ޣައްސާނުގެ ބަދަލުނުވި ސިޔާސީ ދަތުރު: ވެރިކަން ނިމުމުންވެސް ބޮޑުބޭބެ އަރިހުގައި

ކުރީގެ ރައީސް މައުމޫން އަބްދުލްގަތްޔޫމްގެ އާއިލާއަކީ ރާއްޖޭގެ ސިޔާސީ މަސްރަޙުގައި ނުފޫޒު ހުރި އާއިލާއެކެވެ. ރައީސް މައުމޫނުގެ 30 އަހަރުގެ ވެރިކަން ނިމިގެން ދިޔަނަމަވެސް ރައީސް މައުމޫނާއި ހަމައިން ގޮސް އެކަން މިހާރު ހުއްޓިފައި ވަނީ ހުރިހާ ދަރިންގެ އިތުރުން އަނބިކަނބަލުން ނަސްރީނާ އިބްރާހިމްވެސް ސިޔާސީ މަސްރަޙުގެ ތެރެއަށް ނިކަން ބޮޑަށް ވަދެވަޑައިގެންނެވެ. ރައީސް މައުމޫނުގެ އާއިލާގެ ހުރިހާ މެމްބަރުންނަކީވެސް ސިޔާސީ ނުފޫޒުގަދަ ބޭފުޅުންނަށް ވަނީ ވެފައެވެ.

ރައީސް މައުމޫނުގެ ވެރިކަން ނިމިގެން ދިޔަސް ރައީސް މައުމޫނު ސިޔާސީ މަސްރަޙުން ފަނޑުނުވެ އަބަދުވެސް ދިޔައީ ހަރަކާތްތެރިވެވަޑައިގަންނަވަމުންނެވެ. ރައީސް މައުމޫނުގެ ވެރިކަމަށް ފަހު އެމަނިކުފާނުގެ އާއިލާއިން ސިޔާސީ ރޭހަކަށް އެންމެ ފުރަތަމަވެސް ރައްޔިތުންނަށް ހަމައަށް ރައީސް މައުމޫން ދެއްކެވި ދަރިކަލަކީ ޣާއްސާން މައުމޫނެވެ. އެއީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ތިމަރަފުށީ ދާއިރާއަށް ދަރިކަލުން ޣައްސާން މައުމޫން ވާދަކުރައްވަން ނުކުމެވަޑައިގެންނެވި ހިސާބުންނެވެ. ރައްޔިތުންގެ ވޯޓަކާ ހަމައަށް ރައީސް މައުމޫނަށް ފަހު ސިޔާސީ ގޮތުން އެންމެ ފުރަތަމަވެސް ނުކުމެވަޑައިގެންނެވި ދަރިކަލަކީ ޣައްސާން ކަމަށްވީއިރު ޣައްސާން ފާހަގަ ކުރެވިގެން މިދިޔައީ ރައީސް މައުމޫންގެ މުޅި އާއިލާއިންވެސް ސިޔާސީ ގޮތުން އެންމެ ބޮޑު ތަފާތު މަންޒަރެއް ދައްކުވައިދެއްވި ފަރާތަށެވެ.

ދަރިކަލުން ފާރިޝް މައުމޫން ދިއްގަރު ދާއިރާގެ މަޖިލިސް ގޮނޑިއަށް ވާދަކުރައްވައި އެ ގޮނޑި ކާމިޔާބު ކުރެއްވި ހިސާބުން ރައީސް މައުމޫނުގެ އާއިލާއިން އެންމެ ނުފޫޒުހުރި ސިޔާސީ ބޭފުޅަކަށް ފާރިޝް ވެވަޑައިގެންނެވިއިރު ޣައްސާންގެ އަޑު ސިޔާސީ މައިދާނުގައި ދިޔައީ މަޑު ވެގެންނެވެ. ސިޔާސީ ކުރެހުމުގެ އެތެރެއިން ޣައްސާން މާބޮޑަކަށް ނުފެނުނެވެ. ނަމަވެސް ހުންނެވީ ބޮޑުބޭބޭފުޅު ރައީސް ޔާމީންގެ ވެރިކަން ނިމެންދެންވެސް ރައީސް އޮފީހުގެ ސްޓޭޓް މިނިސްޓަރު ކަމުގައެވެ. ސިޔާސީ މަގާމެއްގައި ރައީސް އޮފީހުގައި ހުންނެވި ނަމަވެސް ސިޔާސީ ހަރަކާތްތަކުން ޣައްސާން ހުންނެވީ އެއްފަރާތެއްގައެވެ.

ކޮއްކޯފުޅު ޔާމީންގެ ވެރިކަމާ ދެކޮޅަށް ރައީސް މައުމޫން ނުކުމެވަޑައިގެންނެވި ހިސާބުން ދަރިކަލުން ފާރިޝް މައުމޫންވެސް ބޮޑުބޭބޭފުޅު ޔާމީނާ ދެކޮޅަށް ނުކުމެވަޑައިގަތެވެ. ރައީސް މައުމޫން ރައީސް ޔާމީންގެ ވެރިކަމާ ދެކޮޅަށް ނުކުމެވަޑައިގަތުން ސިޔާސީ ގޮތުން ގުޑުން އަރާވަރުގެ ކަމެއްގެ ގޮތުގައި ވެގެންދިޔައިރު ދެން ފެނިގެން ދިޔައީ ރައީސް ޔާމީންގެ ވެރިކަމުގެ ދުވަސްވަރު ރައީސް މައުމޫނާއި ދަރިކަލުން ފާރިޝްވެސް ޖަލުގައި ހައްޔަރު ކުރެވުނުތަނެވެ. ރައީސް މައުމޫންގެ ދެދަރިކަނބަލުން ކަމަށްވާ ދުންޔާ މައުމޫނާއި ޔުމްނާ މައުމޫންވެސް ރައީސް ޔާމީންގެ ވެރިކަމުގައި ތިއްބެވީ ސިޔާސީ ބޮޑެތި މަގާމުތަކުގައެވެ. ދުންޔާއަކީ ފޮރިން މިނިސްޓަރެވެ. ޔުމްނާއަކީ ސްޓޭޓް މިނިސްޓަރެކެވެ. ރައީސް މައުމޫނާއި ފާރިޝް ޖަލުގައި ހޭދަކުރެއްވި ދުވަސް ދިގުލައިގެން ދިޔަވަރަކަށް ފެނިގެން ދިޔައީ ޔުމްނާވެސް ސީދާ ރައީސް ޔާމީންގެ ވެރިކަމާ ދެކޮޅަށް މަގުމައްޗަށް ނުކުމެވަޑައިގެންނެވި ތަނެވެ. މަގާމު ދޫކޮށްލެއްވުމަށް ފަހުއެވެ. ނަމަވެސް ދުންޔާ އާއި ޣައްސާން ރައީސް ޔާމީންގެ އަރިހުގައި މަޑުކުރައްވާތަން ފެނުނެވެ.

ވަކި ހިސާބަކުން ދުންޔާވެސް މިނިސްޓަރުކަމުން ވަކިވެވަޑައިގެންނެވިއެވެ. ދުވަސްކޮޅެއް ފަހުން އަނެއްކާވެސް ސްޓޭޓް މިނިސްޓަރުކަން ކުރެއްވުމަށް ފަހު ރައީސް ޔާމީންގެ ސަރުކާރުން ބޭރަށް ދުންޔާވެސް ނުކުމެވަޑައިގެންނެވިއެވެ. ރައީސް ޔާމީނަށް ފާޑު ވިދާޅުނުވި ނަމަވެސް ބައްޕާފުޅު ޖަލުގައި އުޅުއްވާ މަންޒަރު ބަލަން ދުންޔާއަށްވެސް ކެތްނުކުރެއްވުނެވެ. މުސްކުޅި ޙާލުކޮޅުގައި ބައްޕާފުޅު ޖަލުގައި އޮންނެވި ނަމަވެސް ބޮޑުބޭބޭފުޅު އަރިހުގައި ގުޑާވެސް ނުލައްވައި ހުންނެވިތަން ފެނުނީ ޣައްސާން މައުމޫނެވެ. ދުވަހަކުވެސް ސިޔާސީ އެއްވުމެއްގައި މަގުމައްޗަށް ނުކުމެވަޑައިނުގެން އިންނެވި މަންމާފުޅު ނަސްރީނާވެސް ފިރިކަލުންގެ ދިފާއުގައި މަގުމަތީގެ ސިޔާސީ ހަރަކާތަށް ނުކުމެވަޑައިގެންނެވިއިރުވެސް ޣައްސާން ފެނުނީ ރައީސް އޮފީހުގައި ބޮޑުބޭބެ އަރިހުގައި ހުންނެވިތަނެވެ. އާއިލާގެ ދެންތިބި ހުރިހާ ބޭފުޅުންނާއި ބައްޕާފުޅާއި މަންމާފުޅާއި އަދި މަންމާފުޅުގެ މުޅި އާއިލާ ރައީސް ޔާމީނާ ދެކޮޅަށް ނުކުމެވަޑައިގެންނެވިއިރުވެސް ޣައްސާން ހުންނެވީ މާގިނަ ވާހަކަފުޅުތަކެއްވެސް ނުދައްކައި ރައީސް ޔާމީން އަރިހުގައި މަޑު ކުރައްވައިގެންނެވެ.

ރައީސް ޔާމީންގެ ވެރިކަން ނިންމާލުމުގައި ޣައްސާންގެ މުޅި އާއިލާ ނުކުތެވެ. ޣައްސާން ފިޔަވައެވެ. ރައީސް ޔާމީންގެ ވެރިކަން ނިންމާލުމުގައި ޣައްސާންގެ އާއިލާގެ ނުފޫޒާއި ބާރު އަދި މަސައްކަތް ވަރަށް ބޮޑެވެ. ޚާއްސަކޮށް ބައްޕާފުޅާއި މަންމާފުޅު އަދި ފާރިޝް އާއި ޔުމްނާއެވެ. ދުންޔާވެސް ހުންނެވީ ބައްޕާފުޅު ޖަލުން ނެރުމަށް އަމާޒު ހިފާފައެވެ. ރައީސް ޔާމީން ރިޔާސީ އިންތިޚާބުން ބަލި ވަންދެންވެސް އާއިލާ ހުރިހާ ބޭފުޅުންނާ ސިޔާސީ ގޮތުން ތަފާތު ތަނެއްގައި ބޮޑުބޭބެ އަރިހުގައި ޣައްސާން ހުންނެވި ނަމަވެސް ހީކުރެވިފައި އޮތީ ބޮޑުބޭބެގެ ވެރިކަން ނިމުމާއެކު ޣައްސާންވެސް ކުލަ ބަދަލުކޮށްލައްވައިގެން ނަމަވެސް އާއިލާއާ އެއްކޮޅަށް ސިޔާސީ ގޮތުން އަރުއްވާނެ ކަމަށެވެ.

ނަމަވެސް ފެނިގެން މިދިޔައީ އެހެން މަންޒަރެކެވެ. ބޮޑުބޭބޭފުޅުގެ ވެރިކަން ނިންމާލުމުގައި ޣައްސާންގެ އާއިލާ އެކުގައި ނުކުތް ނަމަވެސް ވެރިކަން ނިމުމަށް ފަހުވެސް ޣައްސާން ސިޔާސީ ގޮތުން އަދިވެސް ހުންނެވީ ބޮޑުބޭބެ އަރިހުގައެވެ. އެކަން ސާބިތުކޮށްދިނީ ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ޕީޕީއެމްގެ ޓިކެޓް ޕަރައިމަރީއެއް ނުބާއްވައި ދެއްވި ބޭފުޅުންގެ ތެރޭގައި ޣައްސާންވެސް ހިމެނުމުންނެވެ. ތ. ގުރައިދޫ ދާއިރާއަށް ޣައްސާން އެ ނުކުންނަވަނީ ބޮޑުބޭބެ ޔާމީންގެ އަރިހުގައި ފިޔާތޮށި ކުލައިގައެވެ. ބައްޕާފުޅާއި އާއިލާގެ އެހެން ބޭފުޅުން ތާއީދު ކުރައްވާނީ ސަރުކާރު ކޯލިޝަނުގެ ތެރެއިން ކޮންމެވެސް އޮންމެވެސް ޕާޓީއަކުން ނުކުންނަ ކެންޑިޑޭޓަކަށްކަން ކަށަވަރުވާއިރުވެސް ޣައްސާން އެ ނިންމެވީ މުޅިން ތަފާތު ނިންމުމެކެވެ.

މަޖިލިސް އިންތިޚާބުގެ ކެމްޕޭންގައި މުޅިން ތަފާތު މަންޒަރެއް ގުރައިދޫ ދާއިރާއިން ފެނުމުގެ ފުރުޞަތުވެސް އެބައޮތެވެ. ޣައްސާނަށް ތާއީދު ހޯދައިދެއްވުމަށް ބޮޑުބޭބެ ޔާމީން ގުރައިދޫ ދާއިރާގެ ރަށްރަށަށް ވަޑައިގަންނަވާއިރު ޣައްސާންގެ ވާދަވެރި ކެންޑިޑޭޓަށް ތާއީދު ހޯދައިދިނުމަށް ޣައްސާންގެ ބައްޕާފުޅާއި އާއިލާ އެހެން މެމްބަރުން އެ ރަށްރަށް ވަޑައިގެންފިނަމަ އެކަން ވެގެންދާނީ ރާއްޖޭގެ ސިޔާސީ މަސްރަޙުން ފެންނަ އާދަޔާ ޚިލާފު މަންޒަރަކަށެވެ. އެ ހުރިހާ ކަމެއް އެނގިވަޑައިގެންވެސް ސިޔާސީ ގޮތުން ޣައްސާން އެ ނިންމެވީ އާދައިގެ ނިންމުމެއްނޫނެވެ. ރައީސް މައުމޫންގެ އާއިލާއިން ޣައްސާން އެ ދައްކުވައިދެއްވީ މުޅިން ތަފާތު މަންޒަރެކެވެ.

ޖަޢުފަރު ރަޝީދު
ޖަޢުފަރު ރަޝީދަކީ ކުޅިވަރުގެ ލިޔުންތަކާއި ޚަބަރުތައް ލިޔުމުގެ ދާއިރާއިން މަޝްހޫރުވީ ލިޔުންތެރިއެކެވެ. އާފަތިހުގައި ވަރަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި އަދި މިހާރުވެސް ޚަބަރާއި ރިޕޯޓު ލިޔުއްވަމުން ގެންދަވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.