ގެއެއްގެ ނުވަވަނަ ބުރިން ވެއްޓުނު ކަޓިންބޯޑަކުން ޖެހި މީހެއްގެ ބޯފެޅިއްޖެ

ގަލޮޅު ކަނދުމާގޭގެ 9 ވަނަ ބުރިން މަގުމައްޗަށް ވެއްޓުނު ކަޓިންބޯޑަކުންޖެހި މީހެއްގެ ބޮލުގެ ފުއްކިބައިން ދެ އިންޗިހާތަން ފެޅިއްޖެއެވެ. އޭގެ އިތުރަށް އޭނާގެ ކަނާތު އުޅަބޮށި ކައިރި ވަނީ މަށައިގެން ގޮސްފައެވެ.

މިޙާދިސާ ހިނގާފައިވަނީ ފެބުރުއަރީ 17 ވަނަ ދުވަހުގެރޭ 23:34 އެހައިކަންހާއިރު އެވެ. މި ޙާދިސާގައި އަނިޔާވެފައިވަނީ ޢުމުރުން 58 އަހަރުގެ ދިވެހި ފިރިހެނަކަށް ކަމަށް ފުލުހުން ވިދާޅުވިއެވެ.

އޭނާއަށް މިހާރުވަނީ އައިޖީއެމްއެޗުގައި ފަރުވާ ދީފައެވެ. ޙާލު ސީރިއަސް ނޫން ކަމަށް ފުލުހުން ވިދާޅުވިއެވެ. "އަނިޔާ ލިބުނު މީހާގެ ބޮލުގެ ފުށްކިބައިން ދެ އިންޗިހާ ތަން ވަނީ ފަޅައިގެން ގޮސްފައި. އަދި ކަނާތު އުޅަބޮށި ކައިރިން ވަނީ މަށައިގެން ގޮސްފައި،" ފުލުހުން ވިދާޅުވިއެވެ.

މި ހާދިސާ ހިނގާފައިވަނީ ކަނދުމާގޭ ނުވަވަނަ ބުރީގެ އެޕާޓުމެންޓެއްގެ ބަދިގެސެޓު ހުންނަ ދިމާގައި ހުރި ސްލައިޑުކުރާ ކުޑަދޮރެއް ހުޅުވާލި ވަގުތުއެވެ.

ހުޅުމާލޭގައި ހަދަމުންދާ ޢިމާރާތެއްގެ 5 ވަނަ ބުރިން ވެއްޓުނު ގަލަކުން ޖެހި ޢުމުރުން 44 އަހަރުގެ، ބަނގްލަދޭޝްގެ ފިރިހެނަކު ވެސް ވަނީ ފެބުރުވަރީ 17 ވަނަ ދުވަހުގެރޭ 19:50 އެހައިކަންހާއިރު ނިޔާވެފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.