ދޭވްޖީ ސަލާމަތުން އެނބުރި ގެއަށް އަތުވެއްޖެ

މީގެ 11 ދުވަސް ކުރިން ޓެންޒޭނިޔާގެ ދާރުއްސަލާމުގައި ހަތިޔާރުއެޅި ބަޔަކު ކިޑްނެޕްކުރި މަޝްހޫރު ވިޔަފާރިވެރިޔާ މުޙައްމަދޫ ދޭވްޖީ އިއްޔެ ސަލާމަތުން އެނބުރި ގެއަށް އަތުވެއްޖެއެވެ.
އެފްރިކާގެ އެންމެ ޒުވާން ބިލިއަނަރުގެ ގޮތުގައި ބެލެވޭ، 43 އަހަރުގެ ދޭވްޖީއަކީ 10 ގައުމެއްގައި ދަނޑުވެރިކަމާއި، އިންޝުއަރެންސާއި، ދަތުރުފަތުރާއި، ކާބޯތަކެތީގެ ވިޔަފާރި ހިންގާ މެޓްލް ގުރޫޕުގެ ވެރިޔާއެެވެ.
"ގަދަވެ ސަލާމަތުން ހުރެ ރައްކާތެރިކަމާއެކު ގެއަށް އާދެވުނީތީ އަހަރެން ﷲއަށް ޝުކުރުވެރިވަން." އޮކްޓޯބަރު މަހުގެ 11 ވަނަ ދުވަހު އޭނާ ކިޑްނެޕްކުރި މީހުންގެ އަތްދަށުން ސަލާމަތްވެގެން އައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އޭނާ ބުންޏެވެ. އޭނާ ވަނީ ޓެންޒޭނިޔާގެ ފުލުހުންނަށާއި، ދުނިޔޭގެ ކަންކޮޅުތަކުގައި އޭނާއަށް ދުއާކޮށްދިން މީހުންނަށް ޝުކުރުއަދާކޮށްފައެވެ.
ޓެންޒޭނިޔާގެ ފުލުހުންގެ ވެރިޔާ ސިމޯން ސިރޯ ވިދާޅުވިގޮތުގައި ދޭވްޖީ ވަނީ އޭނާ ކިޑްނެޕްކުރުމާ ބެހޭ މައުލޫމާތު ކޮންމެވެސް ވަރަކަށް ދީފައެވެ.
"މުހައްދު ދޭވްޖީ އަަހަރުމެން ގާތު ބުނި ގޮތުގައި އޭނާ ކިޑްނެޕްކުރި މީހުން ބޭނުންވީ ފައިސާ. އެކަމަކު ހަތިޔާރު އަޅައިގެން ތިބި އިރުވެސް އެމީހުން ތިބީ ބިރުން. އަދި އެމީހުން ކަައިރިން ބޭނުންވަނީ ކިހާވަރެއްހޭ އެހުމުންވެސް ވަކި ވަރެއް ނުބުނި." ސިރޯ ވިދާޅުިވިއެވެ.
"މިހާރު އަހަރުމެންނަށް އެމީހުންގެ ވިއުގަ އެނގޭ. އެމީހުންގެ ޕްލޭން ރޭވީ ކޮން ގައުމެއްގަ ކަންވެސް އެނގޭ." އިތުުރު ތަފްސީލު ދެއްވުމަކާ ނުލައި އޭނާ ވިދާޅުވިއެވެ.
ދޭވްޖީ ހާމަކުރި ގޮތުގައި އޭނާ ކިޑްނެޕްކުރި މީހުން ވާހަކަ ދެއްކީ އެފްރިކާގެ ދެކުނު ހިސާބެއްގެ ބަހަކުން ކަމަށް ދާރުއްސަލާމްގެ ފުލުހުންގެ ވެރިޔާ ލަޒާރޯ މަމްބޮސާސާ ވިދާޅުވިއެވެ. އެހެންކަމުން ދޭވްޖީ ކިޑްނެޕްކުރީ ބޭރު ގައުމެއްގެ ބަަޔަކުކަން ވަނީ ކަށަވަރުވެފައެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.