ރާއްޖޭގެ ކަންކަން އިސްލާހުކޮށް ހަމައަކަށް އެޅުވުމަށް ދިވެހިރައްޔިތުން ހަވާލުކުރާ ކިތަންމެ ބޮޑު ޒިންމާއެއްވެސް އުފުލަން ތައްޔާރަށް ހުންނެވި ކަމަށް ކުރީގެ ނާއިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.
އާފަތިހަށް ދެއްވި އިންޓަރވިއުއެއްގައި އެމަނިކުފާނު ވިދާޅުވީ ސިޔާސީ މަސައްކަތްޕުޅަކީ ރައްޔިތުންނަށްޓަކައި ކޮށްދެއްވާ މަސައްކަތްޕުޅުތަކެއް ކަމަށެވެ. އެކަމުގައި ދެމިހުންނަވާނެ ކަމަށްވެސް ވިދާޅުވިއެވެ.
ކުރިއަށްއޮތް ރިޔާސީ އިންތިޚާބުގައި ކޯލިޝަނުން އެއްކެންޑީޑޭޓް ނެރުމާބެހޭ ގޮތުން އެމަނިކުފާނު ވިދާޅުވީ ކޯލިޝަންގެ 4 ލީޑަރުން ނަންތަކެއް ހިއްޕަވައިގެން ތިއްބައިގެން މަޝްވަރާ ކުރެއްވުމަށްފަހު ކެންޑިޑޭޓު ކަނޑައަޅައި ނިންމުމުގެ ފުރުސަތު ވެސް އެބައޮތް ކަމަށެވެ.
ރިޔާސީ އިންތިޚާބުގައި ކޯލިޝަން ކެންޑިޑޭޓެއްގެ ގޮތުގައި ނުކުމެވަޑައިގެންފާނެތޯ ދެންނެވުމުން އެމަނިކުފާނު ވިދާޅުވީ ކޯލިޝަނުގެ ކެންޑިޑޭޓު ނެރުމަކީ އޭގައި ހިމެނޭ 4 ލީޑަރުންގެ މަޝްވަރާގެ މަތިން ނިންމަންޖެހޭ ކަމެއް ކަމަށެވެ. "އެހެންނަމަވެސް ރައްޔިތުން ކަމެއް މަތިކޮށްފިނަމަ އެކަމަށް ފުރަގަހެއް ނުދޭނަން. އެކަމަކާ ކުރިމަތިލާނަން،" ޑރ. ޖަމީލް ވިދާޅުވިއެވެ.
އެ މަނިކުފާނު ވިދާޅުވީ ރާއްޖޭގެ ސިޔާސީ ހާލަތަށް ބާއިރު މިހާރުއޮތީ ޚާއްސަ ހާލަތެއް ކަމަށެވެ. އެހެންކަމުން ސިޔާސީ ބޭފުޅުން އަދި ޚާއްސަކޮށް ކޯލިޝަންގެ ބޭފުޅުން އެންމެ ބޮޑަށް އިސްކަން ދެއްވަންޖެހޭނީ އެހާލަތުން އަރައިގަނެ ގައުމުގެ ކަންކަން އޮމާންކަމާއެކު ކުރިއަށް ގެންދެވޭނެ އުސޫލަކަށް ކަމަށްވެސް ޑރ. ޖަމީލް ވިދާޅުވިއެވެ.
ޑރ. ޖަމީލަކީ ރައީސް ޔާމީން ވެރިކަމަށް ގެންނެވުމަށް ޕީޕީއެމްއިން 2013 ވަނަ އަހަރުކުރި ކެންޕޭނުގައި އެންމެ އިސްދައުރެއް އަދާކުރެއްވި އެއްބޭފުޅާއެވެ. އެމަނިކުފާނު ވަނީ އެދުވަސްވަރު ރަށްރަށަށް ވަޑައިގެން ކެންޕޭންޖަލްސާތައް ބާއްވައި ވަރަށްބޮޑަށް މަސައްކަތް ކުރައްވައިފައެވެ. މުޅި ކެންޕޭނުގައި އެމަނިކުފާނު ވަނީ 500 އެއްހާ ސްޕީޗު ވެސް ދެއްވައިފައެވެ. "އޭރު ރައީސް އަރިހުގައި މިހާރު އެންމެ އަރިސްކޮށް އުޅުއްވާ ބައެއް ބޭފުޅުން ނުވެސް އުޅުއްވާ،" ޑރ. ޖަމީލް ވިދާޅުވިއެވެ.
އެމަނިކުފާނުގެ މިސައްކަތްތަކަށް ބައްލަވާއިރު ރިޔާސީ ކެންޑިޑޭޓަކަށް އެމަނިކުފާނު ނުކުންނަވަން ބޭނުންވާ ބައެއް މީހުން ވެސް އެބައުޅެއެވެ. ސަބަބެއް ކަމަށްވަނީ ޑރ. ޖަމީލަކީ ސިޔާސީ ތަޖުރިބާ ހުންނެވި އިލްމީ ބޭފުޅަކަށް ވުމެވެ.