ރައްޔިތުންގެ މަޖިލީސްގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅައިފައިވާ މެމްބަރުންގެ ތެރެއިން މައްޗަންގޮޅީ ދެކުނު ދާއިރާގެ މެމްބަރު ޢަބްދުﷲ ސިނާނާއި، ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު ޢަބްދުﷲ އަޙުމަދު (އަބުޅޯ)ގެ ގޮނޑި ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން ދެންމެ ހުކުމް ކުރައްވައިފިއެވެ.
މި ދެބޭފުޅުންނަކީވެސް ކުރިން ޕީޕީއެމަށް ނިސްބަތްވެ ވަޑައިގެންނެވި ދެ މެމްބަރުންނެވެ. އެހެންނަމަވެސް އެބޭފުޅުން ފަހުން ވަނީ އެޕާޓީ ދޫކުރައްވައި އިދިކޮޅު ފަރާތްތަކާ ގުޅިވަޑައިގެންފައެވެ.
އެބޭފުޅުންގެ ގޮނޑި ގެއްލުނުކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ކަނޑައަޅުއްވައިފައިވަނީ އެ މެމްބަރަކު މަޖިލީހަށް އިންތިޚާބުވި ޕާޓީން ވަކިވާ ނުވަތަ ވަކިކުރާ ނުވަތަ އެހެން ޕާޓީއަކާ ގުޅޭ މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ސުޕްރީމް ކޯޓުން ކުރައްވައިފައިވާ ޙުކުމުގެ ދަށުންނެވެ.
ގޮނޑި ގެއްލުނު ކަމަށް ކަނޑައެޅި 12 މެމްބަރުންގެ ތެރެއިން ކުރިން ވަނީ ބައެއް މެމްބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް ސްޕްރީމް ކޯޓުން ކަނޑައަޅައިފައެވެ. އޭގެ ތެރޭގައި ހިމެނެނީ މަޑުއްވަރީ ދާއިރާގެ މެމްބަރު މުޙައްމަދު އަމީތާއި، ތުލުސްދޫ ދާއިރާގެ މެމްބަރު މުޙައްމަދު ވަޙީދު އިބްރާހީމާއި، ދިއްދޫ ދާއިރާގެ މެމްބަރު ޢަބްދުއްލަޠީފް މުޙައްމަދާއި ވިލިނގިލީ ދާއިރާގެ މެމްބަރު ސަޢުދު ޙުސައިނެވެ.
އިތުރު މެމްބަރުންގެ ގޮނޑީގެ މައްސަލަތަކާ ގުޅޭ ޙުކުމް މިއަދު ކުރައްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ. އެއީ ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ސަޢުދުﷲ ޙީލްމީ އާއި ދަނގެތި ދާއިރާގެ މެމްބަރު އިލްޙާމް އަހުމަދުގެ ގޮނޑީގެ މައްސަލައެވެ.
މި ދެ މެމްބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް ސްޕްރީމްކޯޓުން ކަނޑައެޅުމުން ދެބޭފުޅުން ވެސް ވިދާޅުވެފައިވަނީ ކުރިއަށްއޮތްތަނުގައި ވެސް ދާއިރާއަށް ޚިދުމަތް ކުރައްވާނެ ކަމަށެވެ. މިއަދުގެ ޙުކުމަށްފަހު އިތުރު ޕާޓީއަކާ ގުޅޭނެތޯ ނޫސްވެރިންނަށް ސުވާލު ދެންނެވުމުން ދެބޭފުޅުން ވެސް ވިދާޅުވީ ޕާޓީއަކާ ގުޅިވަޑައިގަންނަވާނެ ކަމަށެވެ. އެހެންނަމަވެސް އެކަން ނިންމަވާނީ އަދި ފަހުން ކަމަށާއި ނިންމެވުމުގެ ކުރިން މަޝްވަރާ ކުރައްވަންޖެހޭ ފަރާތްތަކާ މަޝްވަރާ ވެސް ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.