ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހު ރާއްޖޭގައި ބޭއްވި ރިޔާސީ އިންތިޚާބަކީ އިންސާފުވެރި އިންތިޚާބެއްކަން ސާބިތު ވެގެން ހިނގައްޖެ ކަމަށް އިލެކްޝަން ކޮމިޝަނުގެ ރައީސް އަޙްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.
އިންތިޚާބުގެ ނަތީޖާ ގަބޫލުނުކޮށް ވެރިކަންކުރާ ޕީޕީއެމުން ސުޕްރީމް ކޯޓަށް ވެއްދި މައްސަލައިގައި އިންތިޚާބު ބާތިލު ކުރަންޖެހޭ އެއްވެސް އަސާސެއް ނެތް ކަމަށް އިއްޔެ ސުޕްރީމް ކޯޓުން ކުރު ޙުކުމަށް އިޝާރާތް ކުރައްވައި ނޫސްވެރިންނާ މިއަދު ވާހަކަ ދައްކަވަމުން ޝަރީފް ވިދާޅުވީ އިންތިޚާބު ބާތިލު ކުރަން ހުށަހެޅި އެއްވެސް ހެއްކެއްގައި އަސާސެއް ނެތްކަންވެސް ސުޕްރީމް ކޯޓުގެ ޙުކުމާއެކު އެއޮތީ ސާބިތު ވެގެން ގޮސްފައެވެ. ޝަރީފް ވިދާޅުވީ އިންތިޚާބުގެ ނަތީޖާ ވަކިފަރާތަކަށް އަނބުރާލަން ކޮމިޝަނުން އެއްވެސް ކަމެއް ނުކުރައްވާ ކަމަށެވެ.
އެގޮތުން އިންތިޚާބު ކާމިޔާބު ކުރެއްވި އިބްރާހިމް މުޙަންމަދު ސޯލިޙް މޮޅުވުމުގައިވެސް އިލެކްޝަން ކޮމިޝަނުން ފޭވާއެއް ކުރައްވައި ނޯންނާނެ ކަމަށް ޝަރީފް ވިދާޅުވިއެވެ. އަދި އިންތިޚާބުން ބަލިވެވަޑައިގެންނެވި ރައީސް އަބްދުﷲ ޔާމީނަށް ނާކާމިޔާބާ ކުރިމަތި ލައްވަން ޖެހިވަޑައިގަތީވެސް ކޮމިޝަނުން ވަކި ކަމެއް ނުކޮށްގެން ނުވަތަ ކޮށްގެން ނޫން ކަމަށް ޝަރީފް ވިދާޅުވިއެވެ.
ރިޔާސީ އިންތިޚާބުގެ ނަތީޖާ ރައީސް ޔާމީންގެ ފަރާތްޕުޅުން ގަބޫލުފުޅު ނުކުރައްވައި ސުޕްރީމް ކޯޓަށް މައްސަލަ ވެއްދުމާއެކު ޕީޕީއެމްގެ ސަޕޯޓަރުން ދިޔައީ އިލެކްޝަން ކޮމިޝަނަށް ބޮޑެތި ތުހުމަތު ތަކެއް ކުރަމުންނެވެ. ނަމަވެސް ކޮމިޝަނުގެ ރައީސާއި މެމްބަރުންވެސް ވިދާޅުވަމުން ގެންދެވީ އެބޭފުޅުންގެ މައްޗަށް ކުރެވުނު ތުހުމަތު ތަކަކީ އެއްވެސް ހަގީގަތެއް ނެތް ތުހުމަތު ތަކެއް ކަމަށެވެ.