އިންތިޚާބުގައި "އަހަނަ ގޮންޑާ މިކަލަސް ޖަމީލު" އަށް ދޭންތިބި މީހުންނަށް ސިހުމެއް

ކުރިއަށްއޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ޕީޕީއެމްގެ ފަރާތުން ގެމަނަފުށީ ދާއިރާއަށް ވާދަކުރައްވަން ނިންމަވައި އެޕާޓީގެ ޓިކެޓު ދެއްވީ މިހާރުގެ ވެސް މެމްރު ޖަމީލް އުސްމާން (ޖޭޔޫ) އަށެވެ.

ޕާޓީގެ ޓިކެޓު ލިބުމާއެކު އޭނާގެ ރަސްމީ ޝިޢާރުގެ ދަށުން ވަނީ ކެމްޕޭން ފަށައިފައެވެ. "އަހަނަ ގޮންޑާ މިކަލަސް ޖަމީލު" މި ޝިޢާރުގެ ދަށުން ކެމްޕޭން ފެށުމާއެކު އޭނާއަށް ތާއިދުކުރާ ފަރާތްތަކުން ފޯރިއާއެކު ކެމްޕޭން ފެށިއެވެ. އުންމީދުން ފުރިގެންވާ މުސްތަގުބަލަކަށް އަނެއްކާވެސް ޖޭޔޫއާއެކުގައި ދިޔުމަށެވެ. އެހެންނަމަވެސް އަހަނަ ގޮންޑާ މިކަލަސް ޖަމީލުއަށް ދޭން ތިބި މީހުންނަށް ސިހުމެއް ލިބުނީ އެދާއިރާ އަށް ޕީޕީއެމުން ވާދަކުރުމުގެ ބަދަލުގައި ޖުމްހޫރީޕާޓީން ވާދަކުރައްވާ ކެންޑިޑޭޓަށް ތާއިދު ކުރަން ނިންމުމުންނެވެ. އެހިސާބުން އެމީހުންގެ ހިތްތައް މޯޅިވެ އިންދިރާސް ވިއެވެ. ކަންބޮޑުވުމާއި ހިތްނުތަނަވަސްކަން ފާޅުކުރަން ފެށިއެވެ.

މިކަމާ ބެހޭގޮތުން މަޢުލޫމާތު ހޯދަން ޖަމީލް އުސްމާނަށް ގުޅުމުން އޭނާ މާގިނަ ވާހަކަތެއް ނުދެއްކެވިއެވެ. ވަރަށް ހަމަޖެހިވަޑައިގެން ހުންނަވާ ވިދާޅުވީ އެފަދަ ނިންމެވުމެއް ނިންމެވި ކަމެއް ޕާޓީއަކުން ރަސްމީކޮށް އަންގަވާފައި ނުވާކަމަށެވެ. އޭނާ ކުރިން ވިދާޅުވެފައިވަނީ ޕާޓީގެ ރަސްމީ ނިންމެވުންތަކަށް ފުރިހަމައަށް އިޙުތިރާމް ކުރައްވާނެ ކަމަށެވެ. އެހެންނަމަވެސް މިފަހަރު އޭނާ ޢަމަލު ކުރައްވާނެ ގޮތެއް އަދިއެއް ހާމައެއް ނުކުރައްވައެވެ.

ގެނަމަފުށީ ދާއިރާއަށް ޖުމްހުރީ ޕާޓީން ވާދަކުރައްވަނީ ޔޫތު މިނިސްޓްރީގެ ކުރީގެ ޑެޕިޔުޓީ މިނިސްޓަރ އަދި އެދާއިރާގެ ކުރީގެ މެމްބަރު އިލްހާމް އަޙުމަދުގެ އެއްބަނޑުއެއްބަފާ ކޮއްކޮ ޢަލީ ޢާދިލެވެ.

ޖޭޔޫ އާފަތިހަށް ކުރިން ދެއްވި އިންޓަރވިއުއެއްގައި ވިދާޅުވެފައިވަނީ ގެމަނަފުށީ ދާއިރާއަށް ޚިދުމަތްކޮށްދެއްވުމަކީ އަބަދުވެސް ބޭނުންވާ ކަމެއްކަމަށެވެ. މަޖިލީހުގެ ގޮނޑިއަށް އޭނާ ހޮއްވަވައިފިނަމަ ނިމިގެން މިދާ ދައުރަށްވުރެ ވެސް ފާގަތި ކަމާއި ތަނަވަސްކަން ދާއިރާއަށް ހޯއްދަވައި ދެއްވުމަށް މަޖިލީހާއި ސަރުކާރު ތެރެއިން މަސައްކަތް ކޮށްދެއްވުމަކީ އޭނާގެ އެންމެ އިސްމަގުސަދު ކަމަށް ވެސް ވިދާޅުވިއެވެ. އޭނާއަކީ ދާއިރާގެ ޚިދުމަތްތެރިއެކެވެ. މީހުންނާ ގުޅުން ބޮޑު ރަޙުމަތްތެރިއެއް ކަމަށް އޭނާގެ ބައެއް ސަޕޯޓަރުން ބުނެއެވެ.

ފާއިތުވި ނުވަތަ ވަމުންދާ ފަސް އަހަރަށް ބަލާއިރު މަޖީލީހުގެ ހާޒިރީ އެންމެ ރަނގަޅީ ޖަމީލް އުސްމާނު ކަމަށް ބަލައިގަންނަންޖެހެއެވެ. އެ މުއްދަތުގައި އޭނާއަށް މަޖިލީހަށް ހާޒިރު ނުވެވިވަނީ ތިން ދުވަހެއެވެ. އެއީ މަސްވެރިންގެ ދުވަސް ރަސްމީކޮށް ގެމަނަފުށީގައި ފާހަގަކުރި އިހުތިފާލުގައި ބައިވެރިވުމަށް އެރަށުގައި ހުންނެވި ތިން ދުވަހެވެ.

ޖޭޔޫއަކީ މާސްޓަރސް ހައްދަވައިފައިވާ ތަޢުލީމީ ޒުވާނެކެވެ. ސްކޫލް ދައުރަށްފަހު ޤައުމީ ޚިދުމަތަށް ނިކުންނެވީ ސިފައިންގެ ޚިދުމަތުގެ ތެރެއިންނެވެ. އެއަށްފަހު ފަތުރުވެރި ކަމުގެ ދާއިރާއިންނެވެ. މިހާރު މަސައްކަތް ކުރައްވަނީ ސިޔާސީ ދާއިރާގައެވެ.

ގެމަނަފުށީގެ ގޮނޑި ދޫކޮށްލައި ޖޭޕީއަށް ތާއިދުކުރަން ޕީޕީއެމުން ނިންމެވި ނިންމެވުމާބެހޭ ގޮތުން އެއްވެސް ތަފްސީލެއް އެޕާޓީއަކުން ނުލިބުނެވެ. އެހެންނަމަވެސް ޖަމީލް އަތުން ގޮނޑި ގެއްލިދާނެތީ އެދާއިރާއިން އޭނާއަށް ސަޕޯޓުކުރާ މީހުންތިބީ މޮޅިވެރިކަމާއި ނުތަނަވަސްކަމެއްގެ ތެރޭގައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.