އެންމެ ޒަމާނީ ޓެކްނޮލޮޖީ އެކުލެވޭ، ހަތިޔާރު އުފުލުމުގެ ގާބިލުކަން ލިބިފައިވާ އަސްކަރީ 48 ޑްރޯން ޕާކިސްތާނަށް ވިއްކުމަށް ޗައިނާއިން ނިންމައިފިއެވެ. ޗައިނާގެ އެންމެ ގާތް ރަހުމަތްތެރި އެއް ގައުމުކަމަށް ބެލެވޭ ޕާކިސްތާނަށް ޗައިނާގެ މި ޑްރޯންތައް ވިއްކަނީ ކޮން އަގެއްގައިކަން ހާމަކޮށްފައި ނުވިނަމަވެސް، މިއީ އަސްކަރީ ޑްރޯންތަކެއް ވިއްކުމަށް ވެވޭ އެންމެ ބޮޑު އެއްބަސްވުން ކަމުގައި ބުނެވެއެެވެ.
ޗައިނާއިން ޕާކިސްތާނަށް ވިއްކަނީ ޗެންގްޑޫ އެއާކްރާފްޓް އިންޑަސްޓްރިއަލް ކޮމްޕެނީން އުފައްދާ ވިންގް ލޫންގް-2 މަރުކާގެ ޑްރޯންއެވެ. މިއީ ޖާސޫސީ މައުލޫމާތު އެެއްކުުރުމާއި، ޖައްވުން ބިމަށް ފޮނުވާލެވޭ މިސައިލް ހަރުކުރެވޭ، ހަމަލާދިނުމުގެ ގާބިލުކަން ލިބިފައިވާ ޑްރޯނެެކެވެ.
ޕާކިސްތާނުގެ ވައިގެ އަސްކަރިއްޔާގެ 'ޝޭރްދިިލްސް އެއަރޯބެޓިކް ޓީމް' ގެ ރަސްމީ ފޭސްބުކް ސަފުހާގައި މިވާހަކަ ހާމަކުރި އިރު، ޑްރޯންތައް ޕާކިސްތާނަށް ލިބޭނެ ދުވަސް ހާމަކޮށްފައި ނުވިޔަސް، އެ ސަފްހާގައި ވާގޮތުން ޕާކިސްތާން އެއަރޯނޯޓިކަލް ކޮމްޕްލެކްސްއާއި ޗެންގްދޫ އެއާކްރާފްޓް އިންޑަސްޓްރިއަލް ކޮމްޕެނީ ގުޅިގެން އެ ޑްރޯންތައް އުފައްދާނީ ޕާކިސްތާނުގައެވެ.
ވިންގް ލޫންގް-2 ގެ ފުރަތަމަ ޓެސްޓް ފްލައިޓް އުދުހިފައި ވަނީ ފާއިތުވި އަހަރުގެ ފެބްރުއަރީ މަހުގައެވެ. އެއީ އެމެރިކާގެ އެމްކިއު-9 ރީޕާ ޑްރޯންއާ ވައްތަރު ޑްރޯންއެއް ކަމުގައި ބުނެެވެއެވެ. މި ޑްރޯންއަކީ ބޮމާއި، ޖައްވުން ބިމަށް ފޮނުވޭ މިސައިލް ހިމެނޭހެން 480 ކިލޯގްރާމްގެ ހަތިޔާރު އުފުލުމު ގާބިލުކަން ލިބިފައިވާ އުޅަނދެކެެވެ. މެދުނުކެނޑި 20 ގަޑިއިރު އުދުހުމުގެ ގާބިލުކަން ލިބިފައިވާ މި އުޅަނދު ގަޑިއަކު 370 ކިލޯމީޓަރަށް އުުދުހެއެވެ.
ޑްރޯން ގަތުމުގެ މި އެއްބަސްވުމާއެކު އިންޑިޔާގެ ކަންބޮޑުުވުން ވަނި އިތުރުުވެގެން ގޮސްފައެވެ. އަސްކަރީ ވާދަވެރިކަމުގެ ތެރެއިން ޑްރޯން ހޯދުމުގައި ޕާކިސްތާނު ކުރި ހޯދާތީއެވެ. އިންޑިޔާގެ އަސްކަރިއްޔާގެ މިލްކިއްޔާތުގައި އަދި އަސްކަރީ ޑްރޯން ނެތެވެ. އެެެހެންނަމަވެސް، ރަަޝިޔާގެ އެންމެ ޒަމާނީ ވައިގެ ދިފާއީ ސިސްޓަމް އެސް-400 ގަތުމަށް އިންޑިޔާއިން ރަޝިޔާއާއެކު ހެދި 5.43 ބިލިއަން އެމެރިކާ ޑޮލަރުގެ އެއްބަސްވުމަކީ އަސްކަރީ ވާދަވެރިކަމުގައި އިންޑިޔާއަށް ލިބޭނޭ ބޮޑު ހިތްހަމަޖެހުމެކެވެ.
ޗައިނާއަކީ ޕާކިސްތާނަށް އަސްކަރީ އުޅަނދާއި، ސާމާނު އެންމެ ގިނައިން ވިއްކާ ގައުމެވެ. ދެ ގައުުމު ގުޅިގެން ދާދިފަހުން ޖޭއެފް ތަންޑާ އަސްކަރީ މަތިންދާބޯޓުވެސް ޕާކިސްތާނުގައި އުފައްދާފައި ވެއެވެ.