ހއ. އާއި ވ. އަތޮޅުގެ ރަށްރަށަށް ވައިޓް އެލާޓް ނެރެފި

ހއ. އަތޮޅާއި ވ. އަތޮޅުގެ ރަށްރަށަށް ގަދައަށް ވިއްސާރަކޮށް ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށް މެޓު އޮފީހުން ވައިޓް އެލޭޓް ނެރެފިއެވެ. އެ ސަރަޙައްދަށް މެޓު އޮފީހުން ވައިޓް އެލާޓް ނެރެފައިވަނީ މިއަދު ހަވީރު 5:00 އިން މިރޭ 11:00 އާ ހަމައަށެވެ.

މީގެ ކުރިން މެޓު އޮފީހުންވަނީ ކ. އަތޮޅުން ފެށިގެން އ. އަތޮޅާ ހަމައަށް ޔެލޯ އެލާޓް ވެސް ނެރެފައެވެ. މާދަމާގެ ހެނދުނާ ހަމައަށް ރާއްޖޭގެ މޫސުން ލަފާކުރާ ގޮތަށް ބަލާއިރު ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކޮށް ބައެއް ރަށްރަށަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށް މެޓު އޮފީހުންވަނީ ލަފާ ކުރައްވައިފައެވެ.

ރާއްޖޭގެ މެދުތެރޭގައި ހިމެނޭ އަތޮޅުތަކަށް ވައިޖެހޭނީ އިރުއުތުރާއި އިރުން ގަޑިއަކު 05  މޭލާއި 15  މޭލާއި ދެމެދުގެ ބާރުމިނުގައެވެ. އަދި އެހެންހިސާބުތަކަށް ގަޑިއަކު 03 މޭލާއި 13 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ވެސް މެޓުން ވިދާޅުވެފައިވެއެވެ. ވިލާގަނޑުގައި ގަޑިއަކު ގާތްގަޑަކަށް 30 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށް ވެސް ވިދާޅުވެފައިވެއެވެ. ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވެފައި ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަވާނެ ކަމަށް ވެސް މެޓުން ވަނީ ވިދާޅުވެފައެވެ.

ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި މާލޭގައި ފެންބޮޑުވެ ބޮޑެތި ގެއްލުންވަނީ ވެފައެވެ. މާލެއިން ފެން ހިންދުމުގެ މަސައްކަތް ސިފައިންނާއި ފުލުހުން ގުޅިގެން ގެންދަވަނީ ކުރައްވަމުންނެވެ. އެ މަސައްކަތުން ބައެއް މަގުތަކުގައިވަނީ ފެން ހިންދައިފައެވެ. މާލެއަށް މިވަގުތުވަނީ ވާރޭވެހުން ހުއްޓިފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.