ސީރިޔާ ސަރުކާރަށް އެހީތެރިވުމަށް އެގައުމުގައި ހަރަކާތްތެރިވަމުންދާ އީރާނުގެ ސިފައިން އެގައުމުން ބޭރުކުރުމަށް، މިހާރު ރަޝިޔާއަށް ރަސްމީ ދަތުރެއް ކުރަމުން ގެންދާ އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ރަޝިޔާގެ ރައީސު ވްލާޑިމީރް ޕުޓިންގެ އަރިހުން އެދިއްޖެކަަށް އިސްރާއީލުގެ މަސްއޫލުވެރިޔަކު ބުނެފިއެވެ. ނަތަންޔާހޫ ޕުޓިންގެ އަރިހުގައި ބުނިކަމަށް ވަނީ އަސަދުގެ ސަރުކާރަކީ އިސްރާއީލަށް ބިރެއް ނޫންކަމަށާއި، ބިރު އޮތީ އީރާނު މީހުންގެ ފަރާތުން ކަމަށެވެ.
ނަތަންޔާހޫ ރަޝިޔާއަށް ކުރާ ދަތުރާ ދިމާކޮށް މިހާރު ރަސްމީ ދަތުރުފެއް ކުރައްވަމުން ގެންދަވާ އީރާނުގެ ދީނީ މުރްޝިދުގެ ބައިނަލްއަގްވާމީ ގުޅުންތަކާ ބެހޭ މުޝީރު ޢަލީ އަކްބަރު ވިލާޔަތީ ވިދާޅުވީ އޭނާ ވަޑައިގެންނެވީ ވަރަށް މިހިއްމު ސިޓީފުޅެއް ހިއްޕަވައިގެން ކަމަށާ، އޭގެ ސަަބަބުން އީރާނާއި ރަޝިޔާގެ ގުޅުން އައު މިސުރާބަކަށް އެނބުރުން އެކަށީގެންވާ ކަމަށެވެ.
ނަން ހާމަކުރަން ބޭނުންނުވާ އިސްރާއީރުގެ މަސްއޫލުވެރިޔާ ބުނީ ތިމަަންމެން އަސަދުގެ ސަރުކާރާމެދު އެއްވެސް ފިޔަވަނާޅާނެކަމަށާ ކަލޭމެން އީރާނު މީހުން ބޭރުކޮށްދޭށޭ ކަމަށެވެ.
އަދިވެސް އެ މަސްއޫލުވެރިޔާ ބުނ ގޮތުގައި ރަޝިޔާ މިހާރު ދަނީ އިސްރާއީލުން ހިފާފައިވާ ޖޫލާނުގެ އުސްބިންތަކާ ކައިރި ސީރިޔާގެ ސަރަހައްދުތަކުގައި ތިބި އީރާނު މީހުން އެ ސަރަހައްދުން ދުރުކުރުމުގެ މަސައްކަތް ކުރަމުންނެވެ.
މިއީ ރައީސު ޕުޓިން ފާއިތުވި ދެ މަސްދުވަހުގެ ތެރޭގައި ބޮޑުވަޒީރު ނަތަންޔާހޫއާއި ބައްދަލުކުރެއްވި ދެވަނަ ފަހަރެވެ. ވިލާޔަަތީ ރަޝިޔާއަަށް ވަޑައިގެން އުޅުއްވަނީ އީރާނުގެ ރައީސު އަލީ ޚާމަނާއީގެ ސިޓީފުޅެއް ރައީސު ޕުޓިންއަށް އެރުވުމަށެވެ.
އަނެއްކޮޅުން، ރަޝިޔާގެ ދިފާއީ ވަޒީރު ސަރްގޭ ޝޮއިގޫ ވަނީ އިސްރާއީލާއި އީރާނާ ދެމެދު އުފެދިފައިވާ ނުތަނަވަސްކަން ދެފަރާތުން ވާހަކަަދައްކައިގެން ކުޑަކުރުމަށް ގޮވައިލައްވާފައެވެ.