އާރަށުގައި ރީތި ތަނެއް ހުރިނަމަ ދެން ވަޑައިގަންނަވާ ރައީސުންނަށް ވެސް ބޭނުން ކުރެވޭނެ: ތަރުޖަމާނު

އާރަށުގައި، ސިފައިން ހަދާފައިވާ ކަމަށް ބުނާ "ގަނޑުވަރު". މިއީ ތިން ބުރިއަށް ހަދާފައިވާ ތަނެއް.

ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަޤާމަށް ވަޑައިގަންނަވާ ބޭފުޅަކު ޗުއްޓީ ހޭދަކުރައްވަން ބޭނުން ކުރައްވާ އާރަށުގައި ރައީސް ޔާމީން ބިނާކުރައްވައިފައިވާ ގެކޮޅެއް ކަމަށް ވިދާޅުވެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަޙުމަދު މަހުލޫފް ވަނީ ފޮޓޯއެއް ހާމަ ކުރައްވައިފައެވެ.

އެއީ މީގެ ކުރިން އެއްވެސް ވަރަކަށް އާންމުންނަށް އެނގިފައިވާ ވާހަކައެއް ނޫނެވެ. ޢާއްމުންނަށް އެނގެންޖެހޭ ކަމެއް ކަމަށް ވެސް ބައެއް މީހުން ޤަބޫލެއް ނުކުރެއެވެ. އެހެންނަމަވެސް އެފޮޓޯ ޢާއްމު ކުރައްވަމުން މަހުލޫފް ވިދާޅުވެފައިވަނީ އެއީ މުޅި ޢުމުރަށް ވެރިކަމުގައި ހުންނެވުމުގެ ނިޔަތުގައި ރައީސް ޔާމީން އާރަށުގައި އަޅުއްވައިފައިވާ "ގަނޑުވަރެއް" ކަމަށެވެ.

އެހެންނަމަވެސް މިކަމަށް ރަސްމީ އެއްވެސް ފަރާތަކުން ޖަވާބެއް ނުދެއްވައެވެ. އެކަމަކު ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހީމް މުޢާޒު ޢަލީ އޭނާގެ އަމިއްލަ ޓްވިޓަރ އެކައުންޓުން ކުރައްވައިފައިވާ ޓްވީޓެއްގައި ވިދާޅުވެފައިވަނީ "އާރަށުގައި ރީތި ތަނެއްހުރިނަމަ ދެން އަންނަ ރައީސަކަށް ވެސް އެތަން ބޭނުން ކުރެވޭނެ،" ކަމަށެވެ.

މުޢާޒު ވިދާޅުވެފައިވަނީ މާލެއާއި ހުޅުލެއާ ދެމެދު އަޅައިފައިވާ ބްރިޖަކީ ވެސް ކޮންމެ މީހަކަށް ބޭނުން ކުރެވޭ ތަނެއް ކަމަށެވެ. 25 ބުރީގެ ދަރުމަވަންތަ ހޮސްޕިޓަލަކީ ވެސް އެންމެނަށް ޚިދުމަތް ލިބޭނެ ތަނެއް ކަމަށެވެ.

"މިހުރިހާ ތަނެއް ޤާއިމް ކޮށްދެއްވީ ރައީސް ޔާމީން ބޭނުންފުޅު ކުރައްވާކަށް ނޫން،" މުޢާޒުގެ ޓްވީޓުގައި ވިދާޅުވެފައިވެއެވެ.

މުޢާޒުގެ އެހެން ޓްވީޓެއްގައި ވިދާޅުވެފައިވަނީ ޒުވާނުންގެ ކަންކަމާ ޙަވާލުވެ ވަޑައިގަންނަވަން ބޭނުންފުޅުވާ ބޭފުޅުން ޒުވާނުންނަށް ސިޔާސީ ވާހަކަ ވިދާޅުވެ ދެއްވާއިރު ތަންކޮޅެއް ބޮޑަށް ހޭލުންތެރިވެ ތަޞައްރަފް ފުދެން ޖެހޭ ކަމަށެވެ. އޭނާ މިހެން ވިދާޅުވީ ދެން އަންނަ ސަރުކާރެއްގެ ޔޫތު މިނިސްޓަރަކަށް ވަޑައިގަންނަވާނީ މަހުލޫފު ކަމަށް ވާހަކަ ފެތުރިފައި ވަނިކޮށްނެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.