ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އަލްހާން ފަހުމީ މިއަދު ޖުމްހޫރީ ޕާޓީއަށް ސޮއި ކުރައްވައިފިއެވެ.
ޖޭޕީގެ އޮފީހުގައި އަލްހާން މިއަދު އެޕާޓީއަށް ސޮއި ކުރުމަށް ފަހު ފޯމް ހަވާލުކޮށް ދެއްވީ ޖޭޕީގެ ލީޑަރ ގާސިމް އިބްރާހިމްއާއެވެ.
މިއީ އަލްހާން ޖޭޕީއަށް ސޮއި ކުރެއްވި ދެވަނަ ފަހަރެވެ. މިއަދު ޖޭޕީއަށް ސޮއި ކުރުމަށް ފަހު އަލްހާން ވިދާޅުވީ ޖޭޕީއަށް ސޮއި ކުރީ އެމްޑީޕީން ފުރުޞަތު ނުލިބިގެން ނޫން ކަމަށާއި ޖޭޕީގައި އޭނާ ކުރައްވާނެ މަސައްކަތަކީ ކޯލިޝަން ދެމެހެއްޓުން ކަމަށެވެ. އެގޮތުން ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ކޯލިޝަނަކަށް މަޖިލީހުގެ އަޣްލަބިއްޔަތު ހޯދައިދިނުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.
ސޮއި ކުރުމަށް އޮތް ބައްދަލުވުމުގައި ޖޭޕީގެ ލީޑަރު ވިދާޅުވީ ސިޔާސީ މީހުން ޕާޓީ ބަދަލު ކުރުމަކީ ދުނިޔޭގެ ހުރިހާ ހިސާބެއްގައިވެސް އޮންނަ ކަމެއް ކަމަށާއި އަލްހާން ދެވަނަ ފަހަރަށް ޖޭޕީއަށް ސޮއި ކުރެއްވުމަކީ މައްސަލައެއް ނޫން ކަމަށެވެ.
ސިޔާސީ ދާއިރާއަށް އަލްހާން ފުރަތަމަ ނުކުންނެވީ ޑީއާރުޕީންނެވެ. އެއަށް ފަހު ބަދަލުވީ އެމްޑީޕީއަށެވެ. އެއަށް ފަހު ޖޭޕީއަށެވެ. ނިމިދިޔަ ރިޔާސީ އިންތިޚާބުގެ އެންމެ ފަހުވަގުތު އަލްހާން ވަނީ ޕީޕީއެމަށްވެސް ސޮއި ކުރައްވާފައެވެ. ނަމަވެސް ރިޔާސީ އިންތިޚާބުން ރައީސް ޔާމީނަށް ލިބިވަޑައިގެންނެވި ނާކާމިޔާބާއެކު އަލްހާން ވަނީ ޕީޕީއެމުން ވަކިވެފައެވެ.