ކީރިތި ރަސޫލާއި، އިސްލާމްދީނަށް ފުރައްސާރަކޮށް އަދި ރަސޫލެއް ކަމަށް ދަޢުވާކޮށް ފޭސްބުކުގައި ވީޑިއޯތަކެއް ޢާއްމުކުރި ޢާއިޝަތު ވެލްޒިނީ ބަންދު ކުރުމަށްފަހު ދޫކޮށްލައިފި ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
ފުލުހުން އޭނާ ބަންދުކުރީ އިއްޔެއެވެ. އޭނާ ބަންދުކުރުމުން އެއީ ނަފްސާނީ މައްސަލައެއް ހުރި މީހެއްކަމަށް ބުނެ ދޫކޮށްލުމަށް ރާއްޖޭގެ ސިޔާސީ ބައެއް މީހުންނާއި އެހެން ބައެއް މީހުންވެސް ވަނީ ގޮވާލައިފައެވެ.
ފުލުހުން އޭނާ ބަންދުކުރީ ރާއްޖެއިން ބޭރުގައި ގިނަދުވަސްތަކެއް ވަންދެން އުޅުމަށްފަހު ރާއްޖެއައުމުންނެވެ. އޭގެ ކުރިން ފުލުހުންވަނީ ފުލުސް އޮފީހަށް ހާޒިރު ވާން މުއްދަތެއް ދީފައެވެ. އެ މުއްދަތުގައި އޭނާ ހާޒިރު ވެފައެއް ނުވެއެވެ.
ވެލްޒިނީ ބަންދު ކުރުމަށްފަހު ދޫކޮށްލީ އޭނާއަށް ފަރުވާ ދިނުމަށް ޑޮކްޓަރު ލަފާ ދެއްވައިފައިވާތީ ކަމަށް ފުލުހުން ވިދާޅުވެފައެވެ. އޭނާ ބަންދުކުރީ ތަޙުޤީޤު ކުރަމުންދާ މައްސަލައަކާ ގުޅިގެން ކަމަށް ފުލުހުންވަނީ ވިދާޅުވެފައެވެ.
"ޢާއިޝަތު ވެލްޒިނީ އެޑުމިޓްކޮށްގެން ފަރުވާކުރުމަށް ޓޮކްޓަރު ލަފާ ދެއްވައިފައިވާތީ، ޢާއިޝަތު ވެލްޒިނީ ވަނީ ފުލުހުންގެ ބަންދުން ދޫކޮށް އޭނާގެ ޢާއިލާއާ ޙަވާލުކޮށްފައި،" ފުލުހުން ވިދާޅުވެފައިވެއެވެ. އޭނާ ދޫކޮށްލުމަށް ލަފާދީފައިވަނީ ކޮން ޑޮކްޓަރެއް ކަމެއް ފުލުހުން ވިދާޅުވެފައެއް ނުވެއެވެ.
އޭނާ ދޫކޮށްލުމަށް ބައެއް ފަރާތްތަކުން ގޮވާލަން ފެށުމުން އެކަމާ ދެކޮޅަށް ވެސް ބައެއް މީހުންވަނީ އަޑު އުފުލައިފައެވެ. ދީނާއި ރަސޫލާއަށް ފުރައްސާރަ ކުރާއިރަށް އެއީ ބަލި މީހަކަށް ހަދައިގެން ނޫޅުމަށްވެސް ބައެއް ފަރާތްތަކުން ވަނީ ގޮވައިލައިފައެވެ. ފުލުހުން ވިދާޅުވީ އޭނާ ދޫކޮށްލިޔަސް ޤާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން ކުރައްވަމުން ގެންދަވާ ކަމަށެވެ. "ފުލުހުންގެ ބެލުމުގެ ދަށުން (ވެލްޒިނީ) ދޫކޮށްލި ކަމުގައިވިޔަސް ޤާނޫނީގޮތުން ކުރަންޖެހޭ ކަންކަން ކުރަމުންދާ ވާހަކަ ދަންނަވަން،" ފުލުހުން ވިދާޅުވިއެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ ހޮސްޕިޓަލަށް ބަދަލުކޮށް މިހާރުވަނީ ފަރުވާދޭން ފަށައިފައެވެ.