުޅިގެން މަސައްކަތްކުރައްވާފައިވޭ. ކެއަރ ސޮސައިޓީގައި 17 އަހަރު މަސައްކަތްކުރައްވާފައިވާ ޢާއިޝަތު ލޫބާ މިހާރު މަސައްކަތްކުރައްވަމުން ގެންދަވަނީ މިނިސްޓްރީ އޮފް ޖެންޑަރ ފެމެލީ އެންޑް ސޯޝަލް ސަރވިސްގެ ފިޔަވަތި މަރުކަޒުގައި ސްޕެޝަލް ނީޑްސް ކޮންސަލްޓެންޓެއްގެ ގޮތުގައި.

ސޮސައިޓީ ފޮރ ހެލްތު އެޑިއުކޭޝަން. ކުލުނުވެހި، ބުރުޒުމަގު

އެވޯޑު ލިބުނު ދާއިރާ: އެމްޕްލޯޔަރސް ކެޓަގަރީ

ސޮސައިޓީ ފޮރ ހެލްތު އެޑިއުކޭޝަން (ޝީ)އަކީ ޖިންސަކަށް ވީތީ އަންހެނުންނަށް ކުރެވޭ އަނިޔާއާއި ގެވެށި އަނިޔާއަށް ސްކްރީން ކުރުމާއި، އެ ފަދަ ފަރާތްތަކަށް ބޭނުންވާ ސައިކޯ ސޯޝަލް ސަޕޯޓް ފޯރުކޮށްދެމުން އަންނަ ޖަމުޢިއްޔާއެއް. ޝީގެ ފަރާތުން އަންހެނުންނަށް ޚާއްޞަ ކުރެވިގެން ކުރިއަށް ގެންދާ ޕްރޮގްރާމްތަކުގެ ތެރޭގައި ކައުންސެލިންގ، އުފަންވެނި ޞިއްޙަތާއި، ޢާއިލާ ރޭވުން، އަދި ޖެނެޓިކް ކައުންސެލިންގެ ޚިދުމަތް ހިމެނޭ. މީގެ އިތުރުން އަންހެނުންގެ ޙައްޤުތަކަށް ވަކާލާތުކޮށް، މަސައްކަތްކުރާނެ ފިރިހެނުން ތަމްރީންކުރުމާއި، މުއައްސަސާތަކުގައި އަންހެނުން ބާރުވެރި ކުރުވުމަށްޓަކައި ޕްރޮގްރާމްތަކާއި ތަފާތު ޓްރެއިނިންގ ތަކުގައި ބައިވެރިވުމުގެ ފުރުސަތު ފަހިކޮށްދިނުމާއި، ވަޒީފާގެ މާޙައުލުގައި އަންހެނުންނާއި ފިރިހެނުންނަށް ހަމަހަމަ ފުރުސަތުތަކެއް ދީ، އަންހެނުން އިސް މަޤާމުތަކުގައި ހަރަކާތްތެރިވުމުގެ ފުރުސަތު ވެސް ތަނަވަސްކޮށްދީފައިވޭ. މި މަސައްކަތްތަކުގެ ތެރޭގައި އަންހެނުންނަށް ޙާއްޞަ ކްލިނިކެއް ޤާއިމުކުރުން ހިމެނޭ.

ޝީގެ ޚިދުމަތް މެދުނުކެނޑި ފޯރުކޮށްދޭތާ މިއީ އެއްތިރީސް ވަނަ އަހަރު

އާމިނަތު އަޒްކާ ޢާދިލް. ދިގުވާނޑު ރޭވަން/ ޏ.ފުވައްމުލައް

އެވޯޑު ލިބުނު ދާއިރާ: އަންހެނުން އާންމުގޮތެއްގައިކޮށް ނޫޅޭ މަސައްކަތްތައް ނުވަތަ "ނަން-ޓްރެޑިޝަނަލް ރޯލްސް"

އާމިނަތު އަޒްކާ ޢާދިލްއަކީ ފެތުމުގެ ދާއިރާއިން ނަމޫނާ ދައްކަމުންދާ ފަރާތެއް. އުމުރުން 9 އަހަރުން ފެށިގެން ފެތުމުގެ ތަފާތު މުބާރާތްތަކުގައި ބައިވެރިވަމުން އަންނަ އާމިނަތު އަޒްކާ ޢާދިލް ވަނީ ގިނަ ކާމިޔާބީތައް ހޯދާފައި. އަދި ބައިނަލްއަޤުވާމީ ގިނަ މުބާރާތްތަކެއްގައި ދިވެހިރާއްޖެ ތަމްސީލުކުރައްވާފައިވޭ. ފެތުމުގެ ހަރަކާތްތައް ބަލާލާއިރު، 2009 އަދި 2012ވަނަ އަހަރު ފުނަދޫއިން މާލެއަށް ފަތާފައިވޭ. އަދި 2015ވަނަ އަހަރު ވިލިމާލޭން މާލެއަށް ފަތާފައިވާއިރު، 2018ވަނަ އަހަރު ކުރުނބާ އައިލެންޑް ރިސޯޓުން މާލެއަށް ފަތާފައިވޭ. މީގެ އިތުރުން މި އަހަރު "ބާ ކްރޯލް" ޕްރޮގްރާމްގެ ދަށުން 7 ދުވަސް ތެރޭގައި ބ.އަތޮޅުގެ ހުރިހާ ރަށަކަށް ކަނޑު ހުރަސްކޮށް ފާތާފައި ދިޔަ ހަމައެކަނި އަންހެން ފެތުންތެރިޔާގެ ލަޤަބު ހޯދާފައިވޭ. އާމިނަތު އަޒްކާ ޢާދިލްއަކީ މި ވަގުތު ލައިފް ގާރޑް އެސޯސިއޭޝަންގެ ވޮލަންޓިއަރ ކޯޗެއް.

އަމީނާ ޢަލީކަލޭފާނު: އަތިރީގެ/ ގދ.ގައްދޫ  

އެވޮޑު ލިބުނު ދާއިރާ: އިޤްތިޞާދީ

އަމީނާ ޢަލީކަލޭފާނަކީ ހެދުން ފެހުމާއި، އެމްބްރޮއިޑަރީގެ މަސައްކަތް ކުރާތާ 30 އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ ފަރާތެއް. މި މުއްދަތުގެ ތެރޭގައި 1400އަށް ވުރެ ގިނަ މީހުންނަށް މި މަސައްކަތް އުނގަންނައިދީފައިވޭ. މީގެ އިތުރުން 2012ވަނަ އަހަރުން ފެށިގެން ސަރުކާރުގެ އެކި އެކި މުއައްސަސާތަކާއި އަމިއްލަ ފަރާތްތަކަށް ބިޑް އުސޫލުން ފެހުމުގެ ދާއިރާގެ އެކިއެކި މަސައްކަތްތައް އަންނަނީ ކޮށްދެއްވަމުން. އެ ގޮތުން ސިފައިންނާއި ފުލުހުންނަށް ޔުނިފޯމް ފެހުމާއި ނޭމް ޓެގް ހެދުން ހިމެނޭ.

އަމީނާ ޢަލީކަލޭފާނަކީ އަންހެނުންގެ ހައްޤުތަކައް މަސައްކަތް ކުރާ އެކިއެކި ޖަމުޢިއްޔާތަކާއެކު ވެސް ތަފާތު އެކިއެކި މަސައްކަތް ކުރައްވާ ފަރާތެއް. އެ ގޮތުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި، މާލީ އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ހިލޭ ސާބަހަށް ހެދުން ފަހައި ދިނުން ހިމެނޭ.

ޢާއިޝަތު ޝިރުޙާނާ: ހ. ބޮންތި   

އެވޯޑު ލިބުނު ދާއިރާ: އިޖުތިމާއީ

ޢާއިޝަތު ޝިރުޙާނާއަކީ މުޖުތަމައުގެ ޞިއްޙީ ދުޅަހެޔޮކަމާއި ގުޅިގެން ހުރި ނޭދެވޭ އާދަތައް ނައްތާލުމަށް މަސައްކަތްކުރާ ފަރާތެއް. އެ ގޮތުން މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ހަކުރު ބައްޔަށް ޓެސްޓުކުރުމާއި މަޢުލޫމާތު ދިނުމުގެ ޕްރޮގްރާމްތައް ހިންގުން ހިމެނޭ.

މި ދާއިރާއިން ކޮށްދެއްވާފައިވާ ޚިދުމަތްތަކުގެ ތެރޭގައި 16 އަހަރުން މަތީގެ ސާޅީ ހަތަރު ހާހަށް ވުރެ ގިނަ މީހުން ހަކުރު ބައްޔަށް ޓެސްޓް ކޮށްދީ، ހަކުރު ބަލީގެ މީހުންނަށް ޚާއްޞަ ކްލިނިކެއް ވަނީ އުފައްދާފައި. އަދި 2008ވަނަ އަހަރު 'ސޭވް ޑައެބެޓިކް ޗައިލްޑް'ގެ ނަމުގައި ޕްރޮޖެކްޓް ފައްޓަވައި، ހަކުރު ބަލި ހުރި 122 ކުދިންނަށް އިންސުލިން އަދި ޓެސްޓް ކުރާ ސާމާނު ފޯރުކޮށްދެއްވާފައިވޭ. މީގެ އިތުރުން ދުނިޔޭގެ ހަކުރު ބަލީގެ ދުވަސް އިސްވެ ޤައުމީ ފެންވަރެއްގައި ފާހަގަ ކުރުމުގެ އިތުރުން، 174 މީހުން ޑައިބެޓިކް އެޑިއުކޭޓަރުންގެ ގޮތުގައި ތަމްރީނުކުރުމާއި، "ޑައިބްމޯލްޑިވްސް އިންޓަރނޭޝަނަލް ޔޫތް"ގެ ނަމުގައި ހަކުރުބަލީގެ ޓައިޕް 1 ކުދިންނަށް ކޮންމެ 2 އަހަރަކުން 1 އަހަރު ކޭމްޕް ބޭއްވުން ހިމެނޭ. ޢާއިޝަތު ޝިރުޙާނާ މި ވަގުތު ހުންނެވީ ޑައިބީޓީސް ސޮސައިޓީ އޮފް މޯލްޑިވްސްގެ ޗީފް އެގްޒެކްޓިވް އޮފިސަރގެ މަޤާމުގައި.

ނަސްރީނާ ޢަލީ: ދަފްތަރު ނަންބަރު 3257، މާލެ

އެވޯޑު ލިބުނު ދާއިރާ:  އަދާކުރާ ވަޒީފާގެ ގޮތުން އޮފީހަށް ނުވަތަ ދާއިރާއަށް ކޮށްދީފައިވާ ޚިދުމަތް (އެކްސެޕްޝަނަލް އިންސްޓިޓިޔުޝަނަލް ސަރވިސް)

ނަސްރީނާ އަލީ ކެއްކުމުގެ ދާއިރާއަށް ގުޅިވަޑައިގަތީ 2004ވަނަ އަހަރު. އަދި 2006ވަނަ އަހަރުން ފެށިގެން ދިވެހިރާއްޖެއާއި ދިވެހިރާއްޖޭން ބޭރުގައި ތަފާތު ތަމްރީނު ޕްރޮގްރާމްތައް ފުރިހަމަކުރައްވާފައިވާ ފަރާތެއް. އެ ގޮތުން 2009އިން 2011އަށް ނިޔުޒީލެންޑްގައި މަސައްކަތްކޮށް ތަޖުރިބާ ހޯދާފައިވޭ.

މީގެ އިތުރުން 2015އިން 2018އަށް އައި.ޓީ.ބީ ފެއަރގައި ދިވެހިރާއްޖެ ތަމްސީލުކުރައްވާފައިވޭ. މީގެ އިތުރުން 2011ވަނަ އަހަރު ރަގްބީ ވޯލްޑް ކަޕްގައި ޝެފެއްގެ ގޮތުގައި ހަރަކާތްތެރިވުމާއި 2018ގައި ލަންޑަންގައި "މޯލްޑިވިއަން ކުސީން"ގެ ނަމުގައި ފެއަރ އެއް ހިންގުމާއި، މި އަހަރު ވޯލްޑް ޝެފްސް ކޮންގްރެސްގެ މެންބަރެއްގެ ހައިސިއްޔަތުން ރާއްޖެ ތަމްސީލުކުރެއްވުން ހިމެނޭ.

ނަސްރީނާ އަލީ މި ވަގުތު މަސައްކަތްކުރައްވަމުން ގެންދަވަނީ ދިގަލި މޯލްޑިވްސްގައި ޝުއުސް ޝެފެއްގެ ވަޒީފާގައި.

 

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.