ސަރުކާރުން ހިތަދޫގައި ހިންގެވި ބައެއް މަޝްރޫއުތައް އިފްތިތާހު ކުރުމަށް އައްޑޫ ސިޓީ ހިތަދޫގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ދެވަނަ ދައުރަކަށް ހޮވި ވަޑައިގެންފިނަމަ ދަައުރުގެތެރޭގައި މަންހަޖުގެ ތެރެއިން އަައިސީޓީ މަޖްބޫރު ކުރައްވާނެ ރައީސް ޔާމީން ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވިއިރު މިހާރު ސްކޫލުތަކުގައި ތަންފީޒު ކުރަމުންދާ ގައުމީ މަންހަޖުގައި ތެރެއަށް ވަނީ އައިސީޓީ ވައްދާފައެވެ. ރޭގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ މިހާރު އޮތް މަންހަޖަކީ ހަމައެކަނި ފޮތުން ކިޔަވާ މަންހަޖެއް ނުވަތަ ހަމައެކަނި ފަރސްޓް ޑިގްރީ އާ ހަމައަށް ދާ މަންހަޖެއް އެކަނި ނޫން ކަމަށެވެ. އެއީ ކުއްޖާ ދޫކޮށްލީމާ ބްލޫ ކޮލަރ ވާރކަރަކަށްވެސް ވާ ވަރުގެ މަންހަޖެއް ކަމުގައެވެ. ސްކޫލް ނިމޭ ކުދީންނަކީ "ހަމައެކަނި މޭޒު ކައިރީ އިނދެގެން ގަލަން ކޮއްޕާ މީހަކަށް ނުވަތަ ކަރުދާސް ކޮއްޕާ މީހަކަށް ވުމެއް ނޫން" ކަމަށެވެ. އެއަށްވުރެ ބޮޑަށް ރާއްޖެއަށް ބޭނުންވާ ދާއިރާތައް އެބަހުރިކަން ފާހަގަކުރައްވަމުން ރާއިސް ވިދާޅުވީ "އަޅުގަނޑުމެންގެ މަންހަޖަކީ ވަށާޖެހޭ މަންހަޖެއް" ކަމުގައެވެ.
"ތަރައްގީކުރާ ސަނާއަތްތަކާ އަޅުގަނޑުމެން މި ވަޒީފާ ހޯދައިދިނުމަށް ހޯދައިދޭ ފުރުސަތުތަކުގައި، މި ވަޒީފާ ތަކުގެ މިލްކުވެރީންގެ ގޮތުގައި، ނަފާ ލިބޭ މީހުންގެ ގޮތުގައި، ދިވެހި ދަރީން ނެރެން ބޭނުންފުޅުވާ ކަން ފާހަގަކުރެއްވައި ރައީސް ވިދާޅުވީ އެމަނިކުފާނު ދައްކަވަނީ އައިސީޓީގެ ވާހަކަ ކަމަށެވެ.
"އަޅުގަނޑު އޭގެ ބައެއް ތަފްްސީލު ދީފިން. އެހެންވީމާ އަޅުގަނޑު އެބަ ޚިޔާލަށް އާދޭ އަޅުގަނޑުމެންގެ ގައުމީ މަންހަޖުގެ ތެރެއަށް އިރާދަކުރެއްވިއްޔާ މިއަންނަ ދައުރުގެ ތެރޭގައި އައިސީޓީ މަޖްބޫރު ކުރާނަން." ރައީސް ވިދާޅުވިއެވެ.
އޭގެ ތަފްްސީލަށް ދަމުން ރައީސް ވިދާޅުވީ އައިސީޓީ އާ ނުލާ ދެން ދުނިޔޭގެ ތަހްޒީބުވެފަ ހުރި ގައުމުތަކުގެ ކުރާ މަސައްކަތް ނުކުރެވޭނެކަމަށެވެ. ދެން ބްރީޑް ކުރަންވީ (އުފައްދަންވީ) އެޕްސް ޑެވެލޮޕް ކުރާނެ ކުދީން ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އައިސީޓީ "މަންހަޖްގެ ތެރެއަށް ލާން (މި)ޖެހޭ ސަބަބަކީ އެއީ" ކަމަށްވެސް ރަައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ހަމައެކަނި މާއްދާތަކެއް ކިޔަވައިގެން ފުއްދާލެވެން ނެތް ކަމަށެވެ.
"އަޅުގަނޑުމެންނަށް އެނގޭ އަޅުގަނޑުމެންނަށް ދެން ސްޕޭސް ސައިންޓިސްޓުން ނުވެސް ހޯދޭނެ ކަން. ހޯދާކަށް ބޭނުމެއްވެސް ނޫން. އެކަމް އޭގެ ބަދަލުގައި އިގްތިސާދީ މީހުންނާ އިގްތިސާދީ ތައުލީމުގެ މީހުންނާ ލޯޔަރުންނާ އަދި އައިސީޓީން ފެމިލިއަރވާ ނޫނީ އައިސީޓީއަށް ކުޅަދާނަ ކުދީން ނެރުމަކީ އަޅުގަނޑުމެން ކުރަން ޖެހޭ ކަމެއް. އެހެންވީމަ އަޅުގަނޑު ޚިޔާލަށް އަންނަނީ އައްޑޫ ސިޓީގަ ހުރެގެން މިވާހަކަ ދައްކާ އިރު، މީގެ ތަފްސީލަކަށް އަޅުގަނޑު މިދެންނެވީ އައިސީޓީ ޕާކް ހެދުމެއް އެކަންޏެއް ނޫން. ގައުމީ މަންހަޖުގެ ތެރެއަށް އައިސީޓީ އެބަ ވަންނަން އެބަ ޖެހޭ." ރައީސް ވިދާޅުވިއެވެ.
