ބްރެޒިލްގައި އިއްޔެ ބޭއްވި ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ކަނާތު ފިޔައިގެ ކެންޑިޑޭޓް ޖައިރު ބޮލްސޮނާރޯ ބޮޑު ތަފާތަކުން ކުރި ހޯއްދަވައިފިއެވެ.
ވޯޓުގެ %94 މިހާތަނަށް ގުނާފައި ވާއިރު، ސޯޝަލް ލިބަރަލް ޕާޓީ (ޕީއެސްއެލް) ގެ ފަރާތުން ވާދަކުރެއްވި ބޮލްސޮނާރޯ ވަނީ ވޯޓުގެ %46.93 ކާމިޔާބު ކުރައްވާފައެވެ. އޭނާގެ ފަހަތްޕުޅުން %28 އާއެކު ދެވަނަ ހޯއްދެވީ ކުރީގެ ރައީސު ލޫލާ ޑަސިލްވާގެ ޕާޓީ، ވާކާސް ޕާޓީ (ޕީޓީ) ގެ ކެންޑިޑޭޓް ފެނާންޑޯ ހައްދާދެވެ. ތިންވަނަ ހޯއްދެވީ %12.5 ލިބިވަޑައިގަތް ސީރޯ ގޯމެޒްއެވެ. އޭނާ އަކީ ޑިމޮކްރެޓިކް ލޭބާ ޕާޓީ (ޕީޑީޓީ) ގެ ކެންޑިޑޭޓެވެ.
ފުރަތަމަ ބުރުގެ ނަތީޖާ އައި ގޮތުން ދެވަނަ ބުރުގައި ވާދަކުރައްވާނީ ޖައިރް ބޮލްސޮނާރޯއާއި ފެނާންޑޯ ހައްދާދެވެ. ދެވަނަ ބުރުގެ ވޯޓުލުން އޮންނާނީ 28 އޮކްޓޯބަރުގައެވެ.
"ކުރިއަށް ދުވަސްކޮޅު ވާނީ ހައިޖާނު ބޮޑު ދުވަސްކޮޅަކަށް. ގައުމު ދާނީ އިތުރަށް ބައިބައިވެގެން." ޖޯން ހޮޕްކިންސް ޔުނިވަސިޓީގެ ލެޓިން އެމެރިކަން ސްޓަޑީޒްގެ ޑިރެކްޓަރ މޮނިކާ ޑިބޮލޭ ވިދާޅުވިއެވެ.
ބްރެޒިލްގެ މަސްރަހު ދިރާސާކުރާ ފަރާތްތަކުން ދެކޭ ގޮތުގައި ދެވަނަ ބުރުގައި ބޮލްސޮނާރޯގެ މައްޗަށް ކުރިހޯއްދެވުމަކީ ހައްދާދަށް ކުރެއްވޭނޭ ކަމެއް ނޫނެވެ.
'އެމެރިކާސް' މަޖައްލާގެ އެޑިޓަރ އިން ޗީފް ބްރާޔަން ވިންޓާ ވިދާޅުވި ގޮތުގައި މުޅި ބްރެޒިލްގައި ބޮލްސޮނާރޯއަށް އާދަޔާ ޚިލާފު ތާއީދަށް ބަލާއިރު، ހައްދާދަށް އޭނާގެ މައްޗަށް ކުރި ހޯއްދެވޭނެކަމަށް ނުބެލެވެއެވެ. "ފަރަގު ނައްތާލައި އައިސް އަރައި ހަމަކުރުމަކީ ހައްދާދަށް ކުރެއްވުން މުސްތަހީލު ކަމެެއް." އޭނާ ވިދާޅުވިއެވެ.