އިރުމަތީ އެފްރިކާގެ ކެންޔާގައި އިއްޔެ ހިނގި ބަސް އެކްސިޑެންޓެއްގައި 55 މީހުން މަރުވެ 12 މީހުން ޒަޚަމްވެއްޖެއެވެ. ވެރިރަށް ނައިރޯބީން ހުޅަނގުގެ ރަށެއް ކަމުގައިވާ ކަކަމެގާއަށް ދަތުރުކުރަމުން ދިޔަ ބަސް ކޮންޓުރޯލުނުވެ މަގުން ފައިބައިގެން ގޮސް ރިފްޓް ވެލީ ވާދީގެ ތެރެއަށް ވެއްޓުނީ އިއްޔެ ފަތިހު 4 ޖެހިއިރުއެވެ. ބަސް ވެއްޓި ޖެހުނުލެއް ބާރުކަމުން ބަހުގެ މަތި ވަނީ ވިއްސައިގެން ގޮސްފައެވެ.
"އަަހަރުމެންނަށް މައުލޫމާތު ލިބޭ ގޮތުގައި ޑުރައިވަރަށް ބަހުގެ ކޮންޓުރޯލު ގެއްލުނީ." ކެރިޗޯ ކައުންޓީގެ ފުލުުހުންގެ ކޮމާންޑަރު ޖޭމްސް މުގޭރާ ވިދާޅުވިއެވެ.
"އަހަރެންނަށް އިހުސާސުކުރެވުނީ ބަސް ހޫރެމުން ދާހެން. ދެން އަހަރެން އެެއްވެސް ތަނެއްގައި ލައްވާނުލާ އޮތްކަން އެނގުނު." ބަހުން ދަތުރުކުރި ޖޯސެފް އޮބޮންޔޯ ކިޔާ ފަސިންޖަރަކު ބުންޏެވެ. "އަހަރެން ކައިރީގައި މަރުވެފައި އޮތް މީހެއްގެ ހަށިގަނޑު އޮތް. މީހުން ބަހުން ބޭރަށް ވިއްސައިގެން ގޮސް މަތިންދާބޯޓުތަކެއް ފަދައިން ވައިގެ ތެރޭގައި އުދުހެމުން ދިޔަ.... އަހަރެންނަށް ހަމައެކަނި ބުނެވޭނީ ކަލާނގެ އަަހަރެން ސަލާމަތްކުރެއްވީއޭ. އަަހަރެން އެކަމަށް ޝުކުރުވެރިވަން." އޮބޮންޔޯ ކިޔައިދިނެވެ.
އޮބޮންޔޯއަކީ ސަލާމަތްވި 15 މީހުންގެ ތެރެއިން މީހެކެވެ. މަރުވި މީހުންގެ ތެރޭގައި 12 އަންހެނުންނާ 9 ކުޑަކުދިން ހިމެނެއެވެ.
ބަސް ސަރަހައްދު ހިނގި ކެރިޗޯ ސަރަހައްދުގެ ފުލުހުންގެ ވެރިޔާ ޒީރޯ އަރޯމޭ ވިދާޅުވި ގޮތުގައި އެބަހަކި ރޭގަނޑު ދަތުރުކުރަން ހުއްދަދެވިފައިވާ ބަހެއް ނޫނެވެ. އެހެންކަމުން ބަހުގެ ވެރިފަރާތާއިގެން ދައުވާކުރެވޭނެއެވެ. 52 މީހުންނަށް ދަތުރުކުރެވޭ ބަސް ދަތުރުކުރީ އެއަށްވުރެ މާގިނަ މީހުން އަރުވައިގެންނެވެ. "ހިނގައި ދިޔައީ ވަރަށް ބަދުނަސީބު ހާދިސާއެއް. އެކަމުގައި އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ." ފުލުހުންގެ ވެރިޔާ ވިދާޅުވިއެވެ.
ކެންޔާގައި މެދު ފަންތީގެ ތަނަވަސްކަން ލިބިފައިވާ އާއިލާތައް ގިނަވެ، ދަތުރުކުރާ މީހުންނާއި، އުޅަނދުތައް އިތުރުވަމުން ދާއިރު، މަގުތައް ރަނގަޅު ފެންވަަރަށް ތަރައްގީކުރެވިފައި ނުވާތީ ދުއްވާތަކެތީގެ އެކްސިޑެންޓުތަކުގައި މަރުވާ މީހުން ދަނީ އެއްދުވަހުން އަނެއް ދުވަހަށް އިތުރުވަމުންނެވެ.
ސަރުކާރުގެ ތަފާސް ހިސާބުތަކުން ދައްކާގައި ކެންޔާގެ މަގުތަކުގައި ހިނގާ އެކްސިޑެންޓުތަކުގައި އަހަރަކު 3000 މީހުން މަރުވެއެވެ. އެހެންނަމަވެސް، އދ. ގެ ސިއްހަތާ ބެހޭ ޖަމްއިއްޔާ ޑަބްލިޔުއެޗްއޯ އިން ލަފާކުރާ ގޮތުގައި މިއަދަދު 12 ހާހަށް އެރުން ވަރަށް ގާތެވެ.