އެމެރިކާގެ އަސްކަރީ އެހީއާއި ނުލައި ސައޫދީ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒަަށް ދެ ހަފުތާއަށްވެސް ވެރިކަމުގައި ދެމި ނުހުންނެވޭނެ ކަމުގައި އެމެރިކާގެ ރައީސު ޑޮނާލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ. އަދި އޭނާ ވަނީ ދިފާއީ ކަންކަމަށް ސައޫދީން ކުރާ ޚަރަދު އިތުރުކުރުމަށް ގަޮވައިލައްވާފައެވެ.
"ސައޫދީ އަރަބިއްޔާ ހިމާޔަތްކުރަނީ އަހަރުމެންް. ކަލޭމެން ބުނާނީ އެމީހުންނަކީ މުއްސަނދި ބައެކޭތަ؟ ރަސްގެފާނު.. ސަލްމާން ރަސްގެފާނު ދެކެ އަހަރެން ލޯބިވޭ. އެހެންނަމަވެސް އަހަރެން ދެންނެވިން 'ރަސްގެފާނޭ މަނިކުފާނު ހިމާޔަތްކުރަނީ އަހަރުމެންނޭ. އަހަރުމެންނާ ނުލައި ތިތާނގައި މަނިކުފާނަށް ދެ ހަފުތާއަށްވެސް ނުހުންނެވޭނެއޭ. މަނިކުފާނުގެ އަސްކަރީ ޚަރަދުތަކަށް މަނިކުފާނު އަގުދައްކަވަން ޖެހިވަޑައިގަންނަވާނެއޭ." މިސިސިޕީގެ ސައުތަވާން ގައި އޮތް ކެމްޕޭން ޖަލްސާއެއްގައި ވާހަަކަފުުޅުދައްކަވަަމުން އޭނާ ވިދާޅުވިއެވެ.
ސައޫދީ ރަސްގެފާނު އަރިހުގައި އެވާހަކަތައް ދެއްކެވީ ކޮން އިރަކުކަން ޓްރަމްޕް ހާމަނުކުރައްވައެވެ. އެހެންނަމަވެސް، ރައީސު ޓްރަމްޕްގެ މި ވާހަކަފުޅުތައް އައިސްފައި މިވަނީ އެމެރިިކާގައި ތެލުގެ އަގު އުފުލެމުންދާ ވަގުތެއްގައިކަން ފާހަގަކޮށްލަން ޖެހެއެވެ.
ދިފާއީ ޚަރަދު އިތުރުކުރުމަށް ނޭޓޯ އާއި ޖަޕާނާއި، ސައޫދީ އަރަބިއްޔާ ފަދަ އެކުވެރިންނަށްވެސް މީގެ ކުރިން ރައީސު ޓްރަމްޕް ގޮވާލައްވާފައި ވެއެވެ.
ޑޮނާލްޑް ޓްރަމްޕް ރައީސުކަމާ ހަވާލުވެވަޑައިގަތުމަށް ފަހު ބޭރު ގައުމަކަށް ކުރެއްވި ފުރަތަމަ ރަސްމީ ދަތުރުފުޅު ކުރައްވާފައި ވަނީ ސައޫދީ އަރަބިއްޔާއަށެވެ. އެ ދަތުރުފުޅުގައި ސައޫދީ ރަސްގެފާނާ ރައީސު ޓްރަމްޕް 110 ބިލިއަން އެމެރިކާ ޑޮލަރުގެ އަސްކަރީ އެއްބަސްވުމުގައި ސޮއިކުރެއްވިއެވެ. އޭރު ޚާރިޖީ ވަޒީރު ރެކްސް ޓިލާސަން ވިދާޅުވީ އެ އެއްބަސްވުމަކީ ދެގައުމުގެ ދެމެދުގައި ކުރެވޭ 10 އަހަރަށް ދެމިގެންދާ 350 ބިލިއަން ޑޮލަރުގެ އަސްކަރީ އަދި އިގްތިސާދީ އެއްބަސްވުންތަކުގެ ބައެެއް ކަމުގައެވެ.
ސައޫދީ އަރަބިއްޔާ އިސްވެ އޮވެ ޔަަމަނުގައި ކުރަމުންދާ ހަނގުރާމަ އިންސާނީ ކާރިސާއަކަށް ބަދަލުވަމުން ދިއުމުގެ ސަބަބުން ދުނިޔޭގެ ގައުމުތަކުގެ ފާޑުކިއުން އެކަމަށް އަމާޒުވެފައި ވާއިރުވެސް ޓްރަމްޕްގެ ސަރުކާރުން ދަނީ އެ ހަނގުރާމައިގައި ސައޫދީ އަރަބިއްޔާއަށް ތާެއީދުކުރަމުންނެވެ.
ސައޫދީ ރަސްގެފާނު ސަލްމާނުގެ ތިން އަހަރުވީ ވެރިކަމުގައި އީރާނާ ގުޅުން ކަނޑާލުމާ، ޔަމަނުގެ ހަނގުރާމައާއި، ސައޫދީ މަހުޖަނުންގެ އެތައް ބަޔަކު ހައްޔަރުުކުރުން ފަދަ އެތައް ކަމެއް ވަނީ ހިނގާފައެވެ. މިހުރިހާ ކަމެއް ކުރައްވަނީ ޒުވާން އަދި ބާރުގަދަ ވަލީއަހުދު މުޙައްމަދު ބިން ސަލްމާންކަން އެންމެން ދަނެއެވެ.