ލީބިޔާގައި ވަގަށް ނަގާފައިވާ ދެކުނު ކޮރެޔާ މީހަކު ސަލާމަތްކުރެވޭތޯ މަނަވަރެއް ފޮނުވައިފި

ދެކުނު ކޮރެޔާގެ މަނަވަރު 'މުންމޫ ދަ ގްރޭޓް'

ލީބިޔާގައި ވަގަށް ނަގާފައިވާ ދެކުނު ކޮރެޔާގެ މީހަކު ސަލާމަތްކުރުމަށް ބާރު އެޅުމުގެ ގޮތުން ދެކުނު ކޮރެޔާއިން އެގައުމުގެ މަނަވަރެއް ލީބިޔާ ކައިރިއަށް ފޮނުވައިފިއެވެ. މަނަވަރު ފޮނުވުގެ ބޭނުމަކީ އަސްކަރީ ބާރުދެއްކުން ކަމަށް ބެލެވެއެވެ.

ދެކުނު ކޮރެޔާގެ މަސްއޫލުވެރިއަކު ވިދާޅުވިގޮތުގައި ގަލްފް އޮފް އަދަންގައި ކަނޑުފޭރޭ މީހުންނާއި ދެކޮޅަށް ހަރަކާތްތެރިވަމުން ދިޔަ 'މުންމޫ ދަ ގްރޭޓް' ނަމަކަށް ކިޔާ 4000 ޓަނުގެ މަނަވަރު މިހާރު ދަނީ ލީބިޔާއާ ދިމާއަށް  ދަތުރުކުރަމުންނެވެ.

"ވިޔަފާރި އުޅަނދުތައް ހިމާޔަތްކުރުމުގެ އިތުރަށް، ބޭނުންޖެހިއްޖެ ހިނދެއްގައި އަސްކަރީ އެހީތެރިކަން ފޯރުކޮށްދިނުމަށްވެސް އެ އުޅަނދު ދަނީ ތައްޔާރުވަމުން" އިތުރު ތަފްސީލެއް ދިނުމަކާ ނުލައި، ދެކުނު ކޮރެޔާގެ ޑިފެންސް މިނިސްޓަރީގެ ތަރުޖަމާނަކު އޭއެފްޕީއަށް ބުންޏެވެ.

ފިލިޕީންސްގެ ތިން އިންޖިނަރުންނާއެކު ދެކުނު ކޮރެޔާ މީހާ ފާއިތުވި ޖުލައި މަހުގެ 6 ވަނަ ދުވަހު ވަގަށް ނަގާފައި ވަނީ ލީބިޔާގެ ހުޅަނގުގައި ހިންގާ ފެނުގެ މަޝްރޫއެއްގައި އެމީހުން މަސައްކަތްކުރަމުން ދަނިކޮށެވެ.

ވަގަށް ނަގާފައިވާ ހަތަރު މީހުންނާއެކު ހަތިޔާރު އެޅި ގާޑަކު ފެންނަ ވީޑިއޯއެއް މީސްމީޑިޔާގައި އާއްމުވެފައިވާއިރު، އެމީހުން ވަގަށް ނަގައިގެން އުޅެނީ ކޮން ބައެއްކަން އަދިވެސް ނޭނގެއެވެ.

"ޓްރިޕޮލީ (ޠަރާބުލުސް) ގައި ހުންނަ ފިލިޕީންސް އެންބަސީން ވަނި ވީޑިއޯއިން ފެންނަނީ ގެއްލުނު ތިން މީހުންކަން ކަށަވަރުކޮށްދީފައި." ފިލިޕީންސްގެ ފޮރިން އެފެއާޒް ޑިޕާޓްމަންޓުގެ ތަރުޖަމާނު އެލްމެރް ކާޓޯ ބުނެފައި ވެއެވެ.

"ސަރުކާރުން ދަނީ މިކަމުގެ ކުރެވެން އޮތްހާ ކަމެއް ކުރަމުން. އޭނާގެ ގައުމާއި އޭނާގެ ރައީސު އެއްފަހަރުވެސް އޭނާގެ މަތިން ހަނދާން ނުނެތޭ." ދެކުނު ކޮރެޔާގެ ރިއާސީ ގަނޑުވަރުގެ ތަރުޖަމާނު ކިމް އެއި ކިޔޯމް ބުނެފައި ވެއެވެ.

2011 ވަނަ އަހަރު މުއައްމަރުން ގައްޒާފީގެ ވެރިކަން ވެއްޓުނު ފަހުން ލީބިޔާގައި މަސައްކަތްކުރާ ބޭރު މީހުންނަށާއި، ޑިޕްލޮމެޓިކް މިޝަންތަކުގެ މީހުންނަށް ހަތިޔާރު އެޅި ޖަމާއަތްތަކުން އަންނަނީ ނުރައްކާކުރަމުންނެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.