ރައީސް މިހެން ވިދާޅުވިއިރު ރާއްޖޭގެ ސްކޫލްތަކުގައި މިހާރު ތަންފީޒު ކުރަމުން އަންނަ މަންހަޖުގެ 'ކަރިކިއުލަމް ފްރޭމްވަރކް'ގައި އައިސީޓީ ވަނީ ހިމަނާފައެވެ. ނެޝެނަލް އިނސްޓިޓިއުޓް އޮފް އެޑިއުކޭޝަންގެ ވެބްސައިޓުގައި އާއްމުކޮށްފައިވާ ދިވެހިރާއްޖޭގެ ގައުމީ މަންހަޖްގެ 7ވަަނަ ޞަފްޙާގައި ހިމަނާފައިވާ "މެޕް އޮފް ދަ ކަރިކިއުލަމް' ގައި މާއްދާއެއްގެ ގޮތުގައި އައިސީޓީ ވަނީ ހިމަނާފައެވެ.
އަދި އުނގެނުމާއި އުނގަންނައިދިނުމުގެ ތަރުތީބުގެ (ޞ. 54) ތަފްސީލަށް ބަލާއިރު ކީ ސްޓޭޖް 1 އިން ފެށިގެން ކީ ސްޓޭޖް 3 (ގްރޭޑް 1-8) އާ ހަމައަށް އައިސީޓީ ހިމަނާފައިވަނީ 'މަޖްބޫރު' މާއްދާ އެއްގެ ގޮތުގައެވެ. ކީ ސްޓޭޖް 4 (ގްރޭޑް 9-10) ގައި ހިމަނާގައިވަނީ އިޚްތިޔާރީ (އިލެކްޓިވް) މާއްދާއެއްގެ ގޮތުގައެވެ.
ކަރިކިއުލަމްގައި އައިސީޓީ ހިމަނާފައިވީ ނަމަވެސް މާއްދާތަކަށް ވަގުތު ކަނޑައަޅާފައިވާ ވަގުތު ތާވަލަށް (ޞ. 55-56) ބަލާއިރު އެހެން މާއްދާތަކަށް ކަނޑައަޅާފައިވާ ގޮތަށް އައިސީޓީ އަށް ވަކީން ވަގުތު ކަނޑައަޅާފައެއް ނުވެއެވެ. ނަމަވެސް އައިސީޓީ އުނގަންނައިދޭނީ އެހެން މާއްދާތަކާއި އިންޓަގްރޭޓް ކޮށްގެން ކަމަށް ނެޝެނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަންގެ ވެބްސައިޓުގައި އާއްމުކޮށްފައިވާ ގައުމީ މަންހަޖުގައި ވެއެވެ. އެހެން މާއްދާ ތަކުގެ ތެރެއިން މިހާރުވެސް ސްކޫލުތަކުގައި އައިސީޓީ އުނގަންނައި ދެއެވެ.
މަންހަޖުގައި އައިސީޓީ ހިމަނާފައިވާ އިރު، މަންހަޖުގެ ތެރެއަށް އައިސީޓީ ވަންނާން ޖެހޭ ކަމަށް ރައިސް ވިދާޅުވީ ކޮން މާނައެއްގައި ކަމެއް ސާފެއް ނުވެއެވެ. އެމަނިކުފާނު ވިދާޅުވީ ވަކީން ވަގުތު ކަނޑައަޅައިގެން އައިސީޓީ އުނގަންނައިދޭ ވާހަކައަށްވެސް ވެދާނެއެވެ، ނޫންނަމަ މަންހަޖްގައި އައިސީޓީ ހިމަނާފައިވާކަން އެމަނިކުފަނަށް އެނގިވަޑައިނުގަންނަވަނީ ކަމަށްވެސް ވެދާނެއެވެ. ނަމަވެސް އެޕްސް ޑިވެލޮޕްކުރާ ޖެނެރޭޝަނެއް ދިވެހިން ބޭނުންވާ ކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ އެޕްސް ޑިވެލޮޕް ކުރާ ކުދީންނަކީ ދިވެހިރާއްޖެއިން އުފެދޭ ތޫނިފިލި ކުދީންނަށްވަން ޖެހޭ ކަމަށެވެ. އެފަދަ ކުދީންނަކީ ހަމައެކަނި ސިލިކަން ވެލީގެ ހައްގެއް ނޫންނަކަމަށާއި ދިވެހީންނަށްވެސް އެކަން ކުރެވޭނެ ކަމަަށް ރައިސް ވިދާޅުވިއެވެ. އަދި އެ އުއްމީދާ އެކު ތިބި ޒުވާނުން އެމަނިކުފާނާ އެކީ ނުތިބެންވީ ކީއްވެތޯ ރައީސް ސުވާލުކުރެއްވިއެެވެ.
ނިމިފައި ހުރި ޕްރޮޖެކްޓްތަކުގެ ވާހަކަ އާއި ތަންފީޒުކުރެވެމުންދާ ނުވަތަ ކުރަމުންދާ ކަންކަމުގެ ވައުދު ވެވަޑައިގަންނަވަމުންދާ ކަމަށް ވިދާޅުވެ ރިޔާސީ ރޭހުގައި ވާދަ ކުރައްވާ ދެ ކެންޑިޑޭޓުންނަށްވެސް އިނގިލި ދިއްކުރެވެއެވެ، އެހެންކަމުން ކެންޑިޑޭޓުންނަށް ހޯމްވަރކް ހައްދަވައިދެއްވާ ބޭފުޅުން މިހާރަށްވުރެ ބޮަޑަށް ސަމާލުވެ ރަނގަޅަށް ދިރާސާ ކުރައްވަން ޖެހެއެވެ.
ގައުމީ މަންހަޖްެ އޮނިގަނޑު: