ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ބޯމަތިވެފައި އޮއްވައި ޕީޕީއެމްގެ ރައީސް އަދި ރާއްޖޭގެ ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ބަންދު ކުރެއްވުމުން ޕްރޮގްރެސިވް ކޯލިޝަން (ޕީޕީއެމް އަދި ޕީއެންސީ) ގެ ޙަރަކާތްތަކަށް އަސަރުކުރާނެ ކަމަށް މުޙައްމަދު ޙުސައިން ޝަރީފް (މުންދު) ވިދާޅުވެއްޖެއެވެ.
ރައީސް ޔާމީންގެ ވެރިކަމުގައި ރައީސް އޮފީހުގެ މިނިސްޓަރު ކަމާއި ސަފީރުކަމާއި، ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލްކަން ކުރައްވައިފައިވާ މުންދު ވިދާޅުވީ ރައީސް ޔާމީނަކީ ލިޑަރެއް ކަމަށެވެ. އެހެން ކަމުން ޢާއިލާއެއްގައި ބައްޕައަކުނެތީމައި ކުރާ އަސަރު އެ ދެޕާޓީއަށް ކުރާނެ ކަމަށެވެ.
"ރައީސް ޔާމީނަކީ ލީޑަރެއް ދެއްތޯ؟ ޢާއިލާއެއްގައި ބައްޕައެއް ނެތީމައި އެޢާއިލާއަށް އަސަރުކުރާނެ ދެއްތޯ؟ ހަމަ އެބީދައިން މި ދެޕާޓީއަށް ވެސް އޭގެ އަސަރު ކުރާނެ،" މުންދު ވިދާޅުވިއެވެ.
ރައީސް ޔާމީން މާފުށީ ޖަލުގައި ބަންދުކުރީ އެމަނިކުފާނުގެ މައްޗަށް އުފުލާފައިވާ މަނީލޯންޑަރ ކުރުމުގެ މައެއްސަލައެއްގެ ދަޢުވާގެ ޝަރީޢަތް ނިމެންދެން އެމަނިކުފާނު ބަންދުގައި ބެހެއްޓެވުމަށް ކޯޓުން އަމުރު ކުރެއްވުމުންނެވެ.
ރައީސް ޔާމީންގެ އެކައުންޓަށް އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ ވަދެފައިވާ ކަމަށް އެމައްސަލަ ތަޙުޤީގު ކުރެއްވުމަށްފަހު ފުލުހުން ވިދާޅުވެފައިވެއެވެ.
ރައީސް ޔާމީން ބަންދުކުރެއްވުމުން އެމަނިކުފާނު މިނިވަންކުރުމަށް ގޮވާލައި މާދަމާރޭ މާލޭގައި މުޒާހަރާ ކުރުމަށް ޕްރޮގްރެސިވް ކޯލިޝަނުން ވަނީ ނިންމައިފައެވެ.