ޢަރަބް އިސްލާމިކް އިންޓަނޭޝަނަލް ސްކޫލް ވަފުދުގެ ބޭފުޅުން އިސްލާމިކް ޔުނިވަރސިޓީ ގެ ވެރިންނާއި ބައްދަލުކުރައްވައިފި

index

މިނިސްޓަރ އޮފް އިސްލާމިކް އެފެއާރޒް ޑރ. އަހުމަދު ޒިޔާދުގެ ޚާއްސަ ދަޢުވަތަކަށް ރާއްޖެ ވަޑައިގެން އުޅުއްވާ މިސްރުގެ ވޯލްޑް ފެޑަރޭޝަން އޮފް ޢަރަބް އިސްލާމިކް އިންޓަނޭޝަނަލް ސްކޫލްގެ ސެކެޓްރީ ޖެނެރަލް،  ޕްރޮފެސަރ ޢަބްދުލް ފައްތާޙް ސުލައިމާން އަޙްމަދު ޢަބްދުﷲ، އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސްގެ އިސްވެރިންނާއި ބައްދަލުކުރައްވައިފިއެވެ.

 

ވޯލްޑް ފެޑަރޭޝަން އޮފް ޢަރަބް އިސްލާމިކް އިންޓަނޭޝަނަލް ސްކޫލަކީ ދުނިޔޭގައި ޢަރަބި ތަޢުލީމު ކުރިއަރުވައި، ޢަރަބި ބަސް އަދި އިސްލާމީ ތަޢުލީމް އެއް މަންހަޖެއްގެ ދަށުން ކިޔަވައިދިނުމުގެ މަސައްކަތް ކޮށް، އިސްލާމީ ތާރީޚާއި ސަޤާފަތް ކުރިއެރުވުމަށް އެކި ދާއިރާތަކުން ހުރިހާ ޤައުމުތަކަށް އެހީތެރިކަން ފޯރުކޮށްދީ ވަކިން ޚާއްސަކޮށް ޢަރަބި ޤައުމުތަކަށް މި ރޮނގުން އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަންގެ ދަށުން ހިނގާ އިދާރާއެކެވެ. މި އިދާރާ އުފެދިފައިވަނީ 1976 ގައެވެ. މިއީ އޯއައިސީގެ އެންމެ ދުވަސްވީ އެއް މެމްބަރުވެސް މެއެވެ. މިއިދާރާގެ އެހީތެރިކަން މި ރޮނގުން ދިވެހިރާއްޖެއަށް ބޭނުންވާ ކަންކަން ފާހަގަކޮށް މި އިދާރާގެ އެހީތެރިކަމާއި އެކު އެކަންކަން ތަރައްޤީ ކުރުމަށާއި، އަދި މި އިދާރާއާއި ރާއްޖެއާއި ދެމެދުގައިވާ ގުޅުން ރަނގަޅު ކުރުމުގެ މަޤްސަދުގައި އެ އިދާރާގެ ސެކެޓްރީ ޖެނެރަލް ކުރައްވާ މި ޚާއްސަ ދަތުރުފުޅުގެ ތެރެއިން އިސްލާމިކް ޔުނިވަރސިޓީގެ އިސްވެރިންނާއި ބައްދަލުކުރެއްވުން އޮތީ މިއަދު އެ ޔުނިވަރސިޓީގައެވެ.

 

މި ބައްދަލުވުމުގައި އިސްލާމިކް ޔުނިވަރސިޓީގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ އިސްލާމިކް ޔުނިވަރސިޓީގެ ޗާންސެލަރ ޑރ. ޒާހިރު ޙުސައިން އަދި ވައިސް ޗާންސެލަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދެވެ. އަދި އެ ޔުނިވަރސިޓީގެ އިސް އެހެން

ވެރިންވެސް ބައިވެރިވެވަޑައިގެންނެވިއެވެ. މި ބައްދަލުވުމުގައި ވައިސް ޗާންސެލަރ ޑރ. ޝަހީމް ވަނީ އިސްލާމިކް ޔުނިވަރސިޓީއާއި ގުޅޭ ޕްރޮފައިލް ޕްރެޒެންޓޭޝަނެއް ދެއްވާފައެވެ.
މި ބައްދަލުވުމުގައި ވޯލްޑް ފެޑަރޭޝަން އޮފް ޢަރަބް އިސްލާމިކް އިންޓަނޭޝަނަލް ސްކޫލްގެ ސެކެޓްރީ ޖެނެރަލް ދެއްކެވި ވާހަކަފުޅުގެ ތެރޭގައި ޢަރަބި ބިސް ކިޔަވައިދިނުމުގެ މުހިންމު ކަމާއި ގުޅޭ ގޮތުން ވާހަކަފުޅު ދެއްކެވިއެވެ. ވަކިން ޚާއްސަކޮށް ކުޑަކުދިންނަށް ޢަރަބި ބަސް ކިޔަވައިދިނުމަކީ މުހިއްމު ކަމެއް ކަމުގައި ފާހަގަކުރެއްވިއެވެ.

އަދި ޢަރަބި ބަހަކީ ދިވެހިންގެ ދެވަނަ ބަހެއްގެ ގޮތުގައި ހައްދަވަން ނިންމަވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިކަމަށް އިޝާރާތް ކުރައްވާ ސެކެޓްރީ ޖެނެރަލް ވިދާޅުވީ މިއީ ވަރަށް މުޙިންމު ނިންމުމެއް ކަމަށާއި މިކަން ޙާސިލް ކުރުމަށް އެ އިދާރާއިން ވެދެވެން ހުރި އެހީތެރިކަމެއް ވެދެއްވާނެ ކަމަށެވެ. މިގޮތުން ފަންނީ އެހީތެރިކަމުގެ ގޮތުން އަވަސް މުސްތަޤްބަލެއްގައި އެ އިދާރާގެ ޢަރަބި ކިޔަވައިދިނުމުގައި ތަމްރީން ލިބިފައިވާ ޓީޗަރުން ފޮނުވައި ދިވެހިރާއްޖޭގެ ޢަރަބި ކިޔަވައިދޭ ޓީޗަރުން ތަމްރީން ކުރުމުގެ މަސައްކަތް ފަށާނެކަމުގައި ވިދާޅުވިއެވެ. އަދި މިގޮތުން މިއިދާރާއާއި ދިވެހިރާއްޖެއާއި ދެމެދުގައިވާ ގުޅުން ހަރުދަނާ ވެެގެން ދާނެ ކަމުގެ އުންމީދު ކުރައްވާ ކަމުގައި ވެސް ވިދާޅުވިއެވެ.

ސެކެޓްރީ ޖެނެރަލް ގެ މި ދަތުރުފުޅުގެ ކުރިން މިނިސްޓަރ އޮފް އިސްލާމިކް އެފެއާރޒް ޑރ. އަހުމަދު ޒިޔާދު ވަނީ ނިމި ދިޔަ އޭޕްރިލް މަހުގެ 11 އިން 17 އަށް ތުރުކީގެ އިސްތަންބޫލްގައި ކުރިއަށް ދިޔަ އޯއައިސީގެ އިސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.