ޖުމްހޫރީ ދުވަހު ދިވެހި ފުލުހުން ރައްޔިތުންނަށް އަރުވާ ޔަޤީން ކަމަކީ ދިވެހިރާއްޖޭގެ އެތެރޭގެ ހަމަޖެހުން ޤާއިމުކުރުމުގައި ރައްޔިތުންގެ އުންމީދުތައް ޙާޞިލުކޮށްދެއްވުން ކަމަށް ކޮމިޝަނަރު އޮފް ޕޮލިސް (ސީޕީ) ޙަމްދޫން ރަޝީދު ވިދާޅުވެއްޖެއެވެ.
ސީޕީ މިހެން ވިދާޅުވީ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ދެއްވި ޚިތާބުގައެވެ.
ސީޕީ ވިދާޅުވެފައިވަނޯ ހަމަޖެހުން ޤާއިމް ކުރުމަށް ޤާނޫނުގެ އެންމެ އަކުރަކަށް ވެސް ދިވެހި ފުލުހުން އިހުމާލު ނުވާނެކަމަށެވެ. ދިވެހިރާއްޖެ މިނިވަންކަންމަތީ ދެމެހެއްޓުމުގައި އުފުލާ ކޮންމެ ފިޔަވަޅެއް އަޅާނީ "ސާބިތުކަމާއެކު ސީދާ ކުރިޔަށް" ކަމަށް ވެސް ވިދާޅުވެފައިވެއެވެ.
"ދިވެހި ފުލުހުންނަކީ ދިވެހީންނެވެ. ދިވެހި ރައްޔިތުންގެ ދަރީންނެވެ. ދިވެހި އާއިލާތަކެވެ. ދިވެހި ފުލުހުން އަބަދުވެސް ހިންމަތްކުރަނީ ހިންމަތްކުރާނީ އަދި ހިތްމަތްކުރާންވީ ފުލުހުންގެ ޤާނޫނީ ވާޖިބު އަދާކުރުމަށެވެ. ފުރިހަމަޔަށް މަސްއޫލިއްޔަތު އުފުލުމަށެވެ. މަޤުޞަދަކީ އަމާން ޞުލްޙަވެރި ތަހުޒީބު ވެށްޓެއް ޤާއިމުކުރުމެވެ." ސީޕީ ވިދާޅުވެފައިވެއެވެ.
ސީޕީ ވިދާޅުވެފައިވަނީ ދިވެހިންނަކީ ޠަބީޢީ ގޮތުން ވެސް ޞުލްޙައަށް ލޯބިކުރާ، އަމާންކަމަށް ބޭނުންވާ ބައެއް ކަމަށެވެ. ރައްޔިތުން ފުލުހުންގެ ކިބައިން އެދެނީ އެ އުފާވެރިކަން ޙާސިލް ކޮށްދެއްވުމަށް ކަމަށާއި، އެއީ ޖުމްހޫރު އެދޭ ގޮތާއި އުންމީދު ކަމަށް ވެސް ވިދާޅުވެފައިވެއެވެ.
ކޮމިޝަނަރު އޮފް ޕޮލިސް ވިދާޅުވެފައިވަނީ ހުރިހާ ކަމެއް އަންނަނީ ބަދަލުވަމުން ކަމަށާއި އެއާ އެއްވަރަށް ފުލުހުންގެ ކެރުންތެރިކަމާއި ފޯރުންތެރިކަން ވެސް ކުރިއަރަންޖެހޭ ކަމަށެވެ. ކުށްކުރާ މީހުން ކުށްކުރުމުގެ އުކުޅުތައް ވެސް މިހާރު ބަދަލު ކޮށްފި ކަމަށް ސީޕީ ވިދާޅުވިއެވެ. "އެހެންކަމުން މި ޙަޤީޤަތްތަކުގެ ކުރިމަތީގައި ދިވެހި ފުލުހުންގެ ޒިންމާ އިންތިހާއަށް އިތުރުވާނެއެވެ. ޚުޠޫރަތްތެރިވާނެއެވެ. ފުލުހުންނަށް ބޭނުންވާ ޤާބިލުކަން އެތައް ގުނަޔަކަށް އިތުރުވާންޖެހެއެވެ. އިންސާނީ ޤާބިލުކަމާއި ވަސީލަތުގެ ޤާބިލުކަމެވެ."
"މަގު ހިނގުމާއި ތަކެތި ދުއްވުމާ ހަމައިން ފެށިގެން، ދޭދޭ ގުޅުންތަކުގައި އުފެދޭ ބައެއް ކަހަލަ ނުތަނަވަސް ޝުޢޫރުގެ ނަތީޖާ ވެސް ފުލުހުންގެ އެހީއާ ނުލައި ބައެއް ފަހަރު ސަލާމަތުގެ އައްސޭރިޔަކަށް ނުނިމެއެވެ. އެހެންކަމުން ތަރުބަވީ ގޮތުންނާއި އަޚްލާޤީ ގޮތުން މީހުންގެ މިޒާޖަށް ހެޔޮ ބަދަލުތެއް އިޞްލާޙުތަކެއް ބޭނުންވެއެވެ." ސީޕީ ވިދާޅުވެފައިވެއެވެ.