އެމެރިކާއާއި ޕާކިސްތާނުގެ ގުޅުން ވަނީ ހުއްޓުމަކަށް އައިސްފައި ކަމުގައި ޕާކިސްތާނުގެ ޚާރިޖީ ވަޒީރު ޝާހު މަހްމޫދު ޤުރައިޝީ ވިދާޅުވެއްޖެއެެވެ.
ވެރިރަށް އިސްލާމްއާބާދުގައި ނޫސްވެރިންނާ ވާހަކަފުޅުދައްކަވަމުން އޭނާ ވިދާޅުވީ އެމެރިކާއިން ޕާކިސްތާނަށް ދޭންޖެހޭ 300 މިލިއަން ޑޮލަރު ނުދީ ހިފެހެއްޓުމުގެ ސަބަބުން ދެ ގައުމުގެ ގުޅުން މިވަތުގު ހުއްޓުމަކަށް އައިސްފައިވާ ކަމުގައެވެ.
އޭނާ ވިދާޅުވީ، އެމެރިކާއިން ޕާކިސްތާނަށްދޭ 300 މިލިއަން ޑޮލަރުގެ އެހީ ކަނޑާލައިފި ކަމަށް ދެކެވޭ ވާހަަކަތަކަކީ ހަގީތައް އޮޅުވާލުން ކަމުގައެވެ. އެއީ އެމެރިކާއިން ޕާކިސްތާނަށް ދަރާފައިވާ އެއްޗެއްކަމުގައި އޭނާ ތަކުރާރުކޮށް ވިދާޅުވިއެވެ.
"އެއީ އެހީ ކަނޑާލުމެއް ނޫން. އެއީ އެހީގެ ގޮތުގައި ދޭ އެއްޗެއް ނޫން. އެއީ އަހަރުމެންގެ އަމިއްލަ ފައިސާ. ސަރަހައްދުގެ ސަލާމަތީ ކަންކަން ރަނގަޅުކުރުމަށް އަހަރުން އަތުން އަހަރުމެން ވަނި އެ ފައިސާ. އެމީހުން އަހަރުމެންނަށް އެ އަދާކުރަންޖެހޭ." އެމެރިކާއިން އެހީގެގޮތުގައި ދޭން ނިންމި 300 މިލިއަން ޑޮލަރު ކަމަށް ބުނާ ފައިސާއާ ގުޅޭ ގޮތުން ޤުރައިޝީ ވިދާޅުވިއެވެ.
އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް (ޚާރިޖީ ވަޒީރު) މައިކް ޕޮމްޕެއޯ އިސް ވަފުދަކާ އެކު ޕާކިސްތާނަށް ޒިޔާރަތްކުރެއްވުމަށް ހަމަޖެހިފައިވާ ދަނޑިވަޅެއްގައި އެފަދަ ފިޔަވަޅެއް އެޅުމަކީ "އުނދަގޫ ކުރުން" ކަމުގައި އޭނާ ވަނީ ސިފަކުރައްވާފައެވެ.
ދާދިފަހުން ވެރިކަމާ ހަވާލުވެވަޑައިގެންނެވި ބޮޑުވަޒީރު އިމްރާން ޚާން ވަނީ އެމެރިކާގެ ފިއްތުންތަކަށް ޕާކިސްތާނު ބޯނުލަނބާނެ ކަމަށް ވިދާޅުވެފައެވެ. އޭނާ ވަނީ އިރާނާ އެެމެރިކާއާ ދެމެދު ހިނގާ މައްސަލައިގައި އީރާނަށް ތާއީދުކުރައްވާ ކަން ހާމަކުރައްވާފައެވެ.
ޕާކިސްތާނުގެ އިސް ބައެއް މަސްއޫލުވެރިން ވިދާޅުވީ ފައިސާ ހިފެހެއްޓުން ފަދަ ފިޔަވަޅެއް އަޅާފާނެކަން ގަބޫލުކުރެވިފައިވީ ނަމަވެސް، އެފިޔަވަޅު އެޅުމުން ސަރުކާރު ހިތްހަމަ ނުޖެހިފައިވާ ކަމުގައެވެ. އަދި ޕާކިސްތާނުން އެފައިސާ ހޯދަން އާދޭސް ނުކުރާނެ ކަމަށާ، ފައިސާ ނުދީފިނަމަ ކޮންމެވެސް ގޮތަކުން އެފައިސާ ހަމަޖެއްސޭނެ ކަމަށްވެސް އެބޭފުޅުން ވިދާޅުވިއެވެ.