ރަޝިޔާ ރައީސު ވްލާޑިމީރް ޕުޓިން ދެ ދުވަހުގެ ރަސްމީ ދަތުރުފުޅެއްގައި އިއްޔެ އިންޑިޔާއަށް ވަޑައިގެންފިއެވެ. މި ދަތުރުފުޅުގައި އެެންމެ މުހިއްމު ކަމަކަށް ވާނީ ރަޝިޔާގެ އެސް-400 އެއާ ޑިފެންސް ސިސްޓަމް އިންޑިޔާއަށް ވިއްކުމަށް ގާތްގަނޑަކަށް 5 ބިލިއަން އެމެރިކާ ޑޮލަރުގެ އެއްބަސްވުމެއްގައި ރައީސު ޕުޓިންއާއި ބޮޑުވަޒީރު ނަރެންދްރަ މޯދީ ސޮއިކުރެއްވުމެވެ.
ޕުޓިންއާ މޯދީ މިއަދު ބައްދަލުކުރައްވައި ބާއްވަވާ ރަސްމީ ވާހަކަތަކަށް ފަހު އެތައް އެއްބަސްވުމެއްގައި ސޮއިކުރަން ހަމަޖެހިފައި ވެއެެވެ. އޭގެ ތެރެއިން އެންމެންގެ ނަޒަރު ހުއްޓިފައި ވަނީ ވައިގެ ދިފާއީ ނިޒާމު އެސް-400 އިންޑިޔާއަށް ވިއްކުމަށް ސޮއިކުރާ އެެއްބަސްވުމަށެވެ. މީގެ އިތުރަށް ނިއުކުލިޔާ ހަކަތައާއި، ޖައްވީ ހޯދުންތަކާއި، އިގްތިސާދީ ދާއިރާގެ އެއްބަސްވުންތަކުގައި ސޮއިކުރައްވާނެކަމަށް އިންޑިޔާގެ ނޫސްތައް ބުނެއެވެ.
"(ރައީސު ޕުޓިންގެ) ދަތުރުފުޅުގެ އެންމެ މުހިއްމު ކަމަކަށް ވާނީ އެސް-400 ޑިފެންސް ސިސްޓަމްތައް ފޯރުކޮށްދިނުމަށް ވެވޭ އެއްބަސްވުން." ރައީސު ޕުޓިންގެ ޚާރިޖީ ސިޔަސާބެހޭ އިސްވެރިޔާ ޔޫރީ ޔުޝަކޯވް ވިދާޅުވިއެވެ.
އަނެއްކޮޅުން އިންޑިޔާގެ ދިފާއީ ވަޒީރު ނިރްމަލާ ސީތާރާމަން ވިދާޅުވި ގޮތުގައި އެެއްބަސްވުން މިހާރު ވަނީ "ހުރިހާ ކަމެއް ނިންމާލެވޭ ހިސާބަށް" ގޮސްފައެވެ. އަދިވެސް އޭނާ ވިދާޅުވި ގޮތުގައި "ރަޝިޔާއިން ދިފާއީ އާލާތްތައް ގަތުމުގެ ތާރީޚެއް އަހަރުމެންގެ އެބައޮތެވެ."
އަނެއްކޮޅުން ރަޝީޔާއާއު މި އެއްބަސްވުމުގައި ސޮއިކުރާތީ އެމެރިކާ ވަނީ ރުޅިވެރިކަން ފާޅުކޮށްފައެވެ. އަދި އެއްބަސްވުމާއިގެން ކުރިއަށް ގޮސްފިނަމަ އިންޑިޔާއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅާނެކަމުގެ އިންޒާރު އެމެރިކާއިން އިއްޔެ ވަނީ ދީފައެވެ.
ރަޝިޔާއިން 5 ބިލިއަން ޑޮލަރުގެ ހަތިޔާރު ގަންނަން އުޅޭތީ އިންޑިޔާ ދެކެ އެމެރިކާ ރުޅިއައިއިރު، 2008 ވަނަ އަހަރުން ފެށިގެން އިންޑިޔާ ވަނީ އެމެރިކާއިން ހަތިޔާރު ގަތުމަށް 15 ބިލިއަން އެމެރިކާ ޑޮލަރު ޚަރަދުކޮށްފައެވެ. އެމެރިކާއިން އިންޑިޔާ ގަތް ހަތިޔާރުގެ ތެރޭގައި ސީ-130ޖޭ އަދި ސީ-17 ޓްރާންސްޕޯޓް މަތިންދާބޯޓާއި، ޕީ-81 ކަނޑުމަތި ޕެޓްރޯލްކުރާ މަތިންދާބޯޓާއި، ހާޕޫން މިސައިލާއި، އަޕާޗޭ އަދި ޗިނޫކް ހެލިކޮޕްޓަރު ހިމެނެއެެވެ.
ރަޝިޔާއިން ހަތިޔާރު ގަންނަ މައްސަލައިގައި އެމެރިކާ ރުޅިއައިސްފައިވާ އިރު، އެމެރިކާ ރުޅިއަންނާނެ އިތުރުކަމެއްވެސް ކުރުމަށް އިންޑިޔާ ދަނީ ތައްޔާރުވަމުންނެވެ. އެއީ އީޔޫ، ރަޝިޔާ، އިނގިރޭސިވިލާތް، ފްރާންސް، ޖަރުމަނު އަދި ޗައިނާ ފަދައިން އީރާނާއެކު ވިޔަފާރި ކުރިއަށް ގެންދިއުމެވެ.