ޖަޕާނުގެ ބޮޑުވަޒީރު ބޭނުންފުޅުވަނީ އައު ގާނޫނު އަސާސީއެއް

ޖަޕާނުގެ ބޮޑުވަޒީރު ޝިންޒޯ އާބޭ

ޖަޕާނުގެ ބޮޑުވަޒީރު ޝިންޒޯ އާބޭ ތިންވަނަ ދައުރަކަށް ކުރިމަތިލައްވާއިރު، ތިންވަނަ ދައުުރުގައި އޭނާގެ އެންމެ ބޮޑު އަމާޒަކީ ހަނގުރާމައިން ބަލިވެ، ހަނގާމައިން މޮޅުވި ފަރާތްތަކައް ބޭނުންވި ގޮތަށް ލިޔުނު ޖަޕާނުގެ ގާނޫނު  އަސާސީ ބަދަލުކުުރެއްވުމެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި އާބޭ ވަރަށް ކުރިއްސުރެ ކުރައްވަމުން އައި އުއްމީދު ގާނޫނު އަސާސީ ބަދަލުކުރުމަށް ވެރިކަންކުރާ ލިބަރަލް ޑިމޮކްރެޓިކް ޕާޓީ (އެލްޑީޕީގެ) %70 ޕާލަމެންޓް މެންބަރުންގެ ތާއީދުކުރައްވައެވެ. އެހެންކަމުން ތިންވަނަ ދައުރަކަށް ހޮވިވަޑައިގެންފިނަމަ، އެކަމަށް އޭނާއަށް ތިން އަހަރު ލިބިވަޑައިގަންނަވާނެއެވެ. އެހެންނަމަވެސް، އިގްތިސާދާއި، އެހެން އިތުރު މައްސަލަތައް ވެސް އޭނާގެ ކުރިފުޅުމަތީގައި އެބައޮތެވެ.

ވެރިކަންކުރާ އެލްޑީޕީގެ ލީޑަރު ހޮވުމަށް މި މަހުގެ 20 ވަަނަ ދުވަހު ލާ ވޯޓު އާބޭ ކާމިޔާބުކުރައްވައިފިނަމަ އޭނާއަށް ބޮޑު ވަޒީރުކަމުގައި ތިންވަނަ ދައުރަކަށް ހުންނެވޭނެއެވެ. ޚަބަރުތައް ބުނާ ގޮތުގައި ޕާޓީތެރޭގައި އޭނާއަށް ވަރަށް ބޮޑު ތާއިދެއް އެބައޮތެވެ.

"ގާނޫނު އަސާސީ މުރާޖައާކުރުމުގެ ލަނޑުދަނޑި ހާސިލުކުރަން އަހަރެން މަސައްކަތްކުރާނަން. އެއީ (ދެވަނަ ބޮޑު) ހަނގުރާމަ ނިމުމަށް ފަހު ހާސިލުނުކުރެވިވާ ގޮންޖެހުމެއް. އޭގެ ބޭނުމަކީ މުޅިން އާ ދައުރެއް ހުޅުވާލުން." ޕާޓީގެ ލީޑަރުކަމަށް އާބޭއާ ވާދަކުރައްވާ ހަމައެކަނި ކެންޑިޑޭޓް ދިފާއީ ވަޒީރު ޝިގެރޫ އިޝިބާއާއެކު ބޭއްވި ބަހުސެއްގައި ވާހަަކަފުޅުން ދައްކަވަމުން އާބޭ ވިދާޅުވިއެވެ.

2012 ވަނަ އަހަރުގެ ޑިސެންބަރުމަހުން ފެށިގެން ބޮޑުވަޒީރުކަން ކުރައްވާ އުމުރުފުޅުން 63 އަހަރުގެ ޝިންޒޯ އާބޭ ތިންވަނަ ދައުރަކަށް ހޮވިވަޑައިގެންފިނަމަ، ޖަޕާނުގެ ތާރީޚުގައި އެންމެ ދިގު މުއްދަތަކަށް ބޮޑުވަޒީރުކަން ކުރެއްވި ބޭފުޅަކަށް އޭނާ ވެވަަޑައިގަންނަވާނެއެވެ.

އެމެރިކާއިން ލިޔުނު ގޮތަށް 1947 ވަނަ އަހަރު ފާސްކުރި ގާނޫނު އަސާސީ މިޒަމާނުގެ ޖަޕާނާ ގުޅޭގޮތަށް ބަދަލުކުރުމަކީ އަބަދުވެސް އެލްޑީޕީގެ އިސްވެރިންގެ އުއްމީދެކެވެ. އެހެންނަމަވެސް، އެ ޕާޓީގެ ފަރާތުން ބޮޑުވަޒީރުކަން ކުރެއްވި އެއްވެސް ބޭފުޅަކަށް އެކަން ހާސިލުކުރެއްވިފައި ނުވެއެވެ. އެބޭފުޅުންގެ ތެރޭގައި އޭނާގެ ކާފާފުޅު އަދި ކުރީގެ ބޮޑުވަޒީރު ނަބުސުކޭ ކިޝީވެސް ހިމެނިވަޑައިގަންނައެވެ. އޭނާ ދެކެވަޑައިގެންނެވި ގޮތުގައި މިހާރުގެ ގާނޫނު އަސާސީއަކީ 1947 ގައި ހަނގުރާމައިން ބަލިވުމަށް ފަހު ޖަޕާނު ނިކަމަތިކޮށްލި ގާނޫނު އަސާސީއެކެވެ.

ފާއިތުވި ހަފުތާގައި އާބޭ ވިދާޅުވެފައި ވަނީ އޭނާގެ ޕާޓީން އަންނަ އަހަރުގެ ތެރޭގައި އައު ގާނޫނު އަސާސީއެއްގެ ދެލިކޮޕީއެެއް ގާނޫނުހަދާ މަޖިލީހަށް ހުށަހަޅާނެކަމަށް އުއްމީދުކުރައްވާ ކަމުގައެވެ. ގާނޫނު ހަދާ މަޖިލީހުގެ ދެ ގޭގައިވެސް އާބޭގެ ޕާޓީއަށް ތިންބައިކުޅަ ދެބައި އަޣުލަބިއްޔަތު އޮވެއެެވެ.   

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.