އީރާނުން އަމިއްލަ ސެޓެލައިޓް ޖައްވަށް ފޮނުވަން ތައްޔާރުވެއްޖެ

އީރާނު ސިމުރްޣު ރޮކެޓެއް އުދުއްސާލަން ތައްޔާރުވެފައި

އީރާނުން ޖައްވަށް ފޮނުވާ ތިން ސެޓެލައިޓު ހުރިހާ ޓެސްޓްތަކެއް ނިމި ފޮނުވާލަން ތައްޔާރުވެފައިވަ ކަމުގައި އީރާނުގެ ޓެލެކޮމިއުނިކޭޝަންސް މިނިސްޓަރު ވިދާޅުވެއްޖެއެވެ.

ހޮނިހިރު ދުވަހު ކުރެއްވި ޓުވީޓެއްގައި މިނިސްޓަރު މުޙައްމަދު ޖަވާދު އަޒާރީ ޖަހްރޫމީ ވިދާޅުވީ "އީރާނުގެ ސެޓެލައިޓުތަކުގެ ޓެސްޓުތައް ވަނީ ކާމިޔާބުކަމާއެކު ފުރިހަމަކުރެވިފައި" ކަމުގައެވެ. އެހެންނަމަވެސް، ސެޓެލައިޓުތައް އަރުވާނެ ދުވަހެއް އޭނާ ހާމަނުކުރައްވައެވެ.

ފާއިތުވި ނޮވެންބަރު މަހުގެ ތެރޭގައި އީރާނުގެ ޑިފެންސް މިނިސްޓަރުގެ ނާއިބު ބްރިގޭޑިޔަރ ޖެނެރަލް ޣާސިމް ތަޣީޒާދާ ވިދާޅުވެފައި ވަނީ މަދު މަސްތަކެއްގެ ތެރޭގައި އީރާނުގެ ސެޓެލައިޓުތައް ޖައްވަށް ފޮނުވާނެ ކަމުގައެވެ.

ފާއިތުވި އަންގާރަ ދުވަހު އީރާނުން ބުނެފައިވަނީ އެގައުމުގެ އަމިއްލަ ރޮކެޓު ސިމުރްޣު ބޭނުންކޮށްގެން 90 ކިލޯގްރާމުގެ ޕަޔާމް ސެޓެލައިޓު 500 ކިލޯމީޓަރު މަތީގެ އޯބިޓަކަށް ފޮނުވަން ތައްޔާރުވެފައިވާ ކަމުގައެވެ. ޕަޔާމް ސެޓެލައިޓަކީ އީރާނުގެ ސެންޓަރ ފޯ ސްޕޭސް ރިސާޗުގެ އެދުމަކަށް އެގައުމުގެ އަމީރްކަބީރް ޔުނިވަސިޓީ އޮފް ޓެކްނޮލޮޖީން އުފައްދާފައިވާ ސެޓެލައިޓެކެވެ.

ޖައްވަށް ސެޓެލައިޓު ފޮނުވަން އީރާނުން ކުރާ މަސައްކަތަކީ އދ. ގެ ސަލާމަތީ މަޖިލީހުގެ ގަރާރުތަކާ ދެކޮޅު ކަމެއް ކަމަށް ވިދާޅުވެ އެމެރިކާގެ ޚާރިޖީ ވަޒީރު މައިކް ޕޮމްޕެއޯ ވަނީ އީރާނަށް އިންޒާރުދެއްވާފައެވެ. އޭނާ ވިދާޅުވީ އީރާނުން ސެޓެލައިޓު ފޮނުވަނީ ބެލެސްޓިކް މިސައިލް ޓެކްނޮލޮޖީ ބޭނުންކޮށްގެން ކަމަށްވާތީ ސަލާމަތީ މަޖިލީހުގެ ގަރާރުތަކާ އެކަން ޚިލާފުވާ ކަމުގައެވެ.

އެމެރިކާއަށް ރައްދުދެމުން އީރާނުން ބުނެފައި ވަނީ ސެޓެލައިޓު ޓެކްނޮލޮޖީ ސަލާމަތީ މަޖިލީހުގެ ގަރާރުގައި ނުހިމެނޭ ކަމުގައެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.