ޖަލުގައި ހުންނަވައިގެން ބްރެޒިލްގެ ރިޔާސީ އިންތިޚާބަށް ކުރިމަތިލެއްވި އެ ގައުމުގެ ކުރީގެ ރައީސު ލުއިޒް އިނާސިއޯ ލޫލާ ޑަސިލްވާއަށް އިންތިޚާބުގައި ވާދަނުކުރެއްވޭނެކަމަށް ބްރެޒިލްގެ އިންތިޚާބުތަކާ ބެހޭ ކޯޓުން ނިންމައިފިއެެވެ.
މުޅިގަައުމު ނޭވާ ހިފަަހައްޓާލައިގެން ތިބެ އިންތިޒާރުކުރަމުން ދިޔަ ނިންމުން އައީ ކޯޓުގައި މައްސަލައާއި ބެހޭގޮތުން ދިގު ބަހުސުތަކެއް ކުރުމަށްފަހުގައެވެ.
ރިޝްވަތު ހިއްޕެވުމުގެ ކުށުގައި ފާއިތުވި އެޕްރީލްމަހުން ފެށިގެން ޖަލުގައި ހުންނެވި ލޫލާ ޑަސިލްވާގެ ފަރާތްޕުޅުން ހުށަހެޅި މައްސަލަ ބެލުމަށްފަހު ސުޕީރިއާ އިލެކްޓޯރަލް ކޯޓުން ވަނީ 6-1 ގެ ބޮޑު އަޣުލަބިއްޔަތުން އޭނާއާ ދެކޮޅަށް މައްސަލަ ނިންމާފައެވެ.
ކޯޓުގެ ނިންމުން އައުމާއެކު ލޫލާގެ ޕާޓީ ވާކާސް ޕާޓީ (ޕީޓީ) އިން ބުނީ އޭނާއަށް ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވޭނެ ގޮތް ހަދަން ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރާނެ ކަމަށެވެ. އަދި ދެވެން އޮތް ހުރިހާ ކޯޓަކަށް އެމައްސަލަ ހިފައިގެން ދާނެކަމަށެވެ.
"އަހަރުމެން ރައްޔިތުންނާއެކު ލޫލާގެ ދިފާއުގައި މަގުމައްޗަށް ނުކުންނާނަން." އެ ޕާޓީން ނެރުނު ބަޔާނެއްގައި ބުނެފައި ވެއެވެ.
2003 އިން 2010 އަށް ބްރެޒިލްގެ ރައީސުކަން ކުރެއްވި ލޫލާ ޑަސިލްވާގެ ދައުރުގައި ބްރެޒި މީހުންގެ އާމްދަނީ އިތުރުވެ ތަނަވަސް މީހުން ގިނަވެގެން ދިއުމުގެ ސަބަބުން އޭނާ ވެވަޑައިގެންފައި ވަނީ ގިނަ ބައެއްގެ މެދުގައި މަގުބޫލު ބޭފުޅަކަށެވެ. ރިޔާސީ ދައުރު ހަމަކުރައްވާފައި ވަކިވެވަޑައިގަތް އިރުވެސް ބްރެޒިލްގެ %80 މީހުން އޭނާގެ ވެރިކަމާ މެދު ރުހެއެވެ.
1.2 މިލިއަން ޑޮަލަރުގެ ރިޝްވަތެއް ހިއްޕެވުމުގެ ކުށުގައި އޭނާ 9 އަހަރާއި 6 މަސްދުވަހަށް ޖަލަށްލުމަށް 12 ޖުލައި 2017 ގައި ބްރެޒިލްގެ ކޯޓަކުން ހުކުމް ކުރިއެވެ. އެެހެންނަމަވެސް، މައްސަލަ އިސްތިއުނާފަށް ހުށަހަޅާފައިވާތީ އޭނާ މިނިވަންކޮށް ހުންނަވަނިކޮށް، މައްސަލައިގެ އިސްތިއުނާފު މަރުހަލާތައް ނުނިމުނަސް އޭނާ ޖަލަށްލުމަށް 5 އެޕްރީލް 2018 ގައި ސުްޕްރީމް ފެޑެރަލް ކޯޓުން ހުކުމްކުރުމާ ގުޅިގެން އެދުވަހުން ފެށިގެން އޭނާ ހުންނެވީ ޖަލުގައެވެ.
އޮކްޓޯބަރު މަހު އޮންނަ ރިޔާސީ އިންތިޚާބަށް އޭނާއަށް ކުރިމަތިލެއްވޭނަމަ، އޭނާ ހޮވިވަޑައިގަންނަވާނެކަމީ އެންމެން އެެއްބަސްވާ ކަމެެކެވެ.