ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ދަނގެތީ ދާއިރާއަށް ކުރިމަތި ނުލައްވާނެ ކަމަށް އެ ދާއިރާގެ މިހާރުގެ މެމްބަރު އިލްހާމް އަޙްމަދު ވިދާޅުވެއްޖެއެވެ.
ވީޓީގައި ވާހަކަ ދައްކަވަމުން އިލްހާމް ވިދާޅުވީ 2019 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ދަނގެތީ ދާއިރާގެ ޓިކެޓް ކޯލިޝަނުގެ ލީޑަރުން ދެއްވި ނަމަވެސް އޭނާ އެ ދާއިރާއަށް ކުރިމަތި ނުލައްވަން ނިންމަވާފައިވާ ކަމަށެވެ. އިލްހާމަކީވެސް 2019 ގެ މަޖިލިސް ޓިކެޓް ޕްރައިމަރީއަކާ ނުލައި ދެއްވަން ލީޑަރުން ނިންމަވާފައިވާ 12 މެމްބަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ މެމްބަރެކެވެ.
އިލްހާމް ވިދާޅުވި ގޮތުގައި ދަނގެތީ ދާއިރާއަށް ދެވަނަ ދައުރަކަށް ކުރިމަތި ނުލައްވަން ނިންމެވީ މިދިޔަ ފަސް އަހަރުގެ ދައުރުގައި އެ ދާއިރާއަށް އެކަށީގެންވާ ތަރައްގީ ސަރުކާރުގެ ތެރެއިން ގެނެވިފައި ނެތުމުންނެވެ. އެހެންވެ ދާއިރާގެ ރައްޔިތުންގެ ކަންބޮޑުވުންތަކެއް އެބަހުރި ކަމަށް އިލްހާމް ވިދާޅުވިއެވެ.
އިލްހާމް ވިދާޅުވީ ދަނގެތީ ދާއިރާއަށް ކުރިމަތި ނުލެއްވި ނަމަވެސް 2019 ވަނަ އަހަރު އޭނާ އެހެން ދާއިރާއަކަށް ކުރިމަތި ލައްވާނެ ކަމަށާއި އޭނާ ދެން ކުރިމަތި ލައްވާ ދާއިރާ ވަރަށް އަވަހަށް ހާމަކުރައްވާނެ ކަމަށެވެ. އިލްހާމް ދަނގެތީ ދާއިރާގެ ކުރިން ހުންނެވީ އޭނާގެ އުފަން ރަށް ހިމެނޭ ގެމަނަފުށީ ދާއިރާގެ މެމްބަރަކަށެވެ.
ދަނގެތީ ދާއިރާގެ މެމްބަރުކަން އިލްހާމް ކަށަވަރު ކުރެއްވީ ޖުމްހޫރީ ޕާޓީގެ ޓިކެޓުގައެވެ. ނަމަވެސް ފަހުން އިލްހާމް ވަނީ ޕީޕީއެމަށް ބަދަލުވެފައެވެ. އެއަށް ފަހު އަނެއްކާވެސް ޕީޕީއެމުން ވަކިވެ ޖޭޕީއަށް ބަދަލުވިއެވެ.