މާލޭ މާފަންނު ކޮޅުގައި ތަރައްގީ ކޮށްފައިވާ ރަސްފަންނާ އެއްފެންވަރަށް އާޓިފިޝަލް ބީޗު ސަރަހައްދު ތަރައްގީ ކުރުމަށް ހައުސިން މިނިސްޓްރީން ތައްޔާރުވާން ފަށައިފިއެވެ.
އެސަރަހައްދު ތަރައްގީ ކުރުމަށް ތޭރަ މިލިއަން ރުފިޔާ ޚަރަދު ކުރުމަށްވަނީ ހަމަޖެހިފައެވެ. އެމަސައްކަތް ކުރުމަށް ހަވާލު ކުރައްވައިފައިވަނީ އެމްޓީސީސީއާއެވެ. އެސަރަހައްދު ތަރައްގީ ކުރުމަށް އެމްޓީސީސީއަށް ދީފައިވާ މުއްދަތަކީ ފަސް މަހެއެވެ.
އެމަސައްކަތް ފަށާނެ ސީދާ ތާރީޚެއް އެނގިފައިނެތަސް އެ މަސައްކަތް ފެށުމަށްޓަކައި އެތާގައިހުރި ވެހިކަލްތައް ނެގުމަށް ހައުސިން މިނިސްޓްރީންވަނީ އާންމުކޮށް އިއުލާން ކުރައްވައިފައެވެ.
އެ އިއުލާނުގައިވާ ގޮތުން މިމަހުގެ 26 ގެ ކުރިން އެ ވެހިކަލްތަކުގެ ވެރިން އެ ނަގަންޖެހެއެވެ. ނުނަގައިފިނަމަ ފުލުހުން މެދުވެރި ކުރައްވައި ނަގާނެ ކަމަށް ވެސް ހައުސިން މިނިސްޓްރީން ވިދާޅުވެފައިވެއެވެ.
އެގޮތަށް ނަގާއިރު ވެހިކަލަށް ދިމާވެދާނެ އެއްވެސް ގެއްލުމަކަށް ޒިންމާ ނުވާނެ ކަމަށްވެސް ހައުސިންމިނިސްޓްރީން ވަނީ އަންގަވައިފައެވެ. ވެހިކަލްތައް ނަގަނީ އެސަރަހައްދުގައި ފެންސް ޖެހުމަށެވެ.