އެލްސެލްވަޑޯރުގެ ރިޔާސީ އިންތިޚާބު ކޮރަޕްޝަނާ ދެކޮޅު އެޖެންޑާއަކާ އެކު އާ އިއްތިހާދެއްގެ ތެރެއިން ނުކުމެވަޑައިގަތް ކެންޑިޑޭޓު ނަޖީބް އަރްމަންޑޯ ބޫކޭލޭ އޮރްޓޭޒް ކާމިޔާބުކުރައްވައިފިއެވެ. 30 އަހަރުވަންދެން އެލްސަލްވަޑޯރުގައި ވެރިކަން ކުރި މައި ދެޕާޓީ ބަލިކުރެއްވުމަށް ފަހު އުމުރުފުޅުން 37 އަހަރުގެ ނަޖީބު ބޫކޭލޭ ވަނީ %54 އާއެކު ފުރަތަމަ ބުރުން އިންތިޚާބު ކާމިޔާބުކުރައްވާފައެވެ.
ސުޕުރީމް އިލެކްޓޯރަލް ކޯޓުން އިންތިޚާބު ކާމިޔާބުކުރެއްވީ ވެރިރަށް ސާންސަލްވަޑޯރުގެ ކުރީގެ މޭޔަރު ބޫކޭލޭ ކަން އިއުލާންކުރީ ވޯޓުގެ %90 ގުނައި ނިމުމުންނެވެ. އޭނާއާއި އެންމެ ގާތުން ވާދަކުރެއްވި އަލިޔަންޒާ ރިޕަބްލިކާނާ ނާސިއޮނަލިސްޓާ (އެރީނާ) ގެ ކެންޑިޑޭޓް ކާރްލޯސް ކަލޭހާ އަށް ލިބިވަޑައިގަތީ %32 އެވެ، ދެވަނަ ސިޔާސީ ޕާޓީ ފަރަބުންޑޯ މާރްޓީ ނޭޝަނަލް ލިބަރޭޝަން ފްރަންޓް (އެފްއެމްއެލްއެން) ގެ ކެންޑިޑޭޓު އަދި ކުރީގެ ޚާރިޖީ ވަޒީރު ހޯގޯ މާޓިނޭޒްއަށް ލިބިވަޑައިގަތީ %15 ވޯޓެވެ.
ނަޖީބު ބޫކޭލޭ އަކީ ތުރުކީގެ އުސްމާނީ ޚިލާފަތުގެ ދުވަސްވަރު އެލްސެލްވަޑޯރަށް ހިޖުރަކުރި ފަލަސްޠީނުގެ ބައިތުލަޙްމުގެ ނަސާރާދީނުގެ އާއިލައަކަށް ނިސްބަތްވެވަޑައިގަންނަވާ ބޭފުޅެވެ. އޭނާގެ އަސްލު އަރަބި ނަމަކީ ނަޖީބު އަބޫކައިލާއެވެ. އުމުރުފުޅުން 18 އަހަރުގައި ވިޔަފާރީގެ ތެރެއަށް ވެދެވަޑައިގެންނެވި ބޫކޭލޭއަކީ ހިންގުންތެރިކަމުގައި ކުޅަދާނަ ބޭފުޅެކެވެ. އޭނާއަކީ ޔަމަހާ މޯޓާސް އަލްސެލްވަޑޯރުގެ ވެރިޔާއެވެ.
"އަހަރުމެން މޮޅެއްޖެކަން އަހަރުމެންނަށް ޔަގީން. އަދި އަހަރުމެން މޮޅުވީވެސް ފުރަތަމަ ބުރުން." އޭނާ އިންތިޚާބު ކާމިޔާބު ކުރެއްވުމުން އުފާފާޅުކުރަން އެއްވެ ތިބި މީހުންނާ މުޚާޠަބުކުރައްވައި ނަޖީބު ބޫކޭލޭ ވިދާޅުވިއެވެ.
ކޮރަޕްޝަނާ ދެކޮޅު އެޖެންޑާއެއް ހިއްޕަވައިގެން ރިޔާސީ ރޭހަށް ނުކުންނެވި ބޫކޭލޭގެ ކެމްޕޭން ޝިޢާރަކީ "އެއްވެސް މީހަކު ވައްކަން ނުކުރާނަމަ، ފުދޭވަރަށް ފައިސާ ހުންނާނެ" އެވެ.
ބޫކޭލޭއާ ވާދަކުރެއްވި، މައި ދެ ސިޔާސީ ޕާޓިގެ ދެ ކެންޑިޑޭޓުންވެސް ބަލި ގަބޫލުކުރައްވާފައި ވާއިރު، ފުރިހަމަ ނަތީޖާ ދެ ދުވަހުގެ ތެރޭގައި އިއުލާނުކުރެވޭވަރު ވާނެކަމަށް އިލެކްޓޯރަލް ކޯޓުގެ ޖޫލިއާ އޮލީވިއާ ވިދާޅުވިއެވެ.
ނަޖީބު ބޫކޭލޭ އޭނާގެ ސިޔާސީ ހަޔާތްޕުޅު ފެއްޓެވީ 2012 ވަނަ އަހަރުއެވެ. އެއަހަރު އޭނާ ވަނީ ކުޑަ އަވަށެއް ކަމުގައިވާ ނުއޭވޯ ކުސްކަޓްލާންގެ މޭޔަރުކަމަށް އިންތިޚާބުވެވަޑައިގެންފައެވެ. އަދި 2015 ވަނަ އަހަރު އޭނާ ވެރިރަށް ސާން ސެލްވަރޯޑުގެ މޭޔަރުކަމަށް އިންތިޚާބުވެވަޑަގަތެވެ. މި ދެފަހަރުވެސް އޭނާ އިންތިޚާބު ކާމިޔާބު ކުރެއްވީ އެފްއެމްއެލްއެންގެ ކެންޑިޑޭޓެއްގެ ގޮތުގައެވެ.
މިފަހަރުގެ އިންތިޚާބުގައި ނަޖީބު ބޫކޭލޭ ވާދަކުރެއްވީ މައި ދެ ޕާޓިގެ ސިޔާސަތުތަކާ ދެކޮޅު މީހުންގެ އުފެއްދި އިއްތިހާދު ގްރޭންޑް އެލަޔަންސް އޮފް ނޭޝަނަލް ޔުނިޓީ (ގާނާ) ގެ ކެންޑިޑޭޓެޓެއްގެ ގޮތުގައެވެ. ޖާނާއަކީ ޖަލުތަކުގެ ސަލާމަތީ ކަންކަން ވަރުގަދަކުރުމާއި، މަރުގެ އަދަބުދިނުމާއި، ގޭންގުތަކާއި ހަނގުރާމަކުރުމުށް ޕެރެމިލިޓަރީ ސިފައިން އުފެއްދުމަށް ތާއީދުކުރާ، އެބޯޝަނާއި ދެކޮޅު އިއްތިހާދެކެވެ.
ދެކުނު އެމެރިކާގެ ގައުމެއް ކަމުގައިވާ އެލްސެލްވަޑޯރަކީ ދުނިޔޭގައި ގޭންގްތަކުގެ ތަޅާފޮޅުމުގައި އެންމެ ގިނައިން މީހުން މަރާ ގައުމެވެ. އެ ގައުމުގައި އެވަރެޖްކޮށް ދުވަހަކު ނުވަ މީހުން މަރާލެވެއެވެ. 2014 އާއި 2017 އާ ދެމެދު 20 ހާސް މީހުން މަރާލެވިފައިވާއިރު ގޭންގުތަކުގެ މެންބަރުންގެ ގޮތުގައި 60 ހާސް މީހުން ހަރަކާތްތެރިވާ ކަމަށްވެއެވެ.