ރަޝިޔާގެ ވައިގެ ދިފާއީ ނިޒާމު ގަތުން ހުއްޓާނުލާނަން: ތުރުކީ

ރަޝިޔާއިން އުފައްދާ އެސް-400 ވައިގެ ދިފާއީ ނިޒާމު

ރަޝިޔާއިން އުފައްދާފައިވާ އެންމެ ޒަމާނީ ވައިގެ ދިފާއީ ނިޒާމު އެސް-400 ގަތުމުން "އެއްގޮތަކަށްވެސް ފަހަތަށް ޖެހުމެއް ނެތް"ކަން ތުރުކީގެ ރިޔާސީ ތަރުޖަމާނު އިބްރާހީމާ ޤާލަން ކަށަަވަރުކޮށްދއްވައިފިއެވެ.

އޭނާގެ މި ވާހަކަފުޅު އައިސްފައިވަނީ، ރަޝިޔާގެ އެސް-400 ވައިގެ ނިޒާމު ތުރުކީން ގަނެފިނަމަ، އެގައުމާ ދެކޮޅަށް އިގްތިސާދީ ފިޔަވަޅު އަޅާނެކަމުގެ އިޝާރާތެއް ކޮށްފައި ވަނިކޮށް، ބުރާސްފަތި ދުވަހު ބްލޫމްބާގް ޓީވީގައި ދެއްކެވި ވާހަކައިގައެވެ.

މި ވާހަކަފުޅާއި ގުޅޭގޮތުން ތުރުކީގެ ރަސްމީ ޚަބަރުފަތުރާ އަނަޑޯލޫ ނިއުސް އެޖެންސީން ބުނެފައިވާ ގޮތުގައި، ތުރުކީން ބޭނުންވަނީ އެމެރިކާއާއެކު ރަނގަޅު ގުޅުމެއް ދަމަަހައްޓާށެވެ. އެހެންނަމަވެސް، އެމެރިކާން އިގްތިސާދީ ގޮތުން ދަތިކުރުމުގެ ފިޔަވަޅު އަޅައިފިނަމަ، ތުރުކީން "އެކަމަށް ރައްދުދޭނެއެވެ. އަދި އަޅަން ޖެހުނު ކޮންމެ ފިޔަވަޅެއް އަޅާނެއެވެ."

އަދިވެސް އޭނާއާއި ހަވާލާދީ އަނަޑޯލޫއިން ބުނެފައި ވެއެވެ. "ދެން ފަހަތަށް ޖެހުމަކީ ވާނޭ ކަމެއް ނޫނެވެ. އެއްބަސްވުންތައް ވަނީ އެކުލަވާލެވިފައެވެ. އޭގައި ވަނީ ސޮއިކުރެވިފައެވެ. އަދި އަންނައަހަރު އެނިޒާމުތައް ހަވާލުކުރާނެއެވެ. އެެއެއްބަސްވުމުގައި ޓެކްނޮލޮޖީ ބަދަލުކުރުންވެސް ހިމެނެއެވެ. އަދި އެއީ އެ އެއްބަސްވުމުގައިވާ އަހަރުމެންނަށް އެންމެ މުހިއްމު ބައެވެ. އެހެނީ، އަހަރުމެން ބޭނުންވަނީ ހަމައެކަނި އެ ޓެކްނޮލޮޖީ ހޯދައިގެން އޭގެ ބޭނުންކުރާކަށް ނޫނެެވެ. އަހަރުމެން ބޭނުންވަނީ އެ ނިޒާމު އުފައްދާށެވެ."

ތުރުކީ ބޭނުންވާ ޝަރުޠުތައް ފުރިހަމަވާނަމަ، އެމެރިކާގެ ޕެޓްރިއޮޓް ވައިގެ ދިފާއީ ނިޒާމު، ނުވަތަ ހުޅަނގުގެ އެފަދަ އެހެން ނިޒާމެއް ވިޔަސް ގަަތުމާމެދު ތުރުކީން ވިސްނާނެ ކަމަށްވެސް ޤާލަން ވިދާޅުވިއެވެ.

އެނެއްކޮޅުން އީރާނުން ތެޔޮ ގަތުން ހުއްޓާލުމަށް އެމެރިކާއިން ގޮވާލާ ގޮވާލުމާ ބެހޭގޮތުން ޤާލަން ވިދާޅުވީ ތުރުކީން ހަރަކާތްތެރިވާނީ އެގައުމުގެ އިގްތިސާދީ މަސްލަހަތަށް ވިސްނައިގެންނެވެ." އަދި އީރާނާ ތުރުކީއާ ދެމެދު ގުޅިފައިވާ ސަރަހައްދީ ރޮނގެއް އޮތް އިރު "އީރާނަކީ މުހިއްމު ވިޔަފާރީގެ ބައިވެރިއެކެވެ."

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.