އިސްރާއީލުގައި އިބްރީ ބަހުން ނެރޭ ޔިސްރާއީލް ހަޔޫމް ނޫހުން މިއަދު ބުނި ގޮތުގައި އިސްރާއީލާއި ދެކޮޅަށް ޣައްޒާގައި އިހުތިޖާޖު ކުރަމުންދާ މީހުން އިސްރާއީލުގެ ތެރެއަށް އެެއްދުވަހުގެ ތެރޭގައި ފޮނުވާލި 'އަލިފާން ފުއްޕާހަންތަކުން' އިސްރާއީލުގެ 3 އަކަކިލޯމީޓަރު ސަރަަހައްދެއްގައި ރޯވެ އަނދައިފިއެވެ.
އަލިފާން ރޯވެ އަނދާފައި ވަނީ އިސްރާއީލުން 'ގާޒާ އެންވިލޮޕް' ގެ ނަންދީފައިވާ، ޣައްޒާގެ ސަރަހައްދީ ރޮނގުން ފެށިގެން ހަތް ކިލޯމީޓަރު ސަރަހައްދުގައި ބިނާކޮށްފާއި އިސްރާއީލުގެ އަވަށްތަކުގައެވެ. އެ ސަރަހައްދުގައި ސަރުކާރުގެ ބެލުމުގެ ދަށުގައިވާ ބަގީޗާތަކާއި ބިންތަކުގެ %25 ގައި ރޯވެ އަނދާފައިވާ ކަމަށް ވެއެވެ.
"ފާއިތުވި މޭ މަސް ނިމުނީއްސުރެ މިހާތަނަށް އިސްރާއީލުގައި އަނދާފައިވާ ބިންތަކުގެ ބޮޑުމިން 33 ހާސް ދޯނަމަށް (33 އަކަ ކިލޯމީޓަރަށް) އަރައެވެ. އޭގެ ތެރޭގައި ދަނޑުތަކާއި، ވިނަތަކާއި، ޖަންގަލިތައް ހިމެނެއެވެ." އެ ނޫހުގައި ވެއެވެ.
އަދިވެސް އެނޫހުގައި ލިޔެފައިވާ ޚަބަރުގައި ވެއެވެ. ކިބުޓްސް ކަރްމިޔާ (އިސްރާއީލުން ބިނާކޮށްފައިވާ އާބާދީއެއް) އަށް ވެއްޓުނު ފުއްޕާހަމެއްގައި ލިޔެފައި އޮތެވެ. 'ކަލޭމެން އަހަރުމެންގެ ބިން ދޫކޮށް ދާށެވެ. އެހެންނޫނީ އެއްވެސް ފެހި ތަންކޮޅެއް ކަލޭމެންނަށް ފެންނަން ނުއޮންނާނެއެވެ.'"
ޣައްޒާ ކައިރީގައި އޮންނަ އިސްރާއީލުގެ އާބާދީއެއްގައި ދިރިއުޅޭ އަންހެނަކު ބުނީ އަލިފާން ފުއްޕާހަމަކީ މިހާރު އާދަވެގެން ކޮންމެ ދުވަހަކު އަންނަ އެއްޗަކަށް ވެއްޖެ ކަމުގައެވެ.
އިސްރާއީލުގެ އުދުވާނާއި ދެކޮޅަށް ޣައްޒާގައި އިހުތިޖާޖުކުރާ ފަލަސްޠީނުގެ ޒުވާނުންގެ އެންމެ ފަހުގެ ހަތިޔާރަކަށް ވެފައިވަނީ ފަސޭހައިން ރޯވާ ގޭސް އަޅާފައި ދޫކޮށްލާ ފުއްޕާހަން ތަކެވެ. ކުރިން ބޭނުންކުރަމުން އައީ އަލިފާން ގުޑިއެެވެ. އިސްރާއީލުގެ ޖަސްޓިސް މިނިސްޓަރު އަޔެލެޓް ޝާކެޑް ބުނެފައި ވަނީ ފަލަސްޠީނުގެ ޒުވާނުން ފޮނުވާ އަލިފާން ފުއްޕާހަމުގެ ނުރައްކާތެރިކަން ރޮކެޓަށް ވުރެ ކުޑަ ނޫންކަމުގައެވެ.
އިސްރާއީލުގެ އާބާދީއެއްގެ މީހަކު ބުނިފަދައިން ޤައްސާމް ރޮކެޓަށް ވުރެ އެ ފުއްޕާހަންތަކުގެ ނުރައްކާ ބޮޑެވެ. އެ އަންނަ ކަމުގެ އިންޒާރެއް ނުލިބެއެވެ. އެ ވެއްޓޭނީ ކޮން އިރަކު ކަމެއް އެކަކަށްވެސް ނޭނގެއެވެ.