ގިނަ އަދަދެއްގެ ގައިދީން ބައިތިއްބާފައި ތިބި މާފުށީ ޖަލު މިއަދު ކުއްލި ޙާލަތަށް ގެނެސްފިއެވެ.
މިއަދު ހެނދުނުން ފެށިގެން މާފުށީ ޖަލު ކުއްލި ޙާލަތަށް ގެނެސްފައިވާކަން މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ މީޑިޔާ އޮފިޝަލް ވަނީ މީޑިޔާ ތަކަށް ކަށަވަރުކޮށް ދެއްވާފައެވެ. ނަމަވެސް ޖަލު މިއަދު ކުއްލި ޙާލަތަށް ގެންނަން ޖެހުނު ސަބަބެއް އަދި އެފަރާތުން ހާމަ ނުކުރެއެވެ.
ޖަލު ބަލަހައްޓަމުންދާ މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ބުނެފައި ވަނީ މާފުށީ ޖަލު ކުއްލި ޙާލަތަށް ގެންނަންޖެހުނު ސަބަބު އެފަރާތުން ބާއްވާ ނޫސްވެރިންގެ ބައްދަލުވުމެއްގައި ހާމަކޮށް މީޑިޔާ ތަކަށް އޭގެ ތަފްސީލު ވަރަށް އަވަހަށް ދޭނެކަމަށެވެ.
މާފުށީ ޖަލު ކުއްލި ޙާލަތަށް ގެނައިއިރު ކުރިޔަށް އޮތް ރިޔާސީ އިންތިޚާބާއި ގުޅިގެން ސަލާމަތީ ކަންކަން ވަރުގަދަ ކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.