ޕަޕުއާ ނިއު ގިނީން 40 މަސެރާޓީ ގަންނާތީ ގިނަ ބަޔަކު ރުޅި ގަދަވެއްޖެ

މަސެރާޓީ ކާރުތައް ޕޯޓް މޮރެސްބީ އެއާޕޯޓުގައި

އަންނަ މަހު ޕަޕުއާ ނިއު ގިނީގައި ބާއްްވަން ހަމަޖެހިފައިވާ އޭޝިޔާ ޕެސިފިކް އިކޮނޮމިކް ކޯޕަރޭޝަން (އޭޕްކް) ގެ އެންމެ އިސްވެރިންގެ ބަައްދަވުމާ ދިމާކޮށް އެގައުމުން މަސެރާޓީ މަރުކާރެ 40 ސްޕޯޓްސް ކާރު ގަންނާތީ، އާއްމު ރައްޔިތުންގެ ގިނަ ބަޔަކު ރުޅިގަދަވެއްޖެއެވެ. ފަގީރުކަން ބޮޑު ޕަޕުއާ ނިއު ގިނީން މިކާރުތައް ގަންނަނީ އެ ބައްދަލުވުމުގައި ބައްވެރިވެވަޑައިގަންނަވާ ބޭފުޅުން ދަތުރުކުރެއްވުމަށެވެ.
އެކަމަށް ފާޑުކިޔަމުންދާ ގިނަ ބަޔަކު ބުނާ ގޮތުގައި އެކަމަށް ޚަރަދުކުރާ ފައިސާ އެއަށްވެރު ރަނގަޅު ގޮތުގައި ބޭނުންކުރެވޭނެއެވެ.
ކާރެއްގެ އަގު 1 ލައްކަ 50 ހާސް ޑޮލަރަށް އަރާ މަސެރާޓީ ކުއްޓްރޮޕޯޓް ކާރުތައް އެ ގައުމުގަށް ގެންނަ އިރު ގައުމުގައި މިހާުރވެސް ދަނީ ޕޯލިއޯއާއީ ޓީބީ ފެތުރެމުންނެެވެ. ރައްޔިތުން އުޅެމުން ދަނީ ފަގީރު ހާލުގައެވެ.
މިކަމާމެދު ބޮޑު ފާޑުކިއުންތައް އަމާޒުވަމުން ދާތީ ސަރުކާރުން ބުނެފައި ވަނީ އަމިއްލަ ވިޔަފާރިވެރިން އެ ކާރުތައް ގަންނަން އެއްބަސްވެފައިވާ ކަމުގައެވެ.
ފާއިތުވި ހަފުތާގައި ބޮއިންގް 747 ގެ ޗާޓަރު ދެ ފްލައިޓުގައި މިލާންއިން ޕޯޓް މޮރިސްބީއަށް އެކާރުތައް ގެނެސްފައިވާއިރު، ޕަޕުއާ ނިއު ގިނީގެ މިނިސްޓަރ ފޯ އޭޕެކް ޖަސްޓިން ޓްކަޗެންކޯ ވިދާޅުވީ އެކަމަށް ޚަރަދުކުރީ "އަމިއްލަ ވިޔަފާރިވެރިން" ކަމުގައެވެ.
ސަރުކާރުގެ ނިިންމުން ދިފާއުކުރައްވަމުން ޓްކަޗެންކޯ ވިދާޅުވީ ގަޑިއަކު 240 ކިލޯމީޓަރުގެ ބާރުމިނުގައި ދުުވާ އެ ކާރުތަކުން "އެޕެކް ސަމިޓްތަކުގައި ބައިވެރިވެވަޑައިގަންނަވާ އެންމެ އިސްވެރިން އާއްމުގޮތެއްގައި ބޭނުންކުރައްވާ ފެންވަރުގެ ޚިދުމަތް" ދެވޭނެ ކަމުގައެވެ.
ޕަޕުއާ ނިއު ގިނީއަކީ އޭޕްކްގައި ހިމެނޭ އެންމެ ފަގީރު އެެއްގައުމެވެ. އެގައުމުގެ އާބާދީގެ %40 މީހުން އުޅެމުން ދަނީ ދުވާލަކު 1 ޑޮަލަރަށްވުރެ މަދުން ލިބިގެންނެވެ. ސަރުކާރަށް ފާޑުކިއުންތައް އަމާޒުވަމުން ދަނީ ގައުމުގެ ހާލަތު ރަނގަޅުކުރުމަށް މާ ބޮޑު މަަސައްކަތެއް ނުކުރެވި އޮތް އިރު އޭޕެކްގެ އިސްވެރިންގެ ބައްދަލުުވުމަށް އެތައް ސަތޭކަ މިލިއަން ޑޮލަރު ޚަރަދުކުރަމުން ދާތީއެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.