ޖުމްހޫރީ ދުވަހުގެ ޚާއްޞަ ޖަލްސާއިން ސަރުކާރުގެ އިސްފަރާތްތައް ފެނިވަޑައިނުގަތުމުން ރައިސް މައުމޫން ކަންބޮޑުވުން ފާޅުކުރައްވައިފި

ދެވަނަ ޖުމްހޫރިއްޔާގެ 50ވަނަ އަހަރީ ދުވަސް ފާހަގަ ކުރެއްވުމަށް ބޭއްވި ޚާއްޞަ ޖަލްސާއިން ސަރުކާރު ތަމްސީލުކުރައްވަން އިސް ފަރާތްތައް ފެނިވަޑައިނުގެންނެވުމުން ކުރީގެ ރައީސް އަލްއުސްތާޒް މައުމޫން ޢަބްދުލްޤައްޔޫމް ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. ރޭގެ ޖަލްސާގައި ރައީސް ޢަބުދްﷲ ޔާމީން ޢަބްދުލްޤައްޔޫމް ބައިވެރިވެ ވަޑައެއްނުގަންނަވައެވެ. އެކަން ފާހގަކުރައްވަމުން ރައީސް މައުމޫން ވަނީ ކެބިނެޓްގެ އެންމެ ވަޒީރަކުވެސް ބައިވެރިވަޑައިނުގަންނަވާ ކަން ފާހަގަކުރައްވާފައެވެ. ގައުމީ އަގު އަދާކުރައްވާ ގޮތަކީ މިއީތޯ އެމަނިކުފާނު ވަނީ ސުވާލުއުފައްދަވާފައެވެ.

ޖުމްހޫރީ ދުވަހުގެ ޖަލްސާ ބާއްވާފައިވަނީ އާދީއްތަ ދުވަހުގެ ރޭ އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައެވެ، ޖަލްސާ ޝަރަފުވެރި ކޮށްދެއްވީ އިންފޮމޭޝަން ކޮމިޝަނަރު ޢަބްދުލްޢަޒީޒް ޖަމާލް އަބޫބަކުރް އެވެ.

ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ރައީސް މައުމޫންވަނީ އިއްޔެ ބަޔާނެއް ނެރުއްވާފައެވެ. މި ބަޔާނުގައި ރާއްޖޭގެ ޖުމްހޫރީ ޙަޔާތުގައި މި ވޭތިވެގެން ދިޔަ ދިދު މުއްދަތުގެ ތެރޭގައި ކުރިމަތިލާން ޖެހުނު ބައެއް ކަންކަން ފާހަގަކުރައްވާފައިވއެވެ. އޭގެ ތެރޭގައި "ރާއްޖޭގެ ފުރަތަމަ ޖުމްހޫރިއްޔާ ކުރު މުއްދަތެއްގެ ތެރޭގައި ނިމިގެން ދިޔަ ދިޔުމާއި، ދެވަނަ ޖުމްހޫރިއްޔާ އެއް ޤާއިމު ކުރަން ޖެހުނު ސަބަބުތަކާއި، އެ ނިޒާމް ނިމެން މެދުވެރިވި ސަބަބު ތަކާއި، ޒަމާނީ ޑިމޮކްރެސީ އެއް ހޯދުމަށް ރައްޔިތުން ކުރި މަސައްކަތާއި، އޭގެ ފަހުން ހިނގާ މިދިޔަ 10 އަހަރުގެ ތެރޭގައި ކަން ހިންގަމުން މިދާގޮތް" ހިމެނެއެވެ. އެކަމިނުކުފާނުގެ ބަޔާނުގައި ހާމަކުރައްވާފައިވާ ގޮތުގައި ރާއްޖޭގެ ޖުމްހޫރިއްޔާ ވަރުގަދަ ކުރުމަށް މުހިއްމު އަދި ގިނަގުނަ މަސައްކަތް ކުރަން ޖެހެއެވެ.

"އަޅުގަނޑުމެންގެ ޤައުމީ އަދި ޖުމްހޫރީ ޙަޔާތުގައި މިއަދު އަޅުގަނޑުމެން މިތިބީ އަނެއްކާވެސް މުހިންމު ހަތަރު އަނގޮޅިއެއްގައެވެ. ރިޔާސީ ދައުރެއް ނިމި އައު ރިޔާސީ ދައުރެއް ފެށުމުގެ މުހިންމު މަރްޙަލާގައެވެ. މިމުހިންމު ދަނޑިވަޅުގައި އަޅުގަނޑުމެން ހަނދާން ބަހައްޓަން ޖެހޭ ކަންކަމުގެ ތެރޭގައި، ޤައުމީ ޙަޔާތުގައި ރައްޔިތުންގެ ބައިވެރިވުން އިތުރުކޮށް ބަރުވެރި ކުރުވުމާއި، އެކަކު އަނެކަކަށް އިޙްތިރާމްކުރާ އަދި އިތުބާރު ކުރާ މުޖްތަމަޢެއް ޤާއިމު ކުރުމާއި، ޙައްޤތައް ކަށަވަރު ކޮސްދިނުމާއި، ދައުލަތުގެ މުއައްސަސާތައް ވަރުގަދަ ކުރުން ހިމެނޭ" ކަމަށް އެބަޔާނުގައި ވެއެވެ.

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.