އުތުރު ކޮރެޔާގެ ނިއުކުލިއާ ޕްރޮގްރާމް ހުއްޓާލާތޯ ދެކުނު ކޮރެޔާއިން ބޮޑެތި އިންވެސްޓްމަންޓުތައް ހުށަހަޅަނީ

ޕިޔޮންގްޔަންގުގެ ސުނާން އިންޓަނޭޝަނަލް އެއާޕޯޓުގައި އުތުރު ކޮރެޔާގެ ޒައީމު ކިން ޖޮންގ-އުންގެ ދެކަނބަލުން ދެކުނު ކޮރެޔާގެ ރައީސު މޫން ޖައެ-އިންގެ ދެކަނބަލުންނަށް މަރުހަބާ ވިދާޅުވަނީ

ދެކުނު ކޮރެޔާގެ ރައީސު މޫން ޖައެ-އިން މިއަދު އުތުރުކޮރެޔާގެ ޒައީމުން ކިމް ޖޮންގ-އުން އާ ބައްދަލުކުރެއްވުމަށް ޕިޔޮންގޔަންގަށް ވަޑައިގަތީ ދެކުނު ކޮރެޔާގެ ބިޔަ ކުންފުނިތަކުން އިސްވެރިންނާއެކުގައެވެ. ބޭނުމަކީ އެކުންފުނިތަކުން އުތުރުގައިން އިންވެސްޓުކުރަން ހުށަހަޅައިގެން އުތުރުގެ ނިއުކުލިޔާ ޕްރޮގްރާމް މުޅިން ހުއްޓާލަން އެއްބަސްކުރުވުމެވެ.

ރައީސު މޫންއާއެކު ޕިޔޮންގޔަންގަށް ވަޑައިގަތް ބޭފުޅުންގެ ތެރޭގައި ސެމްސަންގް ކުންފުނީގެ ވެރިޔާ ލީ ޖައެ-ޔޮންގ، އެކްކޭ ގްރޫޕްގެ ޗެއާމަން ޗޭ ޓައެ-ވޮން، ހުޔުންޑާއި ގްރޫޕްގެ ޗެއާވުމަން ހުޔުންގ ޖެއޮންގ-އެއުން، ހުޔުންޑާއި މޯޓަރ ގްރޫޕުގެ ވައިސް ޗެއާމަން ކިމް ޔޮންގ ހުވާން އަދި ޕޮސްކޯ ޗޮއި ޖެއޮންގ-ވޫ ހިމެނިވަޑައިގަންނަވައެވެ.

"އަހަރެންނަށް ހީވާގޮތުގައި ދެކޮނު ކޮރެޔާގެ މަހުޖަނު އާއިލާތަކުގެ މާލީ އެހީތެރިކަމަށް އުތުރު ކޮރެޔާއިން ޝައުގުވެރިވޭ." ކޮރެޔަން ޔުނިވަސިޓީގެ ލެކްޗަރާ އަދި އިކޮނޮމިސްޓް ކިމް ޖިން-ޔަންގ ވިދާޅުވިއެވެ. "މާޒީގައިވެސް ކަން ހިނގިގޮތަށް. އޭރު ހުޔުންޑާއީ (އަސާން ޕްރޮޖެކްޓްސް) އިން ވަނީ ހޮޓެލްތައް ބިނާކޮށް، މަގު ހަދައި، އުތުރުކޮރެޔާގެ ވަތުއޮނިގަނޑު ތަރައްގީކުރުމަށް ގިނަ އަދަދެއްގެ ފައިސާ ޚަރަދުކޮށްފައި."

2000 ވަނަ އަހަރު، އޭރު ދެކުނު ކޮރެޔާގެ ރައީސު ރޯ މޫން-ހުޔުން އާއި އުތުރު ކޮރެޔާގެ ޒައީމު ކިމް ޖޮންގ-އިލްއާ ދެމެދު ވެވުނު އެއްބަސްވުމެއްގެ ދަށުން އުތުރުގައި މައުންޓް ކުމްގަންގް ޓުއަރިސްޓް ރީޖަނާއި، ކައެސުންގް އިންޑަސްޓްރިއަލް ޕާކް ތަރައްގީ ކުރުމަށް އެންމެ ފާހަގަކޮށްލެވޭ އިންވެސްޓެއް ކުރީ ހުޔުންޑާއީންނެވެ.

"ޚާއްސަކޮށް އުތުރު ކޮރެޔާއިން ބޭނުންވީ ދެގައުމުގެ އެންމެ މަތީ ވެރިންގެ ބައްދަލުވުމުގައި ދެކުނުގެ މަހުޖަނު އާއިލާތައް ބައިވެރިކުރަން ........ އެހެނަސް، އެ ޗެއާޕާސަނުންނާ އިގްތިސާދީ މަޝްވަރާކުރާނެ އެފަދަ ބައިވެރިންނެއް އުތުރުގައި ތިބިހެން އަހަންނަކަށް ހީނުވޭ." ލެކްޗަރާ ކިމް ޖިން-ޔަންގ ވިދާޅުވިއެވެ.

"ދެކުނު ކޮރެޔާއިން އެބައިމީހުންގެ މުއްސަނދިކަމާއި، ސިނާއީ ތަޖުރިބާ، އުތުރުގެ އިންސާނީ އަދި ގުދުރަތީ ވަސީލަތްތަކާ އެއްކޮށްލައިފިއްޔާ، ދިގު މުއްދަތެއްގައި ދެގައުމުގެ އިގުތިސާދު ހަތަރު ގުނައަށް ތަރައްގީވެދާނެ." ސަމްސުންގް ސެކިއުރިޓީސް އިން ޖޫން މަހު ނެރުނު ދިރާސާ ރިޕޯޓެއްގައި ވެއެވެ.

ތަޖުރިބާކާރުން ދެކޭގޮތުގައި މަހުޖަނު އާއިލާތަކުގެ އިސް ބޭފުޅުން އުތުރު ކޮރެޔާއަށް ގެންދެވުމަކީ ރައީސު މޫން އެޅުއްވި ވިސްނުންތެރި ފިޔަވަޅެކެވެ. އެކަމުގެ ސަބަބުން އުތުރުގައި އޭނާގެ ހައިބަތު އިތުރުވެގެންދާނެއެވެ.

ރައީސު މޫން ވަނީ ތިން ދުވަހުގެ ރަސްމީ ދަތުރުފުޅެއްގައި މިއަދު އުތުރު ކޮރެޔާއަށް ވަޑައިގެންފައެވެ. ޕިޔޮންގްޔަންގުގެ ސުނާން އިންޓަނޭޝަނަލް އެއާޕޯޓުން ރައީސު މޫން ޖައެ-އިންއަށް މަރުހަބާ ވިދާޅުވީ ޒައީމު ކިން ޖޮންގ-އުން އެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.