އަރަބި ބައެއް އިސް ވެރިންގެ ނަޒަރުގައި އީރާނަކީ މެދު އިރުމައްޗަށް އޮތް އެންމެ ބޮޑު ނުރައްކާ

ޕޮލެންޑުގެ ވެރިރަށް ވާސޯގައި 'ޕީސް އެންޑް ސެކިއުރިޓީ އިން ދަ މިޑްލް އީސްޓް' ގެ ނަމުގައި ކުރިޔަށް ދިޔަ މެދު އިރުމަތީގެ ސުލްހައާ ބެހޭ ބައްދަލުވުމުގެ ސިއްރު ޖަލްސާއެއްގައި ބައެއް އަރަބި ގައުމުތަކުގެ އިސްވެރިން ދެއްކެވި ވާހަކަފުޅުތަކުގެ ވީޑިޔޯއިސްރާއީލުގެ ބޮޑުވަޒީރު ނަތަންޔާހޫ އާއްމުކޮށްފިއެވެ.

ނަތަންޔާހޫގެ އަރިސް މީހަކު ފޯނަކުން ނަގާފައިވާ ވީޑިޔޯއެއްކަމަށް ބެލެވޭ އެ ވީޑިޔޯގައި ނަތަންޔާހޫ އާއެކު އަރަބި ބައެއް ގައުމުތަކުގެ ޚާރިޖީ ވަޒީރުން ތިއްބަވާތަން ފެނެއެވެ. އެބޭފުޅުން ދައްކަވާފައިވާ ވާހަކަފުޅުތައް އެވީޑިޔޯއިން އެނގެއެވެ.

"އަހަރުމެން ބޮޑުވެގެން އައި ދުވަސްވަރު ބުނަމުން އައީ އެންމެ މުހިއްމު މައްސަލައަކީ ފަލަސްޠީނާއި އިސްރާއީލާ ދެމެދު އޮތް ހަމަނުޖެހުން ކަމުގައި..... އެހެން ފަހުގެ މަރުހަލާތަކުގައި އަހަރުމެންނަށް މިވަނީ މާބޮޑު ގެންޖެހުމެއް ފެނިފައި. އެއީ އީރާނުގެ ޖުމްހޫރިއްޔާގެ ބިރުދެއްކުން." ބަހުރޭންގެ ޚާރިޖީ ވަޒީރު ޝައިޚް ޚާލިދު ބިން އަޙްމަދު އެ ވީޑިޔޯގައި ވިދާޅުވެއެވެ.

"ރަނގަޅު ވާހަކައެއް. އިސްރާއީލާ އެގައުމުގެ އަވަށްޓެރިންނާ ދެމެދު ހައްލުކުރަންޖެހޭ ދެބަސްވުންތަކެއް އެބަހުރި. އެ ދެބަސްވުން މިސްރާއި ޖޯޑަނުން ވަނީ ހައްލުކޮށްފައި." އޭނާ އިތުރަށް ވިދާޅުވެފައި ވެއެވެ.

ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގެ ޚާރިޖީ ވަޒީރު ޝައިޚް ޢަބްދުﷲ ބިން ޒާޔިދު ވަނީ އިސްރާއީލަށް އަމިއްލަ ނަފުސު ދިފާއުކުރުމުގެ ހައްގު ލިބިގެންވާ ކަމަށް ވިދާޅުވެފައެވެ. އިސްލާއީރުން ސީރިޔާގައި ބިތި އީރާނު ސިފައިންނާއި، ހިޒްބުﷲ ގެ ހަނގުރާމަވެރިންނަށް ދޭ ހަމަލާތަކާމެދު ބައްދަލުވުމުގެ ރައީސު ޑެނިސް ރޮސް ކުރެއްވި ސުވާލެއްގެ ޖަވާބުގައި އޭނާ ވިދާޅުވެފައި ވަނީ "އެހެން ގައުމަކުން ކުރިމަތިލާނަމަ، ކޮންމެ ގައުމަކަށްވެސް އަމިއްލަ ނަފުސު ދިފާއުކުރުމުގެ ހައްގެ ލިބިގެންވާ" ކަމުގައެވެ.

"ސީރިޔާއާއި އިރާގާއި ޔަމަނުގައި، އަދި ބަހުރައިނުގައިވެސް، ނުރައްކާތެރިކަން ކުރިމަތިކޮށްގެން ފަލަސްޠީނުގެ މައްސަލަ ހައްލުކުރުމަށް ހުރަސްއަޅަނީ އީރާނުގެ ވެރިރަށް ތެހެރާނުން" ކަމުގައިވެސް އޭނާ ވިދާޅުވެފައި ވެއެވެ.

"ފަލަސްތީނު މީހުންނަށް ބައްލަވާ! އެމީހުންގެ ވެރިކަމަށް ދަތިކުރާ ހަމާސް އާއި އިސްލަމީ ޖިހާދަށް އެހީތެރިވަނީ ކޮންބައެއް؟ ސީރިޔާގައި ހަމަނުޖެހުން އުފައްދަނީ ކޮން ބައެއް؟ 'ޓެރަރިސްޓް' ޖަމާއަތްތަކަށް ހަތިޔާރު ދެނީ ކޮންބައެއް؟" އީރާނަށް އިޝާރާތްކުރައްވައި ސައޫދީ ޚާރިޖިއްޔާގެ ސްޓޭޓް މިނިސްޓަރި އާދިލު އަލްޖުބައިރު ވިދާޅުވެފައި ވެއެވެ.

އަލްޖުބައިރު ވަނީ އިސްލާއީލާއެކު ސުލްހަ ގާއިމުކޮށްގެން މެނުވީ މެދުއިރުމަތީގައި ސުލްހަ ގާއިމު ނުކުރެވޭނެކަމަށްވެސް ވިދާޅުވެފައެވެ.

މި ވީޑިއޯ ލީކަށްފަހު އިސްރާއީލުގެ ބައެއް ނޫސްތަކުން ޚަބަރުދީފައި ވާގޮތުގައި ބޮޑުވަޒީރު ނަތަންޔާހޫ ވަނީ ފާއިތު 2018 ވަނަ އަހަރު ސިއްރިއްޔާތުގައި އަރަބި ހަތަރު ގައުމަކަށް ޒިޔާރަތްކޮށްފައެވެ.

އަނެއްކޮޅުން، މިޚަބަރާ ގުޅިގެން އިސްރާއީލުގެ މަޝްހޫރު ނޫސްވެރިޔާ އެޑީ ކޯހެން އަރަބި ޗެނަލަކާ ވާހަކަދައްކަމުން ބުނެފައި ވަނީ "ފަލަސްޠީނުގެ މައްސަލަ މަރުވެއްޖެ" ކަމަށާ، "އަރަބިން އިސްރާއީލާ ގުޅުން ރަނގަޅު ކުރަން ކުރިން މަޑުމަޑުން ކުރިއަށް ދިޔަޔަސް މިހާރު އެމީހުން އިސްރާއީލުގެ ފަހަތުން ދުވަނީ ކަމަށެވެ.

އަދި އޭނާ އިތުރަށް ބުނެފައި ވަނީ "ނަތަންޔާހޫ ގާތު އަރަބި ވެރިން ދައްކަވާފައިވާ ވާހަކަތައް އަރަބިންނަށް އެނގިއްޖެނަމަ ލިބޭ ސިހުމުން އެމީހުންގެ ބޯ ނުރަވާނެ" ކަމުގައެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.