ދިވެހި ސަޤާފަތުގައި އިޙުތިރާމް ކުރުން

ދިވެހިރާއްޖެ އަކީ ޖޯގުރަފީ ގޮތުން ދުނިޔޭގެ އެހެން ޤައުމުތަކާއި އަޅާބަލާއިރު ތަފާތު ޤައުމަކަށް ވުމުގެ ނަތީޖާއަކީ ދިރިއުޅުމުގެ ގިނަ ކަންތައްތަކުގައި ޒަމާނުއްސުރެ ދުނިޔޭގެ އެހެން ޤައުމު ތަކާއި ތަފާތުތަކެއް ދިވެހިންގެ ތެރެއިން ފެންނަމުން ދިއުމެވެ. އަދި އިސްލާމީ އުޞޫލު ތަކުގެ މައްޗަށް ބިނާވެފައިވާ ދިވެހިންގެ އަމިއްލަވަންތަ ސަޤާފަތެއް ދިވެހިންގެ ތެރޭގައި އޮތުމެވެ. އެހެންކަމުން ފާހަގަ ކުރެވޭ ކަމަކީ ޒަމާނުއްސުރެ ދިވެހިންގެ ތެރޭގައި އެކަކު އަނެކަކަށް އިޙުތިރާމު ކުރުން ބިނާވެފައިވަނީ ދުނިޔޭގެ އެހެން ޤައުމު ތަކުގެ ސަޤާފަތާއި މުޅިންތަފާތު ގޮތަކަށްކަމެވެ.

ދިވެހި ސަޤާފަތުން ފެންނަ ނޫނީ ދިވެހިންގެ ކިބައިގައި ހުރި ސިފަތަކުގެ ތެރެއިން އެންމެ ރީތި ސިފައަކީ ނުވަތަ އެންމެ މާތް އެއްސިފަޔަކީ އެކަކު އަނެކަކަށް އިޙުތިރާމު ކުރުމުގެ ސިފައެވެ. ދޫދޫ މަތިން ދެކެވެމުން އައިސް މިއަދާއި ހަމައަށް ވާޞިލުވެފައިވާ ވާހަކަ ތަކާއި އިހުޒަމާނުގައި ރާއްޖެއަށް ވަޑައިގެންނެވި މަޝްހޫރު ސައްޔާޙުންގެ ލިޔުއްވުން ތަކާއި، ދިވެހި ބަހުން ހެދިފައި ހުރި ކުރީގެ ޅެންތަކާއި ރައިވަރުތަކުން މިކަން ވަރަށް ބޮޑަށް ފާހަގަ ކުރެވެއެވެ. މީލާދީން 1343 ވަނަ އަހަރު ދިވެހިރާއްޖެއަށް ވަޑައިގެންނެވި މަޢުރިބް ކަރައިގެ މަޝްހޫރު ދަތުރުވެރިޔާ އިބްނު ބަޠޫތާ އޭނާގެ ދަތުރުނާމާގައި ދިވެހިންނަކީ މީހުންނަށް އިޙުތިރާމް ކުރުމުގައި މިސާލެއްފަދަ ބަޔެއްކަން ފާހަގަ ކުރައްވާފައިވެއެވެ. އިބްނުބަޠޫޠާގެ ލިޔުއްވުން ތަކަށް ޙަޥާލާ ދެއްވައި، ދިވެހިތާރީޚު ލިޔުއްވުންތެރިޔާ އަލްއުސްތާޛު މުޙައްމަދު އިބްރާހިމް ލުޠުފީ ( 1985 ) ''އިބުނުބަޠޫޠާ ދިވެހިރާއްޖޭގައި'' މިނަމުގައި ލިޔުއްވާފައިވާ ވާހަކަތަކުން އެނގޭ ގޮތުގައި ދިވެހިންނަކީ އެމީހުންގެ ޤައުމަށް ނުވަތަ ރަށަށް އަންނަ މެހުމާނުންނަށް އިޙުތިރާމް ކުރުމުގައި ނަމޫނާ ބައެކެވެ. އަދި ތިމާއަށްވުރެ ޢުމުރުން ދޮށީ މީހުންނާއި ކިޔަވައިގެން ތިއްބަވާ ބޭފުޅުންނާއި ކަމުވޮށިގެންވާ ފަރާތްތަކަށް ޚާއްޞަ ޤަދަރެއް ކުރާ ބައެކެވެ. ހަމަ އެހެންމެ މީލާދީން 1602 ވަނަ އަހަރުގެ ޖުލައި 2 ވަނަ ދުވަހު "ކޯބިން" ނަމަކަށް ކިޔާ އުޅަދެއް ބ. އަތޮޅު ގޮއިދޫ ފަރަށް އުރުމުގެ ނަތީޖާއެއްގެ ގޮތުން ދިވެހިރާއްޖެ ވަޑައިގެންނެވުނު، ފަރަންސޭސިވިލާތުގެ މަޝްހޫރު ސައްޔާޙު ފްރެންކޮއި ޕިރާޑް ޑީލާވަލް އޭނާގެ ސަފަރު ނާމާގައިވެސް މިކަން މިގޮތަށް ފާހަގަ ކުރައްވާފައިވެއެވެ. ޕިރާޑްގެ ލިޔުއްވުންތައް ތަރުޖަމާ ކުރައްވަމުން މުޙައްމަދު އިސްމާޢިލް ދީދީ (1995 ) " ޕިރާޑްގެ ޤަލަމުން ދިވެހިރާއްޖެ" މި ފޮތުގައި ލިޔުއްވާފައިވާ ގޮތުގައި ދިވެހިންނަކީ އެމީހުންގެ ޤައުމަށް ބޭރުން އަންނަ މެހުމާނުންނަށް އިހުތިރާމް ކުރާ ބަޔެކެވެ. އަދި ރަށުގައި ތިއްބަވާ ހަރުކުލައިގެ މީހުންނަށް ނުހަނު ލޯތްބާއެކު ޤަދަރު ކުރާ ބަޔެކެވެ.  

ދިވެހި ސަޤާފަތަކީ މާތްވެގެންވާ އިސްލާމް ދީނުގެ އަސަރު ފެންނަމުންދާ ސަޤާފަތެއް ކަމަށް ވުމުން ދިވެހި ސަޤާފަތުގައި ޢާއިލާގައި އެންމެ އިސްކަން ދެވިފައިވަނީ ޢާއިލާގައި ތިއްބަވާ ފިރިހެނުންނަށެވެ. އެހެންކަމުން ޢާއިލާގައި ކުރެވޭ ކޮންމެ ކަމެއްގައި އިސްވެ ހުންނާނީ ޢާއިލާގެ ބައްޕަ ނޫނީ ބޭބެ އެވެ. މިސާލެއްގެ ގޮތުން ދަންނަވާނަމަ ކެއުމުގެ މަޖުލީހަށް އަންހެނުންނާއި ފިރިހެނުން އެކުގައި އިންޞާފު ކުރުމަކީ ދިވެހި ސަޤާފަތުގައި އޮންނަ ކަމެއް ނޫނެވެ. ޒަމާނުއްސުރެ ދިވެހިންގެ ތެރޭގައި ޢާއްމުވެފައި އޮންނަ ގޮތަކީ ގޭގެ ފިރިހެނުން ކައި ނިމުމުން އަންހެންވެރީން ކެއުމެވެ.

ދިވެހި ސަޤާފަތުގައި ޢުމުރުން ދޮށީ މީހުންނާއި ރަށުގައި ތިއްބަވާ ހަރުކުލައިގެ ބޭފުޅުންނަށް، އެބެފުޅުންނަށްވުރެ ޢުމުރުގެ ގޮތުން ހަގު މީހުންނާއި ކުޑަކުދީން މުޚާޠަބު ކުރަނީ ބޭބެ، ނޫނީ ދައްތަ އެމީހެއްގެ ނަމުގެ ފަހަތަށް އިތުރު ކޮށްގެންނެވެ. މި ގޮތުން އުނގަންނައި ދެއްވާ މުދައްރިސުންނާއި، ފޫޅުމައިންނާއި ރަށުގެ ކަތީބުކަމާއި މުދިން ކަމުގެ މަޤާމުގައި ނޫނީ ނާއިބުކަމުގެ މަޤާމުގައި ތިއްބަވާ ބޭފުޅުންގެ ނަމުގެ ފަހަތަށް "ބޭބެ" ނުވަތަ "ދައްތަ" އިތުރު ކޮށްގެން ބޭނުން ކުރަމުން ގޮސްފައިވެއެވެ. "ދައްތަ" ، "ބޭބެ'' ފަދަ ނަންތައް ތަޢާރަފް ވުމުގެ ކުރިން އިޙުތިރާމު ލިބިގެންވާ ފަރާތްތަކުގެ ނަމުގެ ފަހަތަށް އިތުރު ކޮށްފައިވަނީ "ދައިތަ" ނޫނީ "ބެ" ނޫވަތަ "ބެއްޔާ" މިފަދަ ބަސްތަކެވެ. ނަމުގެ ފަހަތަށް "ދައްތަ" ނޫނީ "ބޭބެ" ނުވަތަ "ބެ" ނުވަތަ "ދައިތަ" ފަދަ ނަންތަ ކިޔުމުގައި އެމީހަކު ކުރާ މަސައްކަތެއްގެ ނަން، ނަމުގެ ބަދަލުގައި ބޭނުން ކޮށްގެން ކިޔުމަކީވެސް ދިވެހި ސަޤާފަތުން ފެންނަ ކަމެކެވެ. މިސާލެއްގެ ގޮތުން ދަންނަވާނަމަ "އެދުރު ދައިތަ"، "ފޫޅުމައިދައިތަ"، "އެދުރުބެ"، "މުދިންބެ" ފަދަ ނަންތަކަކީވެސް ދިވެހި ސަޤާފަތުން ފެންނަން ހުރި ނަންތަކެވެ.

މީގެ އިތުރަށް އެމީހަކަށް ޢާއިލީ ގޮތުން ލިބިފައިވާ މަޤާމުގެ ނަން، ނަމުގެ ބަދަލުގައި ބޭނުން ކޮށްގެން "ދައިތަ"، "ބެ" ނޫނީ "ދައްތަ" ނުވަތަ "ބޭބެ" ކިޔުމަކީ އެވޭލާ ޒަމާނުން ފެށިގެން މިއަދާއި ހަމައަށްވެސް ދިވެހި ސަޤާފަތުގައި އޮތް ކަމެކެވެ. ދިވެހިންގެ ތެރޭގައި ޢާއިލީ ނަންތަކުގެ ގޮތުގައި ޢާއްމުކޮށް ބޭނުން ކުރަމުންދާ "ބޮޑުބޭބެ"، "ބޮޑުދައިތަ"، "ފަހަރިދައިތަ"، "ޅިޔަންބެ"، "ފަހަރިދައްތަ"، "ޅިޔަންބޭބެ" ފަދަ ނަންތަކަކީ މީގެ މިސާލުތަކެވެ.

ދިވެހިރާއްޖޭގައި ޒަމާނުއްސުރެ މީހުންނަށް އިޙުތިރާމު ކުރުމުގެ ގޮތުން ކޮށް އުޅޭ އެއްކަމަކީ އެމީހެއްގެ ނަމާއި ގުޅުވައިގެން ވަކި ލަޤަބެއް ދިނުމެވެ. މިސާލެއްގެ ގޮތުން ދަންނަވާނަމަ ރަސްރަސްކަލުންގެ ބޭފުޅުންނާއި ކިލަގެ ބޭކަލުންގެ ގޮތުގައި ކަންގަތި ކޮލި ލެވޭ ފަރާތްތަކަށް "އަމީރު" ނުވަތަ "އަމީރާ" މިލަޤަބު ދިނުމާއި، އަމީރުންނާއި އަމީރާއިންގެ ބޭފުޅުންނަށް "އަންނަބީލު" ނުވަތަ "އަންނަބީލާ" މިލަޤަބު ދިނުމަކީ ދިވެހި ރަސްމީ ސަޤާފަތުގައި އޮތްކަމެކެވެ. އަދި ހަމައެހެންމެ ތަޢުލީމީ ގޮތުން ފުންނާބު އުސް ފަރާތްތަކަށް އެބޭފުޅެއްގެ ތަޢުލީމީ ހައިސިއްޔަތާއި އެކަށީގެންވާފަދަ ގޮތަކަށް "ޝައިޚު" ނުވަތަ "އުސްތާޛު" ފަދަ ލަޤަބު ތަކުން މުޚާޠަބު ކުރުމަކީ ދިވެހި ސަޤާފަތުގައި ހިމެނޭ ރިވެތި އާދައެކެވެ.

މިދެންނެވިފަދަ މަތީ ދަރަޖައިގެ ބޭބޭފުޅުންގެ އިތުރަށް ރަށްރަށުގައި ދިރިއުޅުއްވަމުން ގެންދެވި ޤަދަރުވެރިންނަށް ދެވަނަ ދަރަޖައިގެ ޙައިސިއްއްޔަތެއް ދެއްވުމުގެ ގޮތުން "ބޭކަލުން" ނުވަތަ "ބޭކަނަބަލުން" ގެ ގޮތުގައި ހައްދަވައި ދަރަޖަ ދިނުމުގެ ގޮތުން ކޮލި ލާފައިވެސް ވެއެވެ. މިގޮތަށް ކޮލި ލާފައިވާ ފަރާތްތަކާއި ކޮލި ނުލީ ކަމުގައިވިޔަސް އިޙުތިރާމް ކުރެވޭ އެދަރަޖައިގެ ފަރާތްތަކާއި މުޚާޠަބު ކުރުމުގައި "ކަލޭގެފާނު" ނުވަތަ "ކަނބުލޭގެފާނު" ފަދަ ލަޤަބު ތަކުން މުޚާޠާބު ކުރުމަކީ އެވޭލާ ޒަމާނުއްސުރެ މިއަދާއި ހަމައަށްވެސް ދިވެހި ސަޤާފަތުގައި ހުރި ރިވެތި ސިފައެކެވެ.

ދިވެހިންނަކީ މީހުންނަށް އިޙުތިރާމް ކުރުމުގައި ނަމޫނާ ބައެކެވެ. އެހެންކަމުން އިޙުތިރާމް ކުރާ ފަރާތްތައް ޙާޟިރުވެ ތިއްބަވާ މަޖުލިސް ތަކުގައި އަޑުގަދަ ނުކުރުމާއި، އިޙުތިރާމު ކުރެވޭ ފަރާތްތައް ޙާޟިރު ވުމުން  އަދަބު އަދާކުރުމުގެ ގޮތުން ކޮޅަށް ތެދުވުމާއި، މިފަދަ ކަންކަމަކީ ދިވެހިންގެ ސަޤާފަތުގައި ހުރި ދިވެހި ލެޔާއި ގުޅިފައިވާ ސިފަތަކެވެ. މީގެ އިތުރަށް އިޙުތިރާމް ކުރެވޭ ފަރާތެއްގެ ކުރިމަތިން ހުރަސް ކުރުމާއި އެފަދަ ފަރާތެއްގެ ކުރިއަށް އަރައިގެން ހިނގައި އުޅުމަކީވެސް ދިވެހިން ކޮށްއުޅުނު ކަމެއް ނޫނެވެ. ދިވެހި ސަޤާފަތުގައި ހިމެނޭ މި ދެންނެވި ސިފައިގެ ހެއްކަކަށް ޕިރާޑް ޑިލާވަލް އާއި ޙަވާލާ ދެއްވައި މުޙައްމަދު އިސްމާޢިލު ދީދި (1995 ) ލިޔުއްވާފައިވާ މި ޢިބާރާތް ފުދެއެވެ. " މީހަކު އިށީނދެ އިންދާ އެނާ ހުރަސްކޮށް ދާން ޖެހިއްޖެ ނަމަ އެމީހަކު ދާނީ އިށީނދެ އިންމީހާގެ ފުރަގަހުންނެވެ."

މީގެ އިތުރަށް ބޭރުގެ ސައްޔާހުން  ލިޔުއްވާފައިވާ ވާހަކަ ތަކުން އެނގޭ އެއްކަމަކީ ދިވެހިންނަކީ މެހުމާންދާރީ އަދާކޮށް މެހުމާނުންނަށް ކަމޭހިތައި އުޅުނު ބައެއްކަމެވެ. އެބޭފުޅުން ލިޔުއްވާ ގޮތުގައި ދިވެއްސެއްގެ ގެޔަށް މެހުމާނަކު ޒިޔާރަތް ކޮށްފިނަމަ ނުވަތަ އެރަށަކަށް ނަވެއް އަތުވެއްޖެނަމަ އެރަށުގެ ފިރިހެނުން ކުރުނބާ އާއި ބިލެތް ހިފައިގެން އެނަވަކަށް ގޮސް ހަދިޔާކޮށް އުޅުނެވެ.

އެވޭލާ ޒަމާނުން ފެށިގެން މިއަދާއިހަމައަށް އަޅުގަނޑުމެން ދިވެހިންގެ ތެރޭގައިއޮތް އިޙުތިރާމު ކުރުމުގެ ސިފަ، ކުރިއަރަމުންދާ މިޒަމާނުގައި އާލާކުރުން އިތުރުކުރަން ޖެހެއެވެ. އެހެނީ މިއަދު ދިވެހިރާއްޖެ މިވަނީ ދުނިޔެއަށް ހުޅުވިފައެވެ. ރާއްޖެއަށް ޒިޔާރަތްކުރާ މެހުމާނުންގެ ޢަދަދު އަހަރުގެ ތެރޭގައި މިލިއަނުން މައްޗަށް ދަނީ ގުނާލެވެމުންނެވެ. އެފަރާތްތަކަށް މެހުމާންދާރީ އަދާކުރުމުގައި ދިވެހިންގެ ސަޤާފަތުގައި ހިމެނޭ އިޙުތިރާމު ކުރުމުގެ ސިފައަކީ މުހިއްމު އެއްބަހާއެވެ. އަދި ހަމަ އެއާއެކު ޑިމޮކްރަސީގެ ޅަފަތުގައި، ދިވެހި މުޖުތަމަޢުގެ އިޖުތިމާޢީ ފޭރާން ވީދި ކުދިވިޔަ ނުދިނުމަށްޓަކައިވެސް ކުރަންޖެހޭ އެންމެ މުހިއްމު މަސައްކަތަކީ އިޙުތިރާމު ކުރުމުގެ މާތް ސިފަ ދިވެހިންގެ ތެރޭގައި ހަރުލެއްވުމެވެ.

ޞަފްވާނު ޝަފީޤު
ޞަފްވާނު ޝަފީޤަކީ ގިނަ ޒަމާންތަކަކަށް ކިޔަވައި ދިނުމުގެ ދާއިރާގައި މަސައްކަތް ކުރައްވާފައިވާ، އަދި ރާއްޖޭގެ ބައެއް ނޫސް މަޖައްލާ ތަކަށް ލިޔުއްވާފައިވާ ބޭފުޅެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.