ނާޒިމް ޖޭޕީއަށް ސޮއި ކުރައްވައިފި

ކުރީގެ ޑިފެންސް މިނިސްޓަރ ރިޓަޔަރޑް ކާނަލް މުޙައްމަދު ނާޒިމް ޖުމްހޫރީޕާޓީ (ޖޭޕީ) އަށް ސޮއި ކުރައްވައފިއެވެ.

ނާޒިމް ޖޭޕީ އަށް ސޮއިކުރެއްވީ ޖުމްހޫރީ ޕާޓީގެ އޮފީހުގައި މިހާރު ކުރިއަށް ގެންދާ ޚާއްސަ ރަސްމިއްޔާތެއްގައެވެ. އެޕާޓީއަށް ސޮއިކުރެއްވުމަށްފަހު ނާޒިމްވަނީ އޭނާގެ މެމްބަރޝިޕް ފޯމް ޖޭޕީގެ ލީޑަރު ޤާސިމް އިބްރާހީމާ ޙަވާލު ކުރައްވައިފައެވެ.

ޖޭޕީއަށް ސޮއިކުރެއްވުމަށްފަހު، ނާޒިމް ވިދާޅުވީ މިއީ އައު ފެށުމެއް ކަމަށާއި އެމަނިކުފާނުގެ ސިޔާސީ ޙަޔާތް ނިންމާލަން ބަޔަކު މަސައްކަތްކުރި ނަމަމަވެސް ﷲގެ އިރާދަފުޅާއެކު އެކަން އެގޮތަށް މެދުވެރި ނުކުރެއްވި ކަމަށެވެ.

އަލުން ސިޔާސީ މަސައްކަތަށް ނުކުންނެވިއިރު ޤާސިމް އިބްރާހީމާއެކު ނުކުންނެވީ އެމަނިކުފާނަކީ ރާއްޖޭގެ ސިޔާސީ ދާއިރާގެ ތަޖުރިބާ އެންމެބޮޑު އެއްބޭފުޅަ ކަމަށް ޤަބޫލު ކުރައްވާތީ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ އެމަނިކުފާނު ޤަބޫލު ކުރައްވާ ގޮތުގައި ރާއްޖެ މިހާރު ދެކެމުން މިދާ ޑިމޮކްރަސީގެ ޙަޤީޤީ ބާނީއަކީ ވެސް ޤާސިމެވެ. މި ރަސްމިއްޔާތުގައި އޭނާ ވިދާޅުވީ އޭނާއަށް ތާއީދު ކުރައްވާ ބޭފުޅުންތަކެއް ޖޭޕީއަށް ސޮއިކުރައްވާނެ ކަމުގެ ޔަޤީންކަން ވެސް އެބައޮތް ކަމަށެވެ.

އަލުން ސިޔާސީ ދާއިރާއަށް ނުކުންނެވީ ރައްޔިތުންނަށް ޚިދުމަތް ކޮށްދެއްވަން ކަމަށާއި އައު ސަރުކާރުން އޭނާގެ ޚިދުމަތަށް އެދިވަޑައިގަންނަވާ ކޮންމެ ދިމާއަކުން ޚިދުމަތް ކޮށްދެއްވުމަށް ތައްޔާރަށް ހުންނެވި ކަމަށް ވެސް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ޖޭޕީއަކީ ޑިމޮކްރަޓިކް ޕާޓީއެއް ކަމަށާއި އެޕާޓީއަށް ސޮއިކުރެއްވުމަށްފަހު ޕާޓީ ކުރިއެރުވުމަށް ކުރައްވަން ޖެހުނު ކޮންމެ މަސައްކަތްތަކެއް ވެސް ކުރައްވާނެ ކަމަށެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.