މިންވަރު ދޯނިން ކަނޑަށް ވެއްޓުނު އަލީ ފައުޒާން ކަނޑުމަތިން ފެނިއްޖެ

އއ. ސަފާރީ އައިލެންޑް ރިސޯޓު (މުށިމަސްގަލި) އިން މާލެ ދަތުރު ކުރަމުންދިޔަ "މިންވަރު" ދޯނިން ކަނޑަށް ވެއްޓުނު އޭގެ ކެޕްޓަން ށ. ބިލެތްފަހި، ކްރެސްޓް، އަލީ ފައުޒާން ފެނިއްޖެ ކަމަށް އެމްއެންޑީއެފުން ވިދާޅުވެއްޖެއެވެ.

އެމްއެންޑީއެފްގެ ތަރުޖަމާނު ކެޕްޓަން އިބްރާހީމް އާޒިމް ވިދާޅުވީ ފައުޒާން ފެނިގެން އެމްއެންޑީއެފަށް ރިޕޯޓްކޮށްފައި ވަނީ މިއަދު 14:25 އެހައިކަންހާއިރުއެވެ. އެމީހާ ފެނިފައި ވަނީ އިތާފުށީ ހުޅަނގުފަރާތު ފަރު ކައިރިން ދަތުރުކުރި "ސީ ވިއު ސްޕީޑް 2" ނަމަކަށް ކިޔާ އިތާފުށީގެ ލޯންޗަކަށެވެ. އޭނާ ފެނުނީ މިއަދު މެންދުރު 13:25 އެހައިކަންހާއިރު އެވެ. އޭނާ ފެނުނުއިރު ހާލު ރަނގަޅު ކަމަށް ވެސް އެމްއެންޑީއެފުން ވިދާޅުވިއެވެ. އެލޯންޗްގައި އެމީހާ ވަނީ މާލެ ގެނެސް މިއަދު 14:40 އެހައިކަންހާއިރު އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސްފައި ކަމަށްވެސް އެމްއެންޑީއެފުން ވިދާޅުވިއެވެ.

ފައުޒާން ކަނޑަށް ވެއްޓިފައިވަނީ އިއްޔެ 18:30 އެހައިކަންހާއިރުއެވެ. އެމައުލޫމާތު އެމްއެންޑީއެފަށް ލިބިފައިވަނީ ރޭ 21:28 އެހައިކަންހާއިރު އެވެ. އެހިސާބުން އޭނާ ހޯދުމުގެ މަސައްކަތް އެމްއެންޑީފުން ފެށިއެވެ. އަދި މިއަދުވަނީ ވައިގެ މަގުންވެސް އެނާ ހޯދުމުގެ މަސައްކަތް ކޮށްފައެވެ.

ފައުޒާންއާއެކު އެ ދޯނިން 3 މީހަކު ދަތުރުކުރި އެވެ. ފައުޒާންގެ އިތުރަށް ދެންތިބީ ދެ ބިދޭސީންނެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